މުސްލިމުންގެ މެދުގައި ވަހުދަތު ގާއިމުކުރަން ބޭނުންވާ ނަމަ އިސްލާމް ދީނުގެ އަހުލާގުން ޒީނަތްތެރިވެ, އެއްބަޔަކު އަނެއް ބަޔަކަށް އަޅާލައި ހެޔޮފޯރުވައި, ރަހުމަތްތެރިކަމާއި އެކުވެރިކަން ގާއިމުކޮށް, އެއްބަޔަކު އަނެއް ބަޔަކަ ގުޅި, ދެބަސްވުންތަކާއި އަރައިރުންތަކާ ދުރުހެލިވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިސްލާމީ ވަހްދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަން" މި މައުޟޫއަށް ދިން ހުކުރު ހުތުބާގައި ބުނީ, އިސްލާމީ ފުތޫހާތުތައް ދުނިޔޭގެ އިރުމައްޗަށާއި ހުޅަނގަށް ފެތުރިގެން ދިޔައީ މުސްލިމުންގެ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށާއި ނަމަވެސް މުސްލިމުންގެ މެދުގައި އެ އެއްބައިވަންތަކަމާއި އުހުއްވަތްތެރިކަން ނެތި ދިއުމުން އިސްލާމީ ދައުލަތުގެ ބާރުތައް ނިކަމެތިވެ, ދުޝްމަނުން އަހަރުމެންގެ މައްޗަށް ތަފާތު ގޮތްގޮތަށް ބާރު ފޯރުވަންފެށި ކަމަށެވެ.

އެގޮތުން އިސްލާމީ އުއްމަތާ މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން އިސްލާމީ އުއްމަތުގެ ވަހުދަތުގައްޔާއި އެއްބަނޑުއެއްބަފައިކަމުގެ ގެތުންތަކުގައި އެބަހުރި ކަމަށާއި އެކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުން ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކުރަންޖެހޭ ކަމަކީ މުސްލިމުންގެ ހިތްތައް އެކަތިގަނޑަކަށް ހެދުމަށް އެ މީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި ކުލުނުވެރިކަމާއި ހިތްހެޔޮކަމުގެ ޝުއޫރު އާލާކުރުން ކަމަށާއި އެކަމާ އަރާރުންވެދާނެ ކޮންމެ ކަމަކާ ދުރުހެލިވުން ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ, އިސްލާމީ ވަހުދަތާއި އީމާންކަމުގެ އުހުއްވަތްތެރިކަން ގާއިމު ކުރެވޭނީ އަރައިރުންތަކާއި ދެބަސްވުންތަކާއި ބައިބައިވުމުން އެކަހެރިވެ ތިބެގެން ކަމަށާއި އަމިއްލަ މަސްލަހަތުތަކާއި ދުންޔަވީ މަންފާތަކަށްވުރެ މުޖުތަމައާއި ގައުމާއި އުއްމަތުގެ މަސްލަހަތުތައް އިސްކޮށްގެން ކަމަށް ބުންޏެވެ.

އަދި ދަރީންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމާއި އެ ދީން ގެނެސްދިިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި ވަހްދަތު ދަރީނަށް ދަސްކޮށްދީ އެ ގޮތުގެ މަތީން އެ ކުދިން ތަރުބިޔަތު ކުރުމަށް ބެލެނިވެރިންނާއި އެދުރުންނަށް ހުތުބާގައި ގޮވާލިއެވެ.