ގަތަރު ވޯލްޑް ކަޕް 2022ގެ ތިންވަނަ ހޮވާ މެޗަކީ ކްރޮއޭޝިއާއަށް ބޮޑު މެޗެއް ކަމަށާއި މެޗު ނަގާނީ ވަރަށް ސީރިއަސްކޮށް ކަމަށް އެ ޓީމުގެ ކޯޗު ލަޓްކޯ ޑަލިޗް ބުނެފިއެވެ.
ތިންވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާއިން މޮރޮކޯއާ ދެކޮޅަށް މިރޭ ނުކުންނާނެއެވެ. ޑަލިޗްގެ ނަޒަރުގައި އެ ގައުމުގެ ފުޓްބޯޅައަށް މިރޭގެ މެޗު މުހިންމެވެ. އެއީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ރިހި މެޑަލް ހޯދި ކުޅުންތެރިންނާއި އަލަށް ސަކޮޑަށް އައި ކުޅުންތެރިންނަށް އިތުރު ވޯލްޑް ކަޕް މެޑަލްއެއް ހޯދުމަށެވެ.
"އަހަރެމެންނަށް މިއީ ބޮޑު މެޗެއް، ބޮޑު މުބާރާތެއްގެ ބޮޑު މެޗެއް. މިއީ މެޑައްޔަކަށް ނުކުންނަ ސީރިއަސް މެޗެއް،" ޑަލިޗް ބުންޏެވެ.
އޭނާ ބުނީ މެޗު ވަރަށް މުހިންމު ނަމަވެސް ފުރަތަމަ 11 އަށް ނެރޭ ކުޅުންތެރިންގެ ތަފާތެއް ފެނިދާނެ ކަމަށާއި އެ ތަފާތު ފެންނާނީ ވަރުބަލިކަމާއެކު އަނިޔާގެ މައްސަލަތައް ޓީމަށް ދިމާވެފައިވާތީ ކަމަށެވެ.
"މިއީ މަހެއްވެސް ނުވަނީސް ޓީމުން ކުޅެންޖެހޭ ހަތްވަނަ މެޗު. އަހަރެމެން ވަރުބަލިވެފައި މި ތިބީ. އޭގެ ސަބަބުން ދިމާވާ އަނިޔާތައްވެސް ޓީމުގައި އެބަހުރި. އަހަރެން އަމިއްލައަށް ބުނިން ހުރިހާ ކުޅުންތެރިން ކައިރީ، އަނިޔާތައް ރިޕޯޓްކޮށް، ފިޒިކަލް ސްޓޭޓަސްވެސް ރިޕޯޓްކުރަން. އެންމެން ބޭނުންވޭ މި މެޗު ކުޅެން. އެކަމަކުވެސް ވަރަށް ސަމާލުވެގެން މި މެޗަށް ނެރޭ ކުޅުންތެރިން ނަގަން ޖެހޭނީ. އެއީ 100 ޕަސެންޓްގައި ނެތް ކުޅުންތެރިޔަކު އަރުވައިގެން ބަދަލުކުރުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫންވީމަ،" ޑަލިޗް ބުންޏެވެ.
އިއްޔެގެ ޕްރެސްގައި ޑަލިޗް ވަނީ މޮރޮކޯގެ ވޯލްޑް ކަޕް ދަތުރަށް ވަރަށް ބޮޑަށް ތައުރީފުކޮށް، މަރުހަބާ ކިޔާފައެވެ. އޭނާ ބުނީ ތިންވަނަ ހޮވާ މެޗު ވެގެންދާނީ ދެ ޓީމަށްވެސް ފައިނަލް މެޗަކަށް ކަމަށެވެ.
"މޮރޮކޯއަކީ މުބާރާތުގެ ސަޕްރައިޒިން ޓީމު. އެ ޓީމުން ކޮލިޓީއާއި އެކުވެރިކަން އަދި ހިތްވަރު ދައްކައިދީފި. މޮރޮކޯއަށް މީހުން ދޭ ލޯތްބާއި ސަޕޯޓް އެ ޓީމަށް ހައްގު. މުބާރާތް ކުރިއަށްދިޔަ ވަރަކަށް މޮރޮކޯ ދިޔައީ ވަރުގަދަވަމުން. އެހެންވީމަ ފުރަތަމަ މެޗާ މި މެޗު ތަފާތުވާނެ. އަހަރެން މޮރޮކޯއަށް މަރުހަބާ ކިޔަން. މޮރޮކޯއަށް ވަރަށް އިހުތިރާމުވެސް ކުރަން. މި މެޗަކީ ދެ ޓީމަށްވެސް ފައިނަލަކަށްވާނެ،" ޑަލިޗް ބުންޏެވެ.
އޭނާ އިތުރަށް ބުނީ މިރޭގެ މެޗަކީ ކެޕްޓަން ލޫކާ މޮޑްރިޗް، 37، ގައުމީ ޓީމަށް ކުޅޭ އެންމެފަހު މެޗަށް ނުވާނެ ކަމަށް އޭނާ އުންމީދުކުރާ ކަމަށާއި ނަމަވެސް އެ ނިންމުން ނިންމަން މޮޑްރިޗަށް އަބަދުވެސް އަމިއްލަ އިހުތިޔާރު އޮންނާނެ ކަމަށެވެ. އަދި މޮޑްރިޗް ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރާނެ ކަމަށްވެސް ބުންޏެވެ.
ކްރޮއޭޝިއާއާއި މޮރޮކޯ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. މިރޭގެ ތިންވަނަ ހޮވާ، ބްރޯންޒް ފައިނަލް މެޗު އޮންނާނީ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022