ރާއްޖޭގެ ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ، އައިޝަތު އަފްނާން ރަޝީދު ހިންގަމުން އަންނަ އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑެމީ (އަރްބާ)ގެ 12 ކުޅުންތެރިޔަކު މެލޭޝިއާގެ ތަމްރީނުތަކަށް ފުރަން ތައްޔާރުވެއްޖެއެވެ.

މެލޭޝިއާގައި ތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ. އެ ކުޅުންތެރިން ހައި ޕާފޯމަންސް ތަމްރީނުތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައި ވަނީ މެލޭޝިއާގެ ނިއު ވިޝަން ބެޑްމިންޓަން އެކަޑެމީގައެވެ. އެ އެކަޑެމީގައި ކުޅުންތެރިން ތަމްރީނުވާނީ މެލޭޝިއާގެ ކުރީގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ، އަދި މިހާރު ގައުމީ ފިރިހެން ޓީމުގެ ކޯޗުންގެ ތެރޭގައި ހިމެނޭ ޔޮގެންދްރަން ކްރިޝްނަންގެ ކޯޗުކަމުގެ ދަށުގައެވެ.

ޔޮގެންދްރަންގެ އިތުރުން އޭނާގެ ކޯޗިން ޓީމުގައި ހިމެނޭ އެހެން ކޯޗުންވެސް ކުޅުންތެރިންނަށް އިރުޝާދު ދިނުމުގައި ހަރަކާތްތެރިވާ އިރު، އަރްބާގެ ހެޑް ކޯޗު، އަފްނާން ތަމްރީނުތައް މޮނީޓާ ކުރަމުންދާނެއެވެ.

އަރްބާގެ ފައުންޑާ، އަދި ހެޑް ކޯޗު އަފްނާން "ވަން"އަށް ވިދާޅުވީ މިއީ އަރްބާއަށް ރާއްޖެއިން ބޭރުން ލިބުނު ފުރަތަމަ ފުރުސަތު ކަމަށާއި، މި ފުރުސަތުގައި ކުޅުންތެރިންނަށް ހުނަރުގެ ގޮތުން ކުރިއެރުން ގެނެސް، ގިނަ ވަގުތުތަކެއްގައި ތަމްރީނުތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.

"މިއީ އަރްބާއަށް ލިބުނު ފުރަތަމަ ބޭރު ގައުމެއްގެ ފުރުސަތު. މިކަހަލަ ކޭމްޕެއް ކޮންމެ އަހަރަކުވެސް ބާއްވަން ތައްޔާރުވަމުން މިއަންނަނީ. އޭގެ އިތުރުން ރާއްޖޭގައި ބާއްވަމުން އަންނަ މުބާރާތްތައްވެސް ކޮންމެ އަހަރަކު ބާއްވަންދާނެ. މެލޭޝިއާގެ ތަމްރީނުތަކުން ކުޅުންތެރިންނަށް ހުނަރު އިތުރުކޮށް، ކޮންފިޑެންސް ހޯދަން ދަސްވެގެން ދާނެ. ހާއްސަކޮށް ދުވާލު ދެ އިރަށް، ކޮންމެ އިރަކު ތިން ގަޑިއިރު ތަމްރީނުތައް ހަދަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. ސްކޫލް ބަންދު ދުވަސްކޮޅުވީމަ، ބެޑްމިންޓަނަށް ފުލްކޮށް ފޯކަސް ކުރަން ލިބިގެންދާނެ ވަގުތުތަކަކަށް މި ތަމްރީނުތައް ވެގެންދާނެ،" އަފްނާން ވިދާޅުވިއެވެ.

އަފްނާން ވިދާޅުވީ އަންނަ އަހަރު އޮންނަ މުބާރާތްތަކަށް މެލޭޝިއާގެ ތަމްރީނުތައްވެސް މުހިއްމު ވާނެ ކަމަށެވެ.

އަރްބާއިން މިފަހަރުގެ ކޭމްޕަށް ފޮނުވާފައި ވަނީ ފިރިހެން ހަ ކުދިންނާއި އަންހެން ހަ ކުދިންނެވެ. އެ ކުދިންނަކީ އެކަޑެމީގެ އެންމެ ސީނިއާ ކުޅުންތެރިން ކަމަށް އަރްބާއިން މައުލޫމާތު ދެއެވެ. ރޭ ބޭއްވި ހަފުލާއެއްގައި މެލޭޝިއާ ކޭމްޕަށް ދާ ކުޅުންތެރިންނަށް ކިޓް ހަވާލު ކޮށްފައިވަ އިރު، އަންނަ ހުކުރު ދުވަހު ފުރަން ހަމަޖެހިފައިވެއެވެ.

އަރްބާއިން މާލޭގައި ހިންގަމުން އަންނަ ތަމްރީނުތަކުގައި އަފްނާންގެ އިތުރުން އިންޑިއާ ކޯޗެއްވެސް މިހާރު ހަރަކާތްތެރިވަމުން ދެއެވެ. އޭގެ އިތުރުން އަރްބާއިން މިހާރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ބެޑްމިންޓަން ތަމްރީނުތައް ދެމުން ދެއެވެ. ސްޕެޝަލް އޮލިމްޕިކްސްއަށް ކުޅުންތެރިންގެ ތަމްރީނު ކޮށްދިނުމަށް އަރްބާއިން ކުރާ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކޯޗަކީ އަފްނާނެވެ.