ގަތަރު ވޯލްޑް ކަޕް 2002 ގެ ފައިނަލް މެޗުގެ ރެފްރީއަކަށް ޕޮލެންޑްގެ ޒިމޯން މާސީނިއާކް ހަމަޖައްސައިފިއެވެ.

އުމުރުން 41 އަހަރުގެ މާސީނިއާކަކީ 2011 ވަނަ އަހަރުން ފެށިގެން ފީފާގައި ލިސްޓް ކޮށްފައިވާ ރެފްރީއެކެވެ. އޭނާ ވެގެންދާނީ ވޯލްޑް ކަޕްގެ ފައިނަލެއްގައި ރެފްރީކަން ކުރާ ޕޮލެންޑްގެ ފުރަތަމަ ރެފްރީއަށެވެ. ޕޮލެންޑް ލީގުގައި މާސީނިއާކް ރެފްރީކަން ކުރަން ފަށާފައި ވަނީ 2009 ވަނަ އަހަރުއެވެ.

އޭގެ ފަހުން ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި މާސީނިއާކް ވަނީ ރެފްރީކަން ކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރު ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރި ޔޫއެފާ ސުޕަ ކަޕް މެޗުގައިވެސް ރެފްރީކަން ކުރީ މާސީނިއާކެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މުހިއްމު ބައެއް ގްރޫޕް ސްޓޭޖު މެޗުތަކުގައިވެސް މާސީނިއާކް ފެނިގެން ގޮސްފައިވެއެވެ. ބާސެލޯނާ އާއި އިންޓަ މިލާން، ބާސާ ދަނޑުގައި 3-3 އިން އެއްވަރުވި މެޗުގެ ރެފްރީއަކީވެސް މާސީނިއާކެވެ.

މާސީނިއާކް މި ވޯލްޑް ކަޕްގައި ރެފްރީކަން ކޮށްފައިވާ މެޗުތަކުގެ ތެރޭގައި ފައިނަލްގައި ވާދަކުރާ ފްރާންސާއި އާޖެންޓީނާ ކުޅެފައިވާ މެޗުތައްވެސް ހިމެނެއެވެ. އެގޮތުން ގްރޫޕް ޑީގައި ފްރާންސުން ޑެންމާކް ބަލިކުރި މެޗުގެ ރެފްރީއަކީވެސް މާސީނިއާކެވެ. އަދި އާޖެންޓީނާއިން ގަދަ 16 ގައި އޮސްޓްރޭލިއާ ބަލިކުރި މެޗުގެ ރެފްރީއަކީވެސް މާސީނިއާކެވެ.

މާސީނިއާކްގެ އެސިސްޓެންޓް ރެފްރީން ގޮތުގައިވެސް ފައިނަލް މެޗަށް ނުކުންނާނީ ޕޮލެންޑްގެ ދެ ލައިންސްމަނެކެވެ. އެއީ ޕަވެލް ސޮކޮލްނީކީ އާއި ތޯމާޒް ލިސްކިއެވިޗެވެ. ފައިނަލް މެޗުގެ ހަތަރުވަނަ ރެފްރީއަކީ އެމެރިކާގެ އިސްމާއީލް އެލްތާފެވެ. ވީއޭރް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާނީވެސް ޕޮލެންޑްގެ ރެފްރީއެކެވެ. އެއީ ތޯމާސް ވިއަޓްކޯވްސްކީ އެވެ.

ފީފާއިން ފައިނަލް މެޗަށް ކަނޑައަޅާ ރެފްރީ ނިންމަނީ ރެފްރީންގެ ހެޑް، ކުރީގެ މަގުބޫލު ރެފްރީ ޕިއާލުއީޖީ ކޮލީނާގެ ބެލުމުގެ ދަށުންނެވެ.