މެންޗެސްޓާ ސިޓީގައި ހޭދަކުރަމުން އަންނަ ވަގުތުތަކަށް ފުރިހަމަކަމެއް ގެނެވޭނީ ޗެމްޕިއަންސް ލީގުގެ ތަށްޓަކާ އެކުގައި ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޕްރިމިއާ ލީގު ވޯލްޑް ކަޕަށް މެދުކަނޑާލާފައި ވަނިކޮށް ގާޑިއޯލާ ވަނީ ސިޓީގެ އެއްބަސްވުން 2025 ވަނަ އަހަރާ ހަމައަށް އާކޮށްފައެވެ. 2016 ވަނަ އަހަރު ގާޑިއޯލާ ސިޓީއާ ހަވާލުވެފައިވާ އިރު، އެޓީމުން ވަނީ ޖުމުލަ ނުވަ ތަށްޓެއް ހޯދައިފައެވެ. އެހެން ނަމަވެސް އަދި ޔޫރަޕްގެ ކާމިޔާބީއެއް ގާޑިއޯލާއަށް ސިޓީއާއެކު ހޯދިފައެއް ނުވެއެވެ.
ސިޓީން ގާޑިއޯލާއާއެކު ޗެމްޕިއަންސް ލީގު ހޯދުމާ އެންމެ ގާތަށް ޖެހިލީ 2021 ވަނަ އަހަރުއެވެ. އެ ފަހަރު ފައިނަލަށް ސިޓީން ދިޔަ ނަމަވެސް، ޗެލްސީއާ ވާދަކޮށް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ސިޓީން މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީގައި ކެޓީ ރެއާލް މެޑްރިޑް އަތުންނެވެ. އޭގެ ކުރިން ތިން ފަހަރުވެސް ކުއާޓާ ފައިނަލުން ކަޓާފައިވާ އިރު، ގާޑިއޯލާގެ ފުރަތަމަ ސީޒަނުގައި ސިޓީއަށް ޗެމްޕިއަންސް ލީގުން އަލްވަދާއު ކިޔަން ޖެހުނީ ގަދަ 16 އިންނެވެ.
"ކާމިޔާބުކުރަން ޖެހޭ ހަމައެކަނި ތަށްޓަކީ އެއީއެއް ނޫން، އެކަމަކުވެސް އެއީ އަހަރެމެން މިވަގުތު ބޭނުންވާ ތަށްޓަކީ. އަހަރެން ސިޓީގައި މި ހޭދަކުރާ މުއްދަތު އެންމެ ފުރިހަމަވާނީ ޗެމްޕިއަންސް ލީގު ތަށްޓަކާއެކު،" ގާޑިއޯލާ ބުންޏެވެ.
ސިޓީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވި، ގާޑިއޯލާއަށް ބައެއް ފާޑު ކިޔުންތައްވެސް އަމާޒުވަމުން އަންނައިރު، އޭނާ ބުނީ އެ ތަށި ލިބުމުގެ ކޮޅުމަތި ފެންނަ ކަމަށެވެ.
"ޗެމްޕިއަންސް ލީގު ތަށްޓަށް ޓީމު އެކުގައި ކުރަން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. އެއީ އަހަރެމެން އަތުގައި ނެތް ޓްރޮފީއެއް. އެހެންވީމަ އެ ޓްރޮފީއަށް ބުރަކޮށް މަސައްކަތް ކުރާނަން. އެ ޓްރޮފީ ލިބޭނެކަމުގެ މަންޒަރުތައް އަންނަނީ ފެންނަމުން،" ގާޑިއޯލާ ބުންޏެވެ.
ސިޓީން ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި މިރޭ ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. ގާޑިއޯލާއައެކު މީގެ ކުރިން އެޓީމުން ހަތަރު ފަހަރު ލީގު ކަޕް ކާމިޔާބު ކޮށްފައިވާ އިރު، ސިޓީއަށް އޮތް ހިތްހަމަ ޖެހުމަކީ ވޯލްޑް ކަޕަށް ދިޔަ ބައެއް މުހިއްމު ކުޅުންތެރިން ޓީމާ އަލުން ގުޅިފައި އޮތުމެވެ.
އެގޮތުން ނަތަން އަކޭ، މެނުއަލް އަކާންޖީގެ އިތުރުން ސްޕެއިންގެ ރޮޑްރީއާއި އެމެރިކް ލަޕޯޓްވެސް މިހާރު ތަމްރީނުތައް ކުރަމުން އަންނައިރު، ކެވިން ޑިބްރޭނާއާއި އިލްކާއީ ގުންޑޮގަންވެސް އަންނަނީ މީގެ ހަފުތާއެއްކުރިން ޓީމާ ގުޅި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. ސިޓީގެ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ އާލިން ހާލަންޑާއި ރިޔާދު މަހަރޭޒްވެސް ވޯލްޑް ކަޕްގައި ކުޅެފައެއް ނުވެއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ