ނޫސްވެރިންނަށް ކުރާ ފުރައްސާރަ ދައުލަތުގެ އެންމެހާ އިދާރާތަކުން ސީރިއަސްކޮށް ނަގައި، ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން އަޅަން ޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފިއެވެ.
އެމްޖޭއޭއިން މިގޮތަށް ގޮވާލާފައިވަނީ، މީގެ ކުރިން އިމިގްރޭޝަން ކޮންޓްރޯލާ ކަމާއި ކަސްޓަމްސްގެ ވެރިޔާގެ މަގާމާއި އެނޫންވެސް ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އައްބާސް އާދިލް ރިޒާ އަންހެން ނޫސްވެރިޔަކަށް ނިސްބަތްކޮށް ބޭ އަދަބީ ބަސް ބޭނުންކޮށް ފުރައްސާރަ ކުރުމުންނެވެ.
އެގޮތުން މިހާރު ނޫހުގެ ނިއުސް އެޑިޓަރު ފަޒީނާ އަހުމަދަކީ ނޫސްވެރިކަން ރަންޑިކުރާ ހަށިވިއްކާ މީހެއް ކަމަށް އައްބާސް އާދިލް ރިޒާ ސޯޝިއަލް މީޑިއާގައި ވަނީ ވިދާޅުވެފައެވެ.
މިކަން ކުށްވެރިކޮށް އެމްޖޭއޭ އިން ކުރި ޓުވީޓެއްގައި ބުނީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ސިޔާސީ އިސް އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާ ނޫސްވެރިޔަކާ ޒާތީގޮތުން ޖައްސާލައި ބޭ އަދަބީ ހަޑި ހުތުރު ބަސްތައް ބޭނުން ކުރުމަކީ އެ ޖަމިއްޔާއިން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މި އަމަލު ކުށްވެރިކޮށް، އައްބާސް އާދިލް ރިޒާ މައާފަށް އެދުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.
އެމްޖޭއޭ އިން ބުނީ މިއީ އަންހެން ނޫސްވެރިޔަކަށް ފުރައްސާރަ ކުރުމުގެ އަމަލެއްގެ ގޮތުގައިވެސް އެ ޖަމިއްޔާއިން ދެކޭ ކަމަށާއި މިފަދަ އަމަލުތަކަކީ އަންހެން ނޫސްވެރިން މި ދާއިރާގައި ކުރިއަށް ދިޔުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ވެސް ދެކޭ ކަމަށެވެ.
"މި ޖަމިއްޔާއިން ގޮވާލަނީ ނޫސްވެރިންނަށް ބިރު ދައްކައި ފުރައްސާރަ ކުރުމަށް ހިންގޭ މިފަދަ އެންމެހާ އަމަލުތައް ހުއްޓާލައި، އުފެއްދުންތެރި ބިނާކުރަނިވި ގޮތުގައި ނޫސްވެރިންނަށް ފާޑުކިޔުމަށް." އެމްޖޭއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު