ލައިފް ސްޓައިލް

މިސްޓިކްސްޓައިލިން ސެލޫން: އަންހެނުންނަށް ހާއްސަ، މުވައްޒަފުންނަކީވެސް ހަމައެކަނި އަންހެނުން

މަރިޔަމް ޝަފާ އިބްރާހިމް

1

ގދ. ރަތަފަންދޫ، ދޮންދީދީ އާއި ގއ.ދާންދޫ މުހައްމަދު ހަމީދަށް ލިބުނު 7 ކުދިންގެ ތެރެއިން އެންމެ ހަގު އަންހެން ދަރިފުޅު، ނާފިރާ މުހައްމަދަކީ ވަރަށް ކުޑައިރުއްސުރެވެސް އަމިއްލަ ފައި މައްޗަށް ތެދުވެ އަމިއްލަ ވިޔަފާރީގައި ކުރިއަރައި ދިއުމުގެ ބޮޑު އުންމީދެއްގައި އޭނާ ދެކޭ ހުވަފެން ބިނާ ކުރަނިވި މުސްތަގުބަަލަކަށް ހެދުމުގައި ފާހަގަ ކޮށްލެވޭ ރޫހާނިއްޔަތު ވަރުގަދަ ޝަހުސިއްޔަތެކެވެ. ޒަވާޖީ ހަޔާތެއް ފަށައިގެން ދަރިފުޅާއެކު އަމިއްލަ ގެއާއި އާއިލާގެ ޒިންމާ އަދާކުރަމުން އަންނައިރު، މިއަދު ނާފީއަކީ މާލޭގެ އެތައް ބައިވަރު އަންހެންކުދިންނެއްގެ އަދި އުމުރުގެ ތަފާތެއް ނެތި، ކޮންމެ އުމުރެއްގެވިޔަސް، އަންހެނުންގެ ހާއްސަ ސަމާލުކަމެއް ދެވިފައިވާ މީހެކެވެ.

"އެންމެ ކުރީއްސުރެވެސް ފެޝަނަށް ވަރަށް ލޯބިކުރެވޭ. މޭކަޕާއި ހެއާސްޓައިލް ކުރުން އެއީ އެންމެ ކުޑައިރުވެސް ވަރަށް ގަޔާވާ، ކުރާހިތްވާ ކަމެއް. ކަންތައްތައް އެނގި މިބުނީ ކިރިޔާ ކަންތައް ހަނދާން ހުންނަން ފެށީއްސުރެވެސް އަމިއްލަ ވިޔަފާރިއެއް ފެށުމަކީ ހިތުގަ އޮތް ކަމެއް. އެހުވަފެނުގަ ކުލަ ޖައްސައިދިނީ ފިރިމީހާ ދެން އާއިލާ." 25 އަހަރުގެ ނާފީ އޭނާގެ ވިޔަފާރީގެ ފެށުން އައި ގޮތް "ވަން"އާ ހިއްސާ ކުރަމުން ބުންޏެވެ.

އޯލެވެލް އިމްތިހާނަށް ފަހު، ޓިކެޓިން އެންޑް ރިޒަވޭޝަނުން ޑިޕްލޮމާ ނެގި ނަމަވެސް ނާފީ ދިރިއުޅުމުގައި ކުރިއަށް އެދަނީ އޭނާ ތައުލީމު ހާސިލު ކުރި ދާއިރާއަކުން އެއިން ރޮނގަކުންނެއް ނޫނެވެ.

ކުޑަކުޑައިރުގެ އުންމީދާއި ހުވަފެނުގައި ކުލަޖައްސައި ހަގީގީ މަންޒަރަކަށް ސިފަކޮށްދިނުމުގެ ގޮތުން، އެންމެ ފުރަތަމަ ގޭ ތެރޭގައި 'ދިވެހި މަސްކާއްޓާއި ދިވެހި މަޖާ'ގެ ވިޔަފާރި، "މަޖާ ބައި ނާފީ" ގެ ނަމުގައި ހުޅުވުނެވެ. ނާފީގެ މަގުސަދަކަށްވީ އެންމެ ކުރީއްސުރެ ދިވެހިން ކައި އުޅުނު ދިވެހި ވަންތަ މަޖާ މިހާރުވެސް ލިބޭނެހެން އެ ރަހަތައް ފޯރުކޮށްދިނުމެވެ. މިއީ ފުރަބަންދު ތެރޭގައި ނާފީގެ ފިރިމީހާގެ ހިޔާލަށް ނާފީގެ ވިޔަފާރި ވިސްނުމުން ސިފަޖައްސައިގެން ފެށި ގޮތަށް މިހާރުވެސް ނުހަނު ކާމިޔާބުކަމާއެކު ކުރިއަށްދާ ކުޑަކުޑަ ވިޔަފާރިއެކެވެ.

"ދެން ބޭނުންވީ ކަނބަލުންނަށް ހާއްސަކޮށް ސެލޫނެއް ހުޅުވަން، އެ އުންމީދުވެސް ފުރިހަމަވެއްޖެ." މިސްޓިކް ސްޓައިލިން ސެލޫނަކީ ހަމައެކަނި އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން، ހުރިހާ އުމުރު ފުރައަކަށްވެސް ގުޅޭނެހެން ކޮންމެ އުމުރަކަށްވެސް އެކުވެރި ސެލޫނެއް ކަމަށް ނާފީ ބުންޏެވެ.

"އެންމެ ބޮޑު ބޭނުމަކީ ޕްރޮފެޝަނަލް މަސައްކަތްތެރިންނާ އެކީ "ކަސްޓަމަރ ފްރެންޑްލީ މާހައުލެއްގައި ލަގްޒަރީ ހިދުމަތް ފޯރުކޮށްދިނުން." މިއީ ނާފީގެ އަޒުމެވެ. އޭނާގެ މަސައްކަތުގެ ޓާގެޓް ޑެސްޓިނީ އެވެ.

ސެލޫންގެ އޮންލައިން ޕޭޖް ހިންގަނީވެސް ނާފީއެވެ. މާކެޓިނ މެނޭޖަރުގެ އެހީތެރިކަމާ އެކީ ކޮންމެ ދުވަހެއްގެ ވެސް މަސާއްކަތްތައް ވަރަށް ފުރިހަމައަށް ރަނގަޅަށް، ތަރުތީބުން ރާވައިގެން ކުރިއަށް ގެންދިއުމާއި އޮންލައިންކޮށް އެޕޮއިންޓްމަންޓް ނެގުން ފަދަ ކަންތައްތައް ވެސް އަމިއްލައަށް ކުރަނީ ނާފީއެވެ.

މިސްޓިކް ސެލޫނަކީ ނާފީގެ ލޯބިލޯބި ލޮބުވެތި، އެއްބަނޑު އެއްބަފާ ބޭބެއެއްގެ އިތުބާރާއި ނާފީގެ މައްޗަށް އެބޭބެ ދިން ޔަގީންކަމުގެ ހަގީގީ ނަތީޖާއެވެ. މިހާ ފުޅާ ދާއިރާއެއްގައި ނާފީއަށް ބައިވަރު މީހުންތަކެއް ނެތަސް މިވަރު ކަމެއް ކުރެވޭނެވަރުގެ ގާބިލުކަމެއް ހުރިކަން އެބޭބެ ގަބޫލުކޮށްގެން ނާފީއަށް މަގު ހުޅުވާލަދީ، މަގު އަމާންވެސް ކޮށްދިނީއެވެ.

މިސްޓިކް ސެލޫންގެ އަމާޒާކީ އަންހެން ބޭފުޅުންނަށް އަތްފޯރާ ވަރުގެ ހެޔޮ އަގެއްގައި ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ވަރަށް ގިނަ ބޭފުޅުންނަށް މިސްޓިކް ސެލޫން ކަމުގޮސްގެން ތަކުރާރުކޮށް އަދި ހަމަ ކޮންމެ ދުވަހަކު އާ ކަސްޓަމަރުން ލިބުމަކީ އަމާޒަށް ވާސިލް ވެވިއްޖެ ކަމުގެ ހެއްކެއް ކަމަށް ނާފީ ބުންޏެވެ. ލިބެމުން އަންނަ ތަރުހީބާއި އެއްބާރުލުމުގެ ކަންތައް ދަނީ ވަރަށް ވެސް ފުރިހަމައަށް ރަނގަޅަށް ކަމަށް ވެސް ނާފީ ކިޔައިދިނެވެ.

ސެލޫނުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި ފޭޝަލްސް، ހެއާ ސްޓައިލްސް، މެނިކިއު އާއި ޕެޑިކިއު، މޭކަޕް, ހެއާ ކަލަރިން އަދި ހެއާ ރިބޮންޑިންގ، ރިލެކްސިންގ، ކެރެޓިން، އަދީ ހެއާ ޓްރީޓްމަންޓްސް، އާއި ވެކްސިން ފަދަ ހިދުމަތްތައް ހިމެނެއެވެ.

އެންމެ ގިނައިން ކަސްޓަމަރުން އަންނަނީ އިސްތަށިގަނޑުގަ ކުލަ ޖައްސައި ރީބޮންޑިން އަދި މެނިކިއުއާއި ޕެޑިކިއުއަށް ކަމަށް ނާފީ ކިޔައިދިނެވެ.

"އެންމެ ބޮޑު ދަތި ކަމަކަށް ފާހަގަ ކުރެވެނީ އަޅުގަނޑުމެން ބޭނުންވާ ބްރޭންޑްގެ ބައެއް ސާމާނުތައް މާލެއިން ލިބެން ނެތުން."

މިސްޓިކާއި ނާފީގެ އުންމީދީ އަމާޒަކީ މިނޫނަސް އިތުރު އައުޓްލެޓްތައް ރާއްޖޭގެ ދިމަދިމާއަށް ފެތުރިގެން ދިއުމެވެ. މިހާރަށްވުރެ ގިނަ ކަސްޓަމަރުން ލިބި ރާއްޖޭގެ އެއްވަނައިގެ ހަމައެކަނި އަންހެނުންނަށް ހާއްސަ ސެލޫނަށް ވެގެން ދިއުމެވެ.

"މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއްް ވެދެނީ ބޭބެ އާއި ފަހަރި، އެ ދެމީހުންނަށް ހަމަ ވަރަށް ހާއްސަ ބޮޑު ޝުކުރެއް އަދާކޮށްލަން ބޭނުން. ދެން އާއިލާއަށްވެސް ފިރިމީހާއަށް ހާއްސަ ޝުކުރެއް ހައްގު." ނާފީ ޝުކުރު އަދާކުރަމުން ބުންޏެވެ.

"އިތުރަށް އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވަނީ ސެލޫން ތަކަކީ ހަމައެކަނި ޒުވާނުންނަށް އަމާޒު ކުރަންވީ ތަންތަނެއް ނޫނޭ. އަޅުގަނޑުމެންގެ މަންމަމެން އުމުރުގެ މީހުންވެސް ސިކުނޑި ހަމަޖައްސައި އަރާމުކޮށްލަން އަޅުގަނޑުގެ މިސެލޫނަށް އާދޭ. އެބޭފުޅުންގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ މި މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އިިތުރު ބާރެއް، ނަފުސަށް ލިބިދޭ ޔަގީންކަމެއް. ކޮންމެ އަންހެނަކުވެސް ބޭނުންވަނީ އަމިއްލަ ނަފުސަށް ފަރުވާދިނުން. އަޅުގަނޑުމެން މިތިބީ އެހީތެރިވާން، ހޭވައްލާ ތައްޔާރު، މިސްޓިކުން ހުޝިޔާރު!"

ނާފީ ހެމުންހެމުން ފަހު ބަސް ބުނެލީ ފިސާރި ޖޯޝަކާއި އާރޫހަކާއެކު ގަދަ އަޒުމެއްގައެވެ. ނާފީގެ މިސެލޫންގެ އެންމެ ހާއްސަ ސިފައަކީ ހުރިހާ މުވައްޒަފުން ވެސް ކަނބަލުންނަށް ވާކަމެވެ. ނިންމާލަމުން ނާފީ ބުނެލި ހުޝިޔާރު މިސްޓިކުންނަކީ މިއަންހެން މުވައްޒަފުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟