ހދ. ނޮޅިރަމުގައި މިދިޔަ ހޮނިހިރު ދުވަހު މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ގެންދެވޭނެ ދުވަހެއް ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

ނިޝާމާ މަރުވިތާ މިއަދަށް ހަފުތާއެއް ވެފައިވާ އިރު، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓުމޯޓަމަށް ފޮނުވަން ނިންމައި އޭނާގެ ހަށިގަނޑު މާލެ ގެނައީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ނިޝާމާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ގެންދިއުން ލަސްވަނީ ކީއްވެތޯ ފުލުހުންގެ މީޑިއާ އޮފިސަރާ "ވަން" އިން ސުވާލުކުރުމުން ވިދާޅުވީ އެކަން ނޭނގޭ ކަމަށެވެ. އަދި ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވާލުމަށްފަހު އެކަން އަންގާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން މަރާލާފައިވާ މީހުންނާއި ޝައްކު އުފެދޭ ގޮތަށް މަރުވެފައިވާ މީހުންގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ގެންދިއުން މިހާ ބޮޑަށް ލަސްވެގެން ނުދެއެވެ.

ނިޝާމާގެ މަރާލި ކަމަށް ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. ނިޝާމާ މަރުވެފައި އޮއްވާ ފެނުނު ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ އިރު، ފައިސަލް ވަނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅެފައެވެ.

އެކަމާ ގުޅިގެން ފައިސަލަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ އިރު، އޭނާ މިވަގުތުވެސް އޮތީ ވެންޓިލޭޓަރުގައެވެ.