ޚަބަރު

ނިޝާމާގެ މަރުގެ ތުހުމަތުވާ ފައިސަލް މަރުވެއްޖެ

ހދ. ނޮޅިވަރަމުގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، ގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި ދަންޖެހުނު، އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯޒީވިލާ، އަބޫބަކުރު ފައިސަލް 32އ، އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެއެވެ.

ފައިސަލް ބަންދުކޮށްފައި ހުރި ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަންގެ ގޮޅިތެރޭގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެތަނުން އޭނާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު، ފަރުވާ ދެމުންދިޔައީ އައިސީޔޫގެ ވެންޓިލޭޓަރުގައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފައިސަލް މިއަދު 8:28 ގައި ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ.

ނިޝާމާގެ މަރުގެ ތުހުމަތުވާ ފައިސަލް ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ފުލުހުން އޭނާ ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދިނެވެ.