ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ޒުވާން އައު ކުޅުންތެރިން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މައިދާނުން ތައާރަފުވެގެން ދިއުމަށް އަބަދުވެސް އޮންނަ ފުރުސަތެކެވެ. ބްރެޒިލްގެ ޕެލޭ 1958 ވަނަ އަހަރުގެ ވޯލްޑްކަޕުން، އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ 1982 ގެ ވޯލްޑްކަޕުން، އިޓަލީގެ ރޮބާޓޯ ބާޖިއޯ 1990 ގެ ވޯލްޑްކަޕުން، އިންގްލެންޑުގެ މައިކަލް އޮވެން 1998 ގެ ވޯލްޑްކަޕުން އަދި ފްރާންސްގެ ކީލިއަން އެމްބާޕޭ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުން ވިދައިލި ވިދައިލުމަކީ މިކަމުގެ ސާފު ހެކިތަކެވެ. ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕުންވެސް އައު ތަރިންތަކެއްވަނީ ވިދާލައިފައެވެ. ގަތަރު ވޯލްޑްކަޕް މާދަމާރޭ ނިމުމަކަށް އަންނައިރު މި މުބާރާތުން އެންމެ ބޮޑަށް ވިދައިލި ޒުވާން އައު ފަސް ކުޅުންތެރިންނަށް ބަލައިލަމާބަހީއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ކުރިމަގުއޮތީ އެކުޅުންތެރިންގެ އަތްމަތީގައެވެ.
ފްރާންސްގެ މިޑްފީލްޑުން މިފަހަރު އެންމެ ވިދައިލި އެކަކީ އުމުރުން 22 އަހަރުވީ އައުރޭލިއަން ޝުއަމެނީއެވެ. ރެއާލް މެޑްރިޑަށް ކުޅޭ ޝުއަމެނީ މިފަހަރުގެ ވޯލްޑްކަޕަށް އައީވެސް އޭނާއާމެދު ވަރަށް ބޮޑެތި އުންމީދުތަކެއް ކޮނޑުގައި އަޅައިގެންނެވެ. އަނިޔާގެ ސަބަބުން ޕޯލް ޕޮގްބާއާއި އެންގޮލޯ ކޮންޓޭފަދަ ކުޅުންތެރިންނާ ނުލައި ޓީމު އެކުލަވައިލާންޖެހުނުއިރު އެމީހުން ނެތްތަން ފޫބެއްދުމުގެ ޒިންމާއޮތީ އޭނާގެ ކޮނޑުގައި އެޅިފައެވެ. ކުއާޓަރ ފައިނަލްގައި އިންގްލެންޑު ކޮޅަށް ޝުއަމެނީ ވަނީ ވަރަށްވެސް މުހުއްމު ގޯލެއް ޖަހައިފައެވެ. މިހާތަނަށް އޭނާ ވަނީ ލަނޑު ޖެހުމަށް އަށެއްކަ ފުރުސަތުވެސް ފަހިކޮށްދީފައެވެ. ޑިފެންސާއި އެޓޭކުގައި އެއްވަރަކަށް މަސައްކަތް ކުރެއެވެ. ޝުއަމެނީއާމެދު މިހާރު ގަބޫލުކުރެވެނީ ކުރިއަށްއޮތް ދުވަސްތަކުގައި ފްރާންސްގެ މިޑްފީލްޑުގެ ތަނބަކަށްވާނީ އޭނާ ކަމުގައެވެ.
ކްރޮއޭޝިއާގެ ޑިފެންޑަރު އުމުރުން 20 އަހަރުވީ ޔޮސްކޯ ވާރްޑިއޯލަކީ ވޯލްޑްކަޕުން މިފަހަރު ފެނުނު އެންމެ ކުޅަދާނަ އެއް ޑިފެންޑަރެވެ. އޭނާ އަޅައިގެން ހުންނަ މޫނުމައްޗެއްގެ ސަބަބުންވެސް ގިނަބައެއްގެ ލޮލުގައި އަޅައިގަނެއެވެ. މިއީ މިސީޒަނުގައި ޖަރުމަނުގެ ލީގުގައި ފްރެއިބޯގާ ދެޖޮޅަށް އޭނާގެ އާރްބީ ލައިޕްޒިގް ކުޅުނު މެޗެއްގައި މޫނަށް ލިބުނު އަނިޔާއަކާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅާ އެއްޗެކެވެ. މުބާރާތުގައި އެންމެ މަދުން ގޯލްވަދެފައިވާ ޓީމުތަކުގެ ތެރޭގައި ކްރޮއޭޝިޔާ ހިމެނޭއިރު އެންމެ ގިނަ ކްލިއަރެންސް ހަދާފައިވަނީވެސް އޭނާއެވެ. ސެމީފައިނަލްގައި އާޖެންޓީނާގެ ލިއޯ މެސީ އޭނާގެ ކައިރިން ދެމިގަނެގެންގޮސް ތަނަވަސްކުރި ފުރުސަތަކުން އާޖެންޓީނާގެ ތިންވަނަ ގޯލް ކާމިޔާބުކުރި ކުރުމަކީ މުޅި މުބާރާތުގައިވެސް ޔޮސްކޯ ވާރްޑިއޯލްގެ ކައިރިން އެގޮތަށް ނައްޓައިލެވުނު ފުރަތަމަ ބޯޅައެވެ. އެކަން ފާހަގަކޮށް އޭނާއަށް ޔޫރަޕުގެ އެންމެ ބޮޑެތި ކުލަބްތަކުން މިހާރު އެތިބީ ދޮރުހުޅުވައިގެންނެވެ.
އާޖެންޓީނާއަކީ ކޮންމެ ވޯލްޑްކަޕެއްގައިވެސް އައު ތަރިއެއް ނުވަތަ ތަރިންތަކެއް ތައާރަފުކުރާ ޓީމެކެވެ. މިފަހަރު އެގޮތަށް ނެރުނު އައު އެއްތަރިޔަކީ މިޑްފީލްޑަރު އެންޒޯ ފެނާންޑެޒްއެވެ. އުމުރުން 21 އަހަރުގެ އެންޒޯ ފެނާންޑެޒްއަކީ ޕޯޗުގަލްގެ ބެންފީކާގެ ކުޅުންތެރިއެކެވެ. އާޖެންޓީނާގެ ޑިފެންސާއި އެޓޭކް މައިގަޑުގޮތެއްގައި ގުޅުވައިދެނީ މީނާއެވެ. މިފަހަރުގެ ވޯލްޑްކަޕުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ސައޫދީ އަރަބިޔާއާ ދެކޮޅަށް ކޯޗު ސްކަލޯނީ އޭނާގެ ބޭނުމެއް ނުހިފައެވެ. އެހެންނަމަވެސް އޭގެފަހުން ހަމަ ކޮންމެ މެޗެއްގައި ކުޅެފައިވެއެވެ. މެކްސިކޯއާ ދެކޮޅަށް ގޯލެއް ޖެހުމުގެ އިތުރަށް ޕޮލެންޑާ ދެކޮޅަށް ގޯލެއް ޖެހުމަށް އަލްވަރެޒްއަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް އޭނާއެވެ. ޖުމްލަ ފަސް ފުރުސަތެއް މިހާތަނަށް ތަނަވަސްކޮށްދީފައިވެއެވެ. ޖުމްލަ އަށާވީސް ކްލިއަރެންސެއްވެސް ހަދާފައިވެއެވެ.
އުމުރުން 19 އަހަރުވީ ޖޫޑް ބެލިންގަމަކީ ޖަރުމަނީގެ ބޮރޫޝިއާ ޑޯޓްމުންޑްގެ މިޑްފީލްޑަރެކެވެ. ކުލަބުގައި އެތަކެއް ރިކޯޑް ހަދާފައިވާ ބެލިންގަމް ވަނީ މިފަހަރުގެ ވޯލްޑްކަޕުގައި އިންގްލެންޑަށްވެސް އައު ރިކޯޑްތަކެއް ހަދައިދީފައެވެ. ބެލިންގަމް ވަނީ ގްރޫޕް ފިޔަވަހީގައި އިރާން ކޮޅަށް ގޯލް ޖަހައިފައެވެ. ވޯލްޑްކަޕުގައި އިންގްލެންޑަށް ލަނޑު ޖަހައިދިން ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔަކީ އޭނާއެވެ. ނޮކައުޓް ބުރުގައި ސެނެގޯލް ކޮޅަށް ގޯލެއް ޖެހުމަށް އޭނާ ހެދި އެސިސްޓަކީ ވޯލްޑްކަޕުގެ ނޮކައުޓް ބުރެއްގައި ޓީންއޭޖަރަކު ހެދި ފުރަތަމަ އެސިސްޓެވެ. ބެލިންގަމް ވަނީ މި މުބާރާތުގައި ޖުމްލަ ފަސް ފުރުސަތެއް ތަނަވަސްކޮށްދީފައެވެ. ޑިފެންސް ކުރުމުގައިވެސް އޭނާގެ ބައިވެރިވުން ބޮޑެވެ. މި މުބާރާތުގައި ޖުމްލަ އެއްތިރީސް ރިކަވަރީ ހަދާފައިވެއެވެ. އުމުރާ ނޭކަށޭނަ ވިސްނުންތެރިކަމާއެކުގައެވެ.
ޖަރުމަނީއަށް މިފަހަރުގެ ވޯލްޑްކަޕަކީ ވަރަށް ނާކާމިޔާބު ވޯލްޑްކަޕެކެވެ. ވިދިވިދިގެން ދެވަނަ ފަހަރަށް ޖަރުމަނީ ވަނީ ގްރޫޕް ފިޔަވަހިން ކަޓައިފައެވެ. ޖަރުމަނަށް ކިރިޔާވެސް ހިތްހަމަޖެހުމަކަށް އޮތީ އުމުރުން 19 އަހަރުވީ ޖަމާލް މުސިއާލާގެ ހިތްގައިމު މޮޅު ކުޅުމެވެ. މުސިއާލާއަކީ ޖަރުމަނީގެ ބަޔާން މިއުނިކްގެ ކުޅުންތެރިއެކެވެ. މުބާރާތަށް އައިއިރުވެސް އޭނާ ވިދާލާނެ ކަމަށް އޮތީ ގަބޫލުކުރެވިފައެވެ. ޖުމްލަ 8 ފުރުސަތެއް މުސިއާލާގެ ފަރާތުން ވަނީ ތަނަވަސްވެގެން ގޮސްފައެވެ. ޖަރުމަނާއި ސްޕޭން ކުޅުނު މެޗު އެއްވަރުވި ލަނޑު ޖަރުމަނީގެ ނިކްލަސް ފުލްކްރޫގް ޖަހައިދިނީ މުސިއާލާގެ އެސިސްޓަކުންނެވެ. އޭނާގެ ކޮށްޓުމާއި ބާރުދުވެއްޔާއި ވަރުގަދަ ކުޅުމަކީ ޖަރުމަނުގެ މެދުތެރެއިން އެހެން ކުޅުންތެރިއެއްގެ ފަރާތުން ނުފެންނަ ސިފަތަކެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު