މީގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ ހިދުމަތްތައް ދެމުން އައީ ކަރުދާހުގައި ގިނަ ފޯމުތަކެއް ހުށަހަޅާ ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަކޮށްގެންނެވެ. މިކަމަށް އެތަކެއް ރައްޔިތުންނެއްގެ އަގުހުރި ވަގުތު ހޭދަކުރަންޖެހެއެވެ. ފޯމު ޕްރޮސެސްވުމުގައިވެސް ގިނަ ވަގުތު އަދި އުނދަގޫތަކާ އާންމުން ކުރިމަތިލާންޖެހެއެވެ. މީގެ އިތުރުން މިކަމަކީ އެހާމެ ހަރަދު ބޮޑު، އެތަކެއް ތަކުލީފަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ.
އެހެންނަމަވެސް މިހާރު އެޗްޑީސީން ދެމުން އައި ގިނަ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ހުރިހާ ހިދުމަތެއް އެއް ތަނަކުން ހޯދޭނެހެން އޮންލައިން ޕޯޓަލްއެއް ވަނީ ތައްޔާރުކުރެވި ބޭނުންކުރަން ފަށައިފައެވެ. މިގޮތުން "މައިހުޅުމާލެ" ޕޯޓަލްގެ ނަމުގައި ތައާރަފު ކުރެވުނު ޕޯޓަލް ވެގެން ދިޔައީ އެތައް ބަޔަކަށް ގިނަގުނަ ލުއިތަކެއް ލިބިގެންދިޔަ ކަމަކަށެވެ.
އެޗްޑީސީން ބުނިގޮތުގައި ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެހެނިހެން މައުލޫމާތު އެއްތަނަކުން ފަސޭހަގޮތެއްގައި މައިހުޅުމާލެ ޕޯޓަލުން ލިބިގެން ދާނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މުނިސިޕަލް ހިދުމަތް، އިވެންޓް ސްޕޭސް ފަދަ ތަންތަން ބުކްކުރުން، އަދި ހިދުމަތްތަކަށް އެދުން ފަދަ ކަންކަން ހިމެނެއެވެ. މިގޮތުން މަގުމަތީގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގު ބަންދުކުރުމުގެ ހުއްދަ ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި އެ ކޯޕަރޭޝަނުން އިވެންޓް ސްޕޭސްގެ ގޮތުގައި އާންމުންނަށް ދޫކުރާ އެންމެ މަގުބޫލު އެއްތަން ކަމަށްވާ ފަރުކޮޅުފުށިވެސް އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެ އިންތިޒާމުތައް މިހާރު ވާނީ ހަމަޖައްސައިފައެވެ. އަދި ފަރުކޮޅުފުށި އިވެންޓް ސްޕޭސް ކައިވެނީގެ ހަފުލާތަކާއި ކޯޕަރޭޓް އިވެންޓްސް އަދި އެކި ކަހަލަ ރަސްމިއްޔާތުތަކަށް ފަރުކޮޅުފުށީގެ ކޯޓްޔާޑް އަދި ކޮންފަރެންސް ހޯލު އާންމުންނަށް ބޭނުންކޮށްލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ މައި ހުޅުމާލޭ ޕޯޓަލް ތައާރަފުކުރުމުގެ ސަބަބުން އެ ކޯޕަރޭޝަނުން ހިދުމަތް ހޯދާ ގިނަބައެއްގެ ވަގުތު ސަލާމަތްވެ، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ހިދުމަތްތައް އަވަސްވެ، އަދި ކުންފުނީގެ ހަރަދުވެސް ކުޑަވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި، ރައްޔިތުން އެދޭގޮތަށް ހިދުމަތް ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.