ކޮރަޕްޝަން މައްސަލައެއްގައި މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކުރީގެ ސީއީއޯގެ މުޖުތަބާ ޖަލީލުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ، މުޖުތަބާގެ މައްޗަށް ދައުވާކުރަން ފޮނުވީ، އެންސްޕާގެ ބޭނުމަށް 2015 ވަނަ އަހަރު ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ ސީއީއޯ ކަމުގެ މަގާމުގައި ހުރެ މުޖުތަބާ ސޮއިކޮށް، އެންސްޕާއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖުތަބާއާވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށައަޅާފައިވާ ކޯޓޭޝަންތަކެއްކަން ތަހުގީގަށް ހާމަވެފައިވާތީ ކަމަށެވެ.

މި މައްސަލާގައި މުޖުތަބާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.