ގަތަރުގައި މިފަހަރު ބޭއްވުނު ވޯލްޑްކަޕް ސިޔާސީ ކުރުމަށް ހުޅަނގުގެ ގައުމުތަކުން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ގަތަރާއި އަރަބި ދުނިޔެއަށް ރީތިނަމެއް ލިބުނަނުދީ ބަދުނާމުކުރުމުގެ ހުތުރު ނިޔަތެއްގައެވެ. ފުޓްބޯޅަޔާ ގުޅުމެއްނެތް އެތައްއެތައް ކަމެއް ފެންމަތިކޮށް އަރަބީންގެ ދީނާއި ސަގާފަތަށް ފާޑުކިޔައި ގަތަރުގެ ގާނޫނުތައް މުގުރައިލުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަތައް ފަތުރަމުން ގޮސްފައިވެއެވެ. މިޒާތުގެ ބަނަވިލާތަކެއްގެ ދަށުގައި ހުސްވި ނޮވެމްބަރުމަހުގެ ވިހިވަނަ ދުވަހު ފެށުނު ވޯލްޑްކަޕް މިހާރުވަނީ ދެން ނިމުމަކާ ހިސާބަށް އައިސްފައެވެ. ބާކީ ދެންއޮތީ ފައިނަލް މެޗު އެކަންޏެވެ. މުބާރާތް ނިމޭއިރު ހުޅަނގުގެ ގައުމުތަކަށް ބޮޑުތަނުން ކުރިމަތިވީ ނާކާމިޔާބީއެވެ. ގަތަރުން އެބާއްވައިދިނީ މިހާތަނަށް ހުރިހާގޮތަކުންވެސް ފެނިފައިވާ އެންމެ ފުރިހަމަ ވޯލްޑްކަޕެވެ. މި ހުކުމް މިގޮތަށް އިއްވީ ފީފާއިންނެވެ.
އިނގިރޭސިވިލާތާއި ޖަރުމަނީ ފަދަ ޓީމުތަކުން ބޮޑަށް ބޭނުންވީ ފުޓްބޯޅަ ކުޅޭކަށް ނޫނެވެ. ބޭނުންވީ ސިޔާސީ ޗަރުކޭހެވެ. އަނގަމަތީގައި އަތްއެޅުމާއި ވިއްސާރަދުނީގެ ބޭންޑުއެޅުންފަދަ ކަންކަން ކުރުމަށެވެ. މިކަންކަމަށް ފީފާއިން ނުހަނު ބޮޑަށް ދެކޮޅުހެދިއެވެ. އެކަހަލަ ބޭންޑުއަޅާ ކެޕްޓަނުންނަށް އަދަބުދޭނޭކަން އެންގިއެވެ. ފީފާއިން ދޫނުދިނީމާ މިކަހަލަ ހަރަކާތްތަކެއް ނުހިންގުނެވެ. ދެން އިންޒާރުދޭން ފެށީ ފީފާގޮވައިގެން ސަރިޔަތަށްދާނެ ވާހަކަޔާއި ފީފާއިން ވަކިވާންޖެހިދާނެކަމުގެ ވާހަކަތަކުންނެވެ. ދެންވެސް ފީފާއިން ފަސްޖެހުމާއި ބިރުގަތުމެއް ނުފެނުނެވެ. ފީފާގެ ނިންމުންތައް ދިފާއުކުރެެއްވުމާއެކު ފީފާގެ ރައީސް ޖިއާންނި އިންފަންޓީނޯ ވިދާޅުވީ ފީފާއިން އެނިންމީ ދެންވެސް، ފަހުންވެސް ނިންމާނޭ ނިންމުން ކަމުގައެވެ. ފުޓްބޯޅަޔާއި ސިޔާސީކަންކަން މަސްހުނި ނުކުރެވޭނޭ ކަމުގައެވެ.
އަރަބި ދުނިޔެއަކީ، ޚާއްސަކޮށް ގަލްފު ސަރަހައްދަކީ އަމާންކަމާއި ހަމަޖެހުމާއި އިހުތިރާމްކުރުމާއި ސުލްހަވެރިކަމާއި މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ސަރަހައްދެއްކަން މިފަހަރުގެ ވޯލްޑްކަޕްގެ ސަބަބުން ދުނިޔެއަށް ފެނި ހާމަވެގެން ހިނގައްޖެއެވެ. އަރަބި ދުނިޔެއަކީ ހުޅަނގުގެ ނޫސްތަކުން ސިފަކުރާކަހަލަ ނާތަހުޒީބުކަމާއި ރުޅިވެރިކަމާއި ހަސަދަވެރިކަމުގެ ސަރަހައްދެއް ނޫންކަން އެންމެނަށްވެސް ފެނިއްޖެއެވެ. ވޯލްޑްކަޕް ބެލުމަށްޓަކައި ގަތަރަށް ދިޔަ މީހުންނަށް ފެނުނީ މެހުމާންދާރީ އަދާކުރުމުގައި އެފަދަ އެހެން މިސާލެއްވެސް ފެނިފައިނުވާ ރައްޔިތުންތަކެކެވެ. ގަތަރުގެ ގޭގޭގެ ދޮރު މެހުމާނުންނަށްޓަކައި ހުރީ ހުޅުވައިލެވިފައެވެ. އެމީހުންނަށްޓަކައި ގޭގޭގައި ހުރީ ސުފުރާތައް އަތުރާލެވިފައެވެ. ނިދާނެތަނެއް ނެތިގެން، ކެވޭނޭގޮތެއް ނެތިގެން، މަގުމަތިވެފައިވާ ހަމައެކަކުވެސް ފާއިތުވީ އެއްމަސްދުވަހުގެ ތެރޭގައި ގަތަރަކުން ނުފެނުނެވެ.
ހުސްވަގުތު ހޯދައިގެން މެހުމާނުން ދިޔައީ ގަތަރުގެ ސަގާފަތް ދަސްވޭތޯ މަސައްކަތް ކުރަމުންނެވެ. މިސްކިތްތަކަށްވެސް ޒިޔާރަތްކޮށް ބަލައި ހޯދިއެވެ. އެތައް ބަޔަކު އަލަށް އިސްލާމްދީންވެސް އިޚުތިޔާރުކުރިއެވެ. ދެކުނު އެމެރިކާ އާއި ޔޫރަޕުގެ އެތައް ބައެކެވެ. އަރަބީން ހެދުން އަޅާގޮތް ކަމުގޮސްގެން އެގޮތަށް ހެދުންއެޅޭތޯވެސް ގިނަބަޔަކު މަސައްކަތްކުރިއެވެ. މަގުތަކާއި ޕާކުތަކާއި ސްޓޭޑިއަމްތަކުގައި މެހުމާނުންނަށް އެހީތެރިވާން ނުކުމެތިބީ ހަމަ ހިލޭސާބަހަށް ގަތަރުގެ ރައްޔިތުންނެވެ. ފަލަސްތީނުގެ މައްސަލައިގައި ހުޅަނގުގެ ނޫސްތަކުގައި ލިޔަމުން އައީ މުޅިން ދޮގު ވާހަކަތަކެއް ކަމާއި ހުޅަނގުން ފަލަސްތީނު ކުރަހަމުން އައީ މުޚިން ނުބައި ފިއްސަކުންކަން ހުޅަނގުގެ ވަރަށް ގިނަބަޔަކަށް މިފަހަރު ރޭކާލީ ގަތަރުގައި ސީދާ ފަލަސްތީނު މީހުންނާ ބައްދަލުވެ، ފެނިދެނިވެ، ވާހަކަ ދެކެވުމުންނެވެ.
ވޯލްޑްކަޕުގައި ކުޅެންޖެހޭ ޖުމްލަ 64 މެޗުގެ ތެރެއިން 63 މެޗު މިހާތަނަށް ކުޅެ ނިމިފައިވާއިރު ކޮންމެ މެޗެއްވެސް ކުޅުނީ ފުރިބާރުވެފައިވާ ސްޓޭޑިއަމެއްގައެވެ. ގަތަރުގެ އާބާދީ މަދުވެގެން، މެޗު ބަލަން ވަންނާނެ ބަޔަކު ނެތިގެން ހުސް ސްޓޭޑިއަމެއްގައި އެއްވެސް މެޗެއް ނުކުޅެއެވެ. އިންތިޒާމުތައް ދޯހަޅިވެގެން ކަންކަން ބޮއްސުންލައިގެނެއް ނުދެއެވެ. ސަޕޯޓަރުން ކޮންޓްރޯލް ނުވެގެން، ހަމަނުޖެހުންތައް ބޮޑުވެގެން ފިކުރުކުރާކަށް ނުޖެހުނެވެ. ފީފާގެ ރައީސް ޖިއާންނި އިންފަންޓީނޯ ވިދާޅުވެފައިވަނީ އިންތިޒާމުކުރުމުގެ ގޮތުންނާއި ސްޓޭޑިއަމްތަކުގެ ފެންވަރުގެ ގޮތުންވެސް މިއީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ ވޯލްޑްކަޕް ކަމުގައެވެ. ޖާމަނީގެ ކުރީގެ ކެޕްޓަން ފިލިޕް ލާމްފަދަ މީހުން ޓީވީންވެސް ވޯލްޑްކަޕް ނުބަލާނަމޭ ބުންޏަސް މިފަހަރުގެ ވޯލްޑްކަޕް ވެގެންދިޔައީ މިހާތަނަށް ޓީވީންވެސް އެންމެ ގިނަބަޔަކު ބެލި ވޯލްޑްކަޕް ކަމުގައެވެ.
ގަތަރު ވޯލްޑްކަޕް ވެގެންދާނީ މާލީގޮތުން ފީފާއަށް ގެއްލުންބޮޑު ވޯލްޑްކަޕަކަށް ކަމުގައި ހުޅަނގުގެ ތަޖުރިބާކާރުން ބުނެފައިވެއެވެ. އެކަމަކު އެހެނެއްވެސް ނުވިއެވެ. މީގެކުރިން އެންމެފައިދާ ބޮޑު ވޯލްޑްކަޕުން ނެރެވުނު އަދަދުގެ ހަތަރުގުނަ އިތުރަށް ފީފާއަށް ފައިސާވަނީ ލިބިފައެވެ. ނުވަތަ ލިބޭނެއެވެ. އަރަބިދުނިޔޭގެ ކުންފުނިތަކުން މިފަހަރުގެ ވޯލްޑްކަޕްގެ އެކި ބައިތައް ސްޕޮންސަރކޮށްފައިވަނީ ނުހަނު ދީލަތި ގޮތެެއްގައެވެ. މިއީ މާލީގޮތުންވެސް އަދި އެހެނިހެން ގޮތްގޮތުންވެސް އެންމެ ކާމިޔާބު ވޯލްޑްކަޕް ކަމަށް ފީފާއިން މިހަފުތާގައި ވަނީ އިއުލާންކޮށްފައެވެ. މިކާމިޔާބީއާއެކު މިހިސާބުން އަދި ހުއްޓާލަން ގަތަރު ބޭނުމެއް ނުވެއެވެ. އޮލިމްޕިކް ކުޅިވަރު މުބާރާތްވެސް ބޭއްވިދާނެކަން ދައްކަން ބޭނުންވެއެވެ. ގަތަރުގެ މިހާރުގެ އަމާޒަކީ އެއީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު