ހުނަރުވެރި 12 ޝަހުސިއްޔަތެއްގެ ވާހަކަ ދައްކުވައިދޭ ގޮތަށް އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ހިމަނައިގެން ދިރާގުގެ 2023 ވަނަ އަހަރުގެ ކަލަންޑަރު އިފުތިތާހުކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފުލާގައި ކަލަންޑަރު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސަދާއި ޑިރެކްޓަ އޮފް ޕްރޮކިއުމެންޓް، ޕްރޮޕަޓީ މެނޭޖްމެންޓް އެންޑް އެޑްމިނިސްޓްރެޝަން މުހައްމަދު ހަޒްމަތު އަބްދުﷲއެވެ.

"އިންސްޕަޔާޑް ކަނެކްޝަންސް" ތީމުގެ ދަށުން ދިރާގުން ނެރޭ 2023 ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތަފާތު ބާރަ މީހެއްގެ ވާހަކައެވެ. ކޮންމެ ވާހަކަ އެއްވެސް ދައްކުވައިދީފައިވާނީ ތަފާތު ކުލަގަދަ ކުރެހުންތަކަކާއި މިއުޒިކާ އެކު އޭއާރް މެދުވެރިކޮށެވެ. އޭގައި ހިމެނޭ މީހުންގެ ވާހަކަތައް ކޮންމެ މަހަކަށް ހާއްސަކޮށްފައިވާ ސޮފުހާގައި އިންނަ ސްނެޕްޗެޓް ކޯޑު ސްކޭން ކޮށްގެން ތަޖުރިބާ ކުރެވޭނެއެވެ.

ދިރާގުން މިއަދު ބުނީ މި ކަލަންޑަރު ތައްޔާރުކޮށްފައިވާނީ ތިމާވެއްޓާއި ބަހާއި އަތްތެރި މަސައްކަތާއި މިއުޒިކް، މި ހަތަރު މައުލޫއަށް ކަމަށެވެ. ކަލަންޑަރުގައި ހިމަނާފައިވާ ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް ނޭނގި، ނަމަވެސް ކޮންމެވެސް ގޮތަކުން އެމީހެއްގެ ދާއިރާއިން ގުޅިފައިވާ މީހުން ކަމަށް ދިރާގުން ބުންޏެވެ.

މި ކަލަންޑަރާ ބެހޭގޮތުން ވާހަކަދައްކަމުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑައިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި ކަލަންޑަރުގެ ޒަރިއްޔާއިން ދިރާގުން ފާހަގަކޮށް، އަގުވަޒަން ކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް ގުޅިފައިވާ ހައިރާންކުރުވަނިވި ގޮތްތައް ކަމަށެވެ.

އެ ކުންފުނިން އުއްމީދު ކުރަނީ މި ކަލަންޑަރުގެ ޒަރިއްޔާއިން އޭގައި ހިމެނޭ 12 މީހުންނެކޭ އެއްފަދައިން ކުރިއަށް އޮތް ޖީލުތައްވެސް އީޖާދީ ކަންތައްތައް ހާސިލުކުރުމަށާއި އާ ގުޅުންތައް ގާއިމުކުރުމަށް ހިތްވަރު ލިބިގެން ދިއުން ކަމަށް މިރްޝާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ ގުޅުން. އެގޮތުން މި ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން ފާހަގަކޮށް އަގުވަޒަން ކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް ގުޅިފައިވާ ހައިރާންކކުރުވަނިވި ގޮތްތައް،" މިރްޝާން ވިދާޅުވިއެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތައްވެސް ގުޅުވާލަދީ، އެފަރާތްތަކުގެ އަގުވަޒަން ކުރުމަށް ކަމަށެވެ.