ދިރާގާއި ހޯޕް ފޮ ވިމެން ގުޅިގެން ބައިނަލްއަގުވާމީ #16DaysOfActivism ކެމްޕެއިން ފާހަގަކުރުމުގެ ގޮތުން ޖެންޑާ އެޑްވޮކަސީ ވޯކްޝޮޕެއް ބާއްވާއިފިއެވެ.
މި ވޯކްޝޮޕް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ފަރުދުންނަށެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލައި ގެވެށި އަނިޔާއާއި މިންތީގެ ގޮތުން ދެވޭ އަނިޔާ ހުއްޓުވުމަށް އެއްބާރުލުން ދިނުމެވެ.
އެގޮތުން ޖެންޑާ ކޮންސެޕްޓްތަކާއި ޖެންޑާ މެއިންސްޓްރީމިންއާއި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކުގެ އިތުރުން މިންތީގެ ތަފާތުކުރުމާއި ދެކޮޅަށް ވަކާލާތުކުކުރުމުގެ ހަރުދަނާ ގޮތްތަކާއި ހޭލުންތެރިކަން އިތުރުކޮށް ގައުމީ ފެންވަރުގައި ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
"އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އާންމުންވެސް، މުޖުތަމައުގައި ހިނގާ މިންތީގެ ތަފާތުކުރުމާއި މައްސަލަތަކާ ބެހޭ ގޮތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، އެކަންކަން ހައްލުކުރުމަށް ވަކާލާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ހޯޕް ފޮ ވިމެންގެ ޗެއާޕާސަން، އަހްމަދު އަންވަރު ވިދާޅުވިއެވެ.
ހޯޕް ފޯ ވިމެންއަކީ 2010 ވަނަ އަހަރުން ފެށިގެން އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާތައް ހުއްޓާލައި، މިންތީގެ ހަމަހަމަކަމާއި އާންމު ދިރިއުޅުމުގައި އަންހެނުންގެ ބައިވެރިވުން ކުރިއެރުވުމަށް މަސައްކަތްު ކުރާ ޖަމިއްޔާއެކެވެ. މިގޮތުން ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެ ޖަމިއްޔާއިން ވަނީ އެކިއެކި ވަކާލާތުކުރުމާއި ތަމްރީނު ޕްރޮގުރާމްތައް ކުރިއަށް ގެންގޮސްފައެވެ. މި ވޯކްޝޮޕްތަކުގެ ސެޝަންސްތައް ކުރިއަށް ގެންގޮސްފައި ވަނީ އެ ޖަމިއްޔާގެ ހޯޕް އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް ޓްރެއިނިންގެ ފަރާތުންނެވެ.
""#16DaysOfActivism ގެ ދަށުން ހޯޕް ފޮ ވިމެންއާއެކު މި މުހިންމު ޖެންޑާ އެޑްވޮކަސީ ވޯކްޝޮޕަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިގޮތުން އެކި ދާއިރާތަކުގެ އެކި ބޭފުޅުން އެއް މަގުސަދެއްގައި މި ވޯކްޝޮޕްގައި ބައިވެރިވެވަޑައިގެންކަމީ، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް." ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވިއެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ވަނީ އެ ކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭންގައި އިސްކަންދޭ މައިގަނޑު ދާއިރާތަކުގެ މައުލޫމާތު މުވައްޒަފުންނާއި އާންމުންނާ ހިއްސާކޮށްފައެވެ.
މިގޮތުން ހަމަހަމަ ފުރުސަތުތައް ފަހިކުރުމާއި މަސައްކަތުގެ މާހައުލަށް އިސްކަންދިނުމާއި ހާއްސަކޮށް ޓެކްނިކަލް ދާއިރާތަކުގައި އަންހެނުން ކުރިއެރުވުން ހިމެނެއެވެ. ދިރާގުން އަންނަނީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގުރާމްތަކުގެ ދަށުން އަންހެނުންނަށް ހިތްވަރުދީ ބާރުވެރިކުރުމުގެ ހަރަކާތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު