ފިހާރަތަކުން ގަންނަ މުދާ ލާފައި ދޭ ސިންގަލް ޔޫސް ޕްލާސްޓިކް ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖު ކުރުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު މަޖިލީހުން ފާސްކުރީ ހުސްވި ނޮވެމްބަރު މަހުގެ 28 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައެވެ.

މި ގާނޫނަކީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި އާންމު ސިއްހަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ގާނޫނެވެ. މިގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ، އަޅާނެ އިދާރީފިޔަވަޅުތަކާއި އަދަބުތަކާއި ޖިނާއީ ދައުވާކުރެވޭނެ ގޮތް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިގާނޫނުން ހާސިލުކުރަން ބޭނުންވާ މުހިއްމު ބައެއް މަގުސަދުތަކުގެ ތެރޭގައި ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި އާންމު ސިއްހަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ބާރުއެޅުމާއި ކުނި އުފެއްދުން ހުއްޓުވުމަށް ބާރު އެޅުމާއި އުފައްދާ މިންވަރު މަދުކުރުމާއި އަލުން ބޭނުންކުރުމާއި ރީސައިކަލްކުރުމާއި ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމަށް ބާރުއެޅުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ނިޒާމުތަކަށް ގަސްދުގައިދޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުންވެސް މިގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިގާނޫނުގެ ދަށުން ރާއްޖޭގައި ކުނިމެނޭޖު ކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ. މީގެ އިތުރުން މިގާނޫނު ތަސްދީގުކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ކުނި މަދުކުރުމުގެ ސްޓްރެޓަޖީއެއް މިނިސްޓަރު ކަނޑައަޅުއްވައި އާއްމު ކުރަންޖެހޭނެ ކަމަށާއި އަދި ކުނިމެނޭޖު ކުރުމުގެ ގައުމީ މާސްޓާ ޕްލޭންވެސް 12 މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ގާނޫނުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ކުނި އުފެއްދުން މަދުކުރުމާއި ކުންޏަކީ އަގެއްހުރި އެއްޗަކަށް ބަދަލުކުރުމަށް ހިންގާ ހަރަކާތްތައް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން ދެވިދާނެ އިނާޔަތްތައް ބަޔާންކުރާ އަމަލީ ޕްލޭނެއް މިނިސްޓްރީން އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލައި އާއްމު ކުރަން ޖެހޭނެއެވެ.

މީގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބާވަތްތައް މަދު ކުރުމާއި ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުން ކުރާ ޕްލާސްޓިކު ކޮތަޅުން ފީ ނެގުމާއި އަދި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ކުރާ ފަރާތްތައް ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތާއި ޖޫރިމަނާގެ މިންވަރުވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އިދާރީ ފިޔަވަޅުތައް ބަޔާންކޮށް، ޖިނާއީ ދައުވާކުރެވޭނެ ކަމަށް ކަނޑައަޅައި ކުށުގެ އަދަބުތައްވެސް ބަޔާންކޮށްފައިވެއެވެ.

މި ގާނޫނުގައި ބުނަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓު އޮފް ސޭލުގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލެވީ ނެގުން، މި ގާނޫންނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 4 މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމްވާނެ ކަމަށެވެ.

ބިލުގެ 33 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަ، ދެ ރުފިޔާއާ އެއްވަރުގެ އަދަދަކަށް ފައިސާ ނަގަންވާނެ ކަމަށެވެ.

މި ގާނޫނުގެ ދަށުން ކޮތަޅުން ނަގާ ލެވީ، ނެގުން އިސްތިސްނާވާ ހާލަތްތަކެއްވެސް ބަޔާންކޮށްފައިވެއެވެ. އެއީ

  • ޑިއުޓީ ފްރީ ފިހާރައަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ކުނި މެނޭޖު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"

ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާއަށް ދެއްކުމަށް، ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މި ބިލުން ލާޒިމު ކުރެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި ގަވާއިދު، މީރާއިން ހަދަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ކުނި އުފެއްދުން މަދު ކުރުމާއި ކުންޏަކީ އަގެއް ހުރި އެއްޗަކަށް ބަދަލު ކުރުމަށް ހިންގާ ހަރަކާތްތައް ކުރިއެރުމަށް ހާއްސަ އިނާއަތްތަކެއް ވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.

އެކި ކަންކަމުގައި ގާނޫނާ ހިލާފުވާ ފަރާތްތައް ފަސް މިލިޔަނާ ހަމައަށް ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.