ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް ގއ. މާމެންދޫގައި އިފުތިތާހުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ، މާމެންދޫއަށް އެ ހިދުމަތް ތައާރަފުކުރީ ހާއްސަ އޮފަތަކަކާއެކު ކަމަށެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ހިލޭ ލިބޭނެ ކަމަށެވެ.

މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ރަނުގެ ފުރުސަތެއް ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ދިރާގުން މިހާރުވެސް އަންނަނީ ރާއްޖޭގެ 85 ޕަސަންޓް ގޭބިސީއަށް އެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި 103 ރަށެއްގެ ގޭބިސީތައް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.