ޚަބަރު

ޖަމްޝީދާއި ޓޫފޯ ހިމެނޭގޮތަށް ފުލުހުންގެ ފަސް އޮފިސަރުން ވަކިކުރަން ނިންމި ނިންމުން ކޯޓުން ބާތިލުކޮށްފި

އިބްރާހިމް ޒަކީ

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ހިމެނޭގޮތަށް ފަސް އޮފިސަރަކު ފުލުުހުންގެ ވަޒީފާއިން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ ނިންމުން މިއަދު ސިވިލް ކޯޓުން ބާތިލުކޮށްފިއެވެ.

ޕޮލިސް ބޯޑުގެ ލަފައާ އެކު ފުލުހުންގެ ހަތް އޮފިސަރަކު މަގާމުން ވަކިކުރަން މިދިޔަ އަހަރު ނިންމިއެވެ. އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި، މުހައްމަދު ޖަމްޝީދުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

އޭގެ ތެެރެއިން ޝަރީފާއި ދާއޫދާއި ޝަމީމް ވަކިކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ނެރުނު ކޯޓު އަމުރަކާ ގުޅިގެން އެ ބޭފުޅުން އަދިވެސް ތިއްބެވީ ވަޒީފާގައެވެ. ނަމަވެސް އަހުމަދު މުހައްމަދާއި މަހައްމަދު ޖަމްޝީދަށް 10 އޮކްޓުބަރު 2021 ގައި ވަނީ ވަޒީފާއިން ވަކިކުރުމުގެ ލިޔުން ދީފައެވެ.

އެ ފަރާތްތަކުން ސިވިލް ކޯޓުގައި އެދިފައިވަނީ އެބޭފުޅުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމާއި، ޕޮލިސް ބޯޑުގެ އެ ނިންމުމުގެ މައްޗަށް ބިނާކޮށް، މުހައްމަދު އަހުމަދާއި ޖަމްޝީދު ވަކިކުރަން 10 އޮކްޓޫބަރު 2021 ގައި ފުލުހުންގެ އިދާރާއިން ނިންމި ނިންމުމަކީ، ގާނޫނުއަސާސީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއި، ގާނޫނީ އުސޫލުތަކާއި އަދުލު އިންސާފުގެ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، ޕޮލިސް ބޯޑަށް ލިބިދޭ ބާރެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އެ ފަރާތްތައް ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

އަދި އެ ފަރާތްތައް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާކަން ސާބިތު ނެތަތީ، އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، އެ ފަރާތްތައް ފުލުހުުންގެ ހިދުމަތުގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މުހައްމަދު އަހުމަދާއި ޖަމްޝީދު ވަކިކުރަން ނިންމި ނިންމުމާއި، ދެން ތިބި އޮފިސަރުންނަށް ދީފައިވާ ނޯޓިސްއަކީ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްތަކެއް ކަމަށް ކަނޑައަޅައި، އެ ފަރާތްތައް ވަކިކުރަން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.