ކަރަންޓުގެ ސިނާއަތަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރަން ސްޓެލްކޯއިން ހާއްސަ އެވޯޑެއް ދިނުމަށް ނިންމައިފިއެވެ.
ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް 73 އަހަރުން ފުރުން ފާހަގަކުރަން ރޭ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި އެ އެވޯޑް އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ސްޓެލްކޯއިން ބުނީ އެ އެވޯޑު ދޭނީ ކަރަންޓުގެ މުޅި ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރާ، ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ހިދުމަތްތެރިންނަށް ނުވަތަ ހިދުމަތްތެރިއަކަށް ކަމަށެވެ.
އެ ވޯޑުގެ ސަބަބުން ކަރަންޓުގެ ސިނާއަތުގެ މަސައްކަތްތެރީންގެ އަގުވަޒަން ކުރެވިގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ކަރަންޓުގެ ސިނާއަތަށް ބޭނުންވާ އީޖާދީ ވިސްނުންތަކާއި ކުރިއެރުންތަކަށް އިތުރު ފުރުސަތުތައް ހުޅުވި ކަރަންޓުގެ ސިނާއަތަށް ބޭނުންވާ ހުނަރުވެރިން ބިނާކުރަން އެހީތެރިކަން ލިބިގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ރޭ ވިދާޅުވީ، އެ އެވޯޑަކީ ކަރަންޓުގެ ސިނާއަތަށް އީޖާދީ ބަދަލުތަކެއް ގެންނަ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ އެވޯޑެއް ކަމަށެވެ. އެ އެވޯޑް ދިނުމަށް ނިންމާފައިވަނީ ގައުމީ ފެންވަރުގައި ކަމަށެވެ.
ޝަރީފު ވިދާޅުވީ، އެ އެވޯޑަށް ޖަމިއްޔާތަކުން ވެސް އެކިއެކި ފަރާތްތައް ނޮމިނޭޓް ކުރެވޭނެ ކަމަށެވެ. އަދި އެވޯޑާ ގުޅޭ އުސޫލުތައް މިއަންނަ އަހަރު އާންމުކުރާނެ ކަމަށެވެ. ޝަރީފު ވިދާޅުވީ، އެވޯޑް ދޭނެ ފަރާތެއް ނިންމާނީ އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއަކުން ކަމަށެވެ.