އުނދަގުލާއެކުވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތެރެއިން މަސަތްކަތް ކުރައްވާނީ ކޯޓުތަކުގެ ކުރިމަތީ ހުއްޓޭ ކޮންމެ ފަރުދަކަށްވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއް ހޯދައި ދިނުމަށް ކަމަށް ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
"ޖުޑިޝަރީ ފޯ ޖޫނިއާސް" ވޯކްޝޮޕް އިފުތިތާހު ކުރުމަށްޓަކައި މިއަދު ހެނދުނު ވިލާ ކޮލެޖު ކިއުއައި ކެމްޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ، ފަނޑިޔާރު ކަމަކީ ތައުރީފާއި ފާޑުކިޔުމުގެ ތެރެއިން، ކުރާ އުނދަގޫ މަސައްކަތެއް ކަމަށެވެ.
ނަމަވެސް ތިމާގެ ހައްގެއް ގެއްލޭ ކޮންމެ ވަގުތަކު ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހާއިރު، އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އެ މައްސަލަ ނިންމައިދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކުވެސް އެދޭ އެދުމެއް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޖޭއެސްސީގެ މަސައްކަތަށް ކިތަންމެ ފާޑުކިޔުމެއް އަމާޒުވި ނަމަވެސް އެ ކޮމިޝަންގެ ވާޖިބު އަދާކުރަމުންދާނެ ކަމަށެވެ.
"ޖުޑިޝަރީ ފޯ ޖޫނިއާސް" ވޯކްޝޮޕް އަމާޒުކޮށްފައިވަނީ ޒުވާނުންނަށްކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންނާއި ލޯޔަރުން ނޫން ކަމަށާއި އެކި ފަންނުގެ މީހުން އެ ދާއިރާއަށް ބޭނުންވާ ކަމަށެވެ.
އެގޮތުން ޓެކްނީޝަނުންނާއި މީޑިއޭޓަރުންނާއި ސޯޝަލް ވޯކާސްގެ އިތުރުން އައިޓީ ދާއިރާގެ ހުނަރުވެރިންނާއި ހިންގުންތެރިންނާއި ކޯޓު އޮފިސަރުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، ޖުޑީޝަރީއަކީ ހަމައެކަނި ޖިނާއީ އަދުލުގެ ނިޒާމު ހިންގާ ފަރާތް ނޫން ކަމަށާއި މަދަނީ އަދުލުގެ ނިޒާމުވެސް ޖުޑީޝަރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"ޖުޑިޝަރީއަކީ ތަރިކަ ނުވަތަ އިންހެރިޓަންސް އާއި ވިޔަފާރި އާއި ދަރިންގެ ހަރަދާއި ދަރިންގެ ކަސްޓަޑީ އާއި ގެވެށި އަނިޔާއިން ހިމާޔަތް ހޯދުމާއި އާންމު ދިރިއުޅުމުގައި ދިމާވާ، ހައްލު ނުހޯދޭ އެތައް އެތައް މައްސަލައަކާ ގުޅިފައިވާ ދާއިރާއެއް،" ހިސާން ވިދާޅުވިއެވެ.