ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އާޓިސަން ޕްރައިވެޓްލިމިޓެޑަށް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ 4.5 މިލިޔަން ރުފިޔާ އެއްވެސް ފަރާތަކަށް ދޫ ނުކުރުމަށް ހައި ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ޕީއެސްއެމް އިން އެދިގެން އާޓިސަންގެ ފަރާތުން ޕީއެސްއެމްގެ ބިއުރޯގައި ކޮށްފައިވާ މަސައްކަތްތަކަށް ލިބެން ޖެހޭ ފައިސާ ނުދީގެން އެ ފައިސާ ހޯދުމަށް އާޓިސަންގެ ފަރާތުން ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ.

މި ދައުވާގައި އާޓިސަންގެ ފަރާތުން އެދިފައި ވަނީ އެ މަސައްކަތްތަކުގެ އިންވޮއިސްތަކަށް ދައްކަން ޖެހޭ ޖުމުލަ 45 މިލިޔަން ރުފިޔާ ހޯދުމަށާއި، އެ ފައިސާ ހޯދުމަށް ގާނޫނީ ފިޔަވަޅު އަޅަންޖެހުމުން ހަރަދުވި ފައިސާ އާއި ޕީއެސްއެމުން ދައްކަން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމުލަ 11.3 މިލިޔަން ރުފިޔާ އެއްފަހަރާ ޕީއެސްއެމްގެ ކިބައިން ނަގައިދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އާޓިސަންގެ ފަރާތުން ކޮށްފައިވާ ދައުވާގައި ބުނާ 4.5 މިލިޔަން ރުފިޔާ އަކީ އެ ފަރާތުން ކުރި މަސައްކަތަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތްތަކަށް ވާ 4.5 މިލިޔަން ރުފިޔާ އާއި، ވަކީލުފީގެ ގޮތުގައި ދައްކާފައިވާ 16،695 ރުފިޔާއާއެކު ޖުމުލަ 4.51 މިލިޔަން ރުފިޔާ އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލްކޯޓަށް ދައްކަމުންގޮސް ތިން މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް ޕީއެސްއެމްގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.

ނަމަވެސް އެ ފައިސާ ނުލިބުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލު ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމުން އެފައިސާ ނަގައިދެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

މި ހުކުމާމެދު ހިންހަމަނުޖެހިގެން ޕީއެސްއެމްގެ ފަރާތުން އެ މަސައްލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެއާއެކު އިސްތިއުނާފީ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.

އެހެންކަމުން އެ ފައިސާއާމެދު ވަކި ގޮތެއް އަންގަންދެން ނުވަތަ އިސްތިއުނާފީ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރަންދެން އާޓިސަން އަށް ދައްކަން ޕީއެސްއެމްގެ މައްޗަށް ހުކުމްކުރި ފައިސާ އެއްވެސް ފަރާތަކަށް ދޫ ނުކުރުމަށް ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.