މާލޭގެ މީހުންނަށް ގޯތި ދޭން ނިންމާފައިވާ މާލެ އަތޮޅު ގިރާވަރު ފަޅު ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހޯދަން އިންވެސްޓަރުން ހުޅުވާލައިފިއެވެ.
ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ގިރާވަރު ފަޅު ރަޒިޑެންޝަލް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގަރާރެއް ނެރުއްވައިފައެވެ.
އެ ގަރާރުގައި ބުނެފައިވާ ގޮތުން, އެ މަޝްރޫއަށް އެންމެ ދަށްކޮށް ހަރަދު ކުރެވޭނެ އަގަކީ ފަސް މިލިއަން އެމެރިކާ ޑޮލަރު (77 މިލިއަން ދިވެހި ރުފިޔާ)އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ ކްރޮސް ސަބްސިޑީގެ އުސޫލުން ބަދަލުގައި ރަށެއް ނުވަތަ ފަޅެއް ދޭ ގޮތަށް ގިރާވަރު ފަޅު ސިޓީއެއްގެ ގޮތުގައި ހަދަން ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފައެވެ.
އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އިކޮނޮމިކް މިނިސްްޓްރީގެ އީމެއިލްއަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ. އަދި އެ ފުރުސަތު ބަންދުކުރާނެ ވަކި ދުވަހެއް އާންމުކޮށް އަންގަންދެން ހުޅުވާލާފައިވާ އޮންނާނެ ކަމަށް ބުންޏެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައި ދެއްވުމުން ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވަނީ ގިރާވަރު ފަޅު ހިއްކައި އެތަނުން މާލޭ ރައްޔިތުންނަށް 2,000 ގޯތި ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖުން ގުޅައިލެވޭ ތަަނަކަށްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު