މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ހުޅުމާލެއިން 23 ބިމެއް ކުއްޔަށް ދޫކުރަން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ, ބިން ދޫކުރާނީ މާލޭގައި މިވަގުތު ގަރާޖު ހިންގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށެވެ.

އެގޮތުން އެ ބިންތަކަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމް ލިބޭނީ އެޗްޑީސީގެ ވެބްސައިޓުންނެވެ. އަދި އެޗްޑީސީގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.

އެ އިއުލާނާ އެކު، އެޗްޑީސީން ވަނީ އެ ބިންތަކުގައި ގަރާޖާއި ވޯކްޝޮޕްތައް ހިންގޭނެ ގޮތުގެ ގައިޑްލައިނެއްވެސް އާންމުކޮށްފައެވެ.

އެ ގައިޑްލައިންގައި ފާހަގަކޮށްފައިވާ ގޮތުން ގަރާޖު ހެދުމުގެ ކުރިން އެޗްޑީސީއަށް ޑިޒައިން ހުށަހަޅައި އިމާރާތް ކުރުމުގެ ހުއްދަ ހޯދަންޖެހޭނެއެވެ. އަދި ގަރާޖު ނުވަތަ ވޯކްޝޮޕް ހިންގުން ނޫން ކަމަކަށް ބިން ބޭނުންކުރުން މަނާވާނެ ކަމަށާއި ގަރާޖުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެހިކަލްތަކާއި މަރާމާތަށް ގެންދާ ވެހިކަލްތައްވެސް ހުންނަންވާނީ ކުއްޔަށް ނަގާ ބިމުގެ ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ޑިފެންސް މިނިސްޓްރީން ގަބޫލުކުރާ ފަޔާ ސޭފްޓީ ނިޒާމެއް ހުންނަންޖެހޭނެ ކަމަށް ގައިޑްލައިންގައި ބުނެއެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވާ ގޮތުން, ގަރާޖު ހިންގަން ބިން ދޭނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުންނެވެ. އެގޮތުން 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް 1000 އަކަފޫޓޫ އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރާނެ ކަމަށާއި ގަރާޖުތައް ހެދޭނީ ދެ ބުރިއަށް ކަމަށްވެސް އެ ކުންފުނިން ކުރިން ބުނެފައިވެއެވެ.

ނަމަވެސް އެޗްޑީސީން މިއަދު ކުރި އިއުލާނުގައިވެސް ބިންތައް ކުއްޔަށް ދޫކުރާ އަގެއް ބުނެފައެއް ނުވެއެވެ.