މާލޭގެ ގެއެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހެންވޭރު ގެއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތެއް އިއްޔެ މެންދުރު 12:21 ގައި ލިބިފައިވާ ކަމަށެވެ. އަދި އެއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މައްސަލައެއްކަން އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.
އެ މާރާމާރީގައި ޒަހަމްވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި އޭރު ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން އަދި ވަނީ ސާފުވާ ގޮތެއް ނުވެފައެވެ. އޭނާގެ ހާލަތު ބެލުމަށް "ވަން" އިން ސެނަހިޔާ ހޮސްޕިޓަލަށް ގުޅާލުމުން ވިދާޅުވީ އެ ހޮސްޕިޓަލުން މީޑިއާއަށް މައުލޫމާތު ދޭނެ މީހެއް ނެތް ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބިފައިވާ ޒަހަމްގެ ތަފުސީލެއް ނުލިބެއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހަމަލާދިން 25 އަހަރުގެ ދިވެހި އަންހެނަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު