ބީލަމުގެ އުސޫލަށް ނުގޮސް އަދި ބިޑް ކޮމިޓީގެ ހުއްދަނެތި ރ. ދުވާފަރު ކައުންސިލުން 2،373،969 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރިފަރާތް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހާއްސަ ރިޕޯޓެއްގައި ވަނީ ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެމްބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕާސަނަލް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި ޑަބްލިޔުޑީސީ މެމްބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްގެ މާލިއްޔަތުން އަމިއްލަ ފަރުދުންނަށް އިން-ކައިންޑްގެ ގޮތުގައި ފައިސާ އާއި ތަކެތި ދިނުމާއި ކައުންސިލްގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށް ބޮޑެތި އަދަދުތަކުން ހަރަދުކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުގައި ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ވަނީ ސެޕްޓެންބަރު 16 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެވެ.

ދުވާފަރު ކައުންސިލްގެ މައްސަލަތައް ފާހަގަވުމުން އެލްޖީއޭއިން ދުވާފަރުގެ ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް އަދި މެމްބަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ސަސްޕެންޑްކޮށްފައެވެ. އަދި ވަނީ ދުވާފަރު ކައުންސިލްގެ އޮޑިޓެއް ހެދުމަށް އޮޑިޓް އޮފީހުގައި އެދިފައެވެ.

އޮޑިޓް އޮފީހުން މިއަދު ވަނީ ދުވާފަރު ކައުންސިލްގެ އޮޑިޓް ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ދުވާފަރު ކައުންސިލުން ވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ފައިސާގެ ގިނަ މުއާމަލާތްތަކެއް ކޮށްފައެވެ.

"ކައުންސިލް އިދާރާއިން އާންމުކޮށް ބީލަމަށް ހުޅުވާލުމާއި އަދި ޕްރޮކިއުމެންޓްކަމެއް ކުރުމަށް ހުއްދަދެވޭ މިންގަނޑާ އެއްގޮތަށް ތަކެއްޗާއި ހިދުމަތް ހޯދުމުގައި މި ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވޭ. މިގޮތުން 2021 ވަނަ އަހަރު އާންމުކޮށް އިއުލާންނުކޮށް ބީލަމުގެ އުސޫލަށް ނުގޮސް އަދި ބިޑް ކޮމިޓީގެ ހުއްދައާ ނުލައި ޖުމްލަ 2،373،969 ރުފިޔާ ހަރަދުކޮށްފައިވޭ. އެހެންކަމުން، މި ހަރަދުކޮށްފައިވަނީ އޭގައި ކޮރަޕްޝަން ނުހިމެނޭގޮތެއްގައި ކަމާއި އަދި އިދާރާއަށް އެންމެ ފައިދާ ހުރިގޮތެއްގައިކަން ކަށަވަރު ކުރެވިފައި ނުވޭ،" އޮޑިޓް އޮފީހުން ބުންޏެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ހިދުމަތް ހޯދުމުގެ ޕްރޮޖެކެޓް އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ، އާންމުކޮށް އިއުލާންކޮށް ބީލަށް ހުޅުވާލަންވާނެއެވެ. އަދި މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޕްރޮކިއުމެންޓެއްގެ އަގު 35،000 ރުފިޔާއިން ފެށިގެން 5،000،000 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާނަމަ، ޕްރޮކިއުމެންޓް ކަމެއް ކުރުމަށް ދެވޭނީ އެ އޮފީހެއްގައި ގާއިމްކޮށްފައިވާ ބިޑް ކޮމިޓީން ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އޮޑިޓް އޮފީހުން ބުނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާ އަމަލުކޮށްފައިވާތީ، އެ ފަރާތް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.

އޮޑިޓް އޮފީހުން ވަނީ ދުވާފަރު ކައުންސިލްގެ އެހެން މައްސަލަތައް ވެސް ފާހަގަކޮށްފައެވެ.

އެލްޖީއޭގެ ރިޕޯޓުގައިވާ ގޮތުން އެންމެ ގިނަ ފައިސާ ލިބިފައިވަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާގިނަ ތަފުސީލެއް ފެންނަން ނެތަސް ޖުމުލަ 711،617 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837 ރުފިޔާ އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށްވެސް 252،048 ރުފިޔާ ލިބިފައިވާއިރު، ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666 ރުފިޔާ އާއި ކައުންސިލް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހަށް 165،200 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އެކައުންޓަށް 128،697.47 ރުފިޔާ ޖަމާކޮށްފައިވާއިރު އާމިނަތު ސަލާހްގެ އެކައުންޓަށް 119،535.99 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުގައި ކައުންސިލްގެ ބައެއް އެހެން އިދާރީ މުވައްޒަފުންނަށްވެސް ވަނީ ރެކޯޑުން ބޭރުން އެކި އަދަދު ތަކުން ފައިސާ ޖަމާކޮށްފައެވެ.

ދުވާފަރު ކައުންސިލްގެ ހިޔާނާތް ބެލުމަށް އެލްޖީއޭގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ހުށަހަޅައިފައެވެ. އެ މައްސަލަ ތަހުގީގުކޮށް، އޭސީސީން ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.

ނަމަވެސް ދައުވާ ކުރަން ފޮނުވި މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ދުވާފަރު ކައުންސިލްގެ ކުރީގެ މެމްބަރަކާއި މިހާރު ތިއްބެވި ހަ މެމްބަރުންނާއި އިދާރީ ބައެއް މުވައްޒަފުން ހިމެނެއެވެ.