ޚަބަރު

މެޖިސްޓްރޭޓަކު އިހުތިސޯސުން ބޭރުން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެއް ބަލަނީ

މުހައްމަދު އިޝާން

މެޖިސްޓްރޭޓަކު އިހުތިސޯސުން ބޭރުން ކައިވެންޏެއް ކޮށްދިން ކަމަށް ތުހުމަތުވާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުއްލްފައްތާހު އަބްދުއްއަފޫރު، ގަމު މެޖިސްޓްރޭޓް ކޯޓުގެ އިހުތިސޯސުން ބޭރުން ކައިވެންޏެއްކޮށްދީ، އެ ކައިވެންޏަށް ހުއްދަދިން މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓުގެ ސްލޫކީ މައްސަލަ ބަލަން ނިންމީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ޖޭއެސްސީ 88 ވަނަ ޖަލްސާގައި ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބަލަމުންދާ އިތުރު މައްސަލަތަކުގެ ތެރޭގައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދު އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ވެސް ހިމެނެއެވެ.