ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތެރެއިން 15 މިލިއަން މީހުންނަށް އެ އެޕްލިކޭޝަންގެ ސަލާމަތީ ފީޗާއެއް ނުދީ ހިފަހައްޓާފައިވާ ކަމަށް ބްލޫމްބާގުން ރިޕޯޓުކޮށްފިއެވެ.
ބްލޫމްބާގުން އާންމުކޮށްފައިވާ ޓިކްޓޮކްގެ އެތެރޭގެ ސިއްރު ރިޕޯޓަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، 2021 ވަނަ އަހަރު ފަހުކޮޅު ޓިކްޓޮކުން ވަނީ އަމިއްލަޔަށް މަރުވުމާއި ޑިޕްރެޝަނަށް ހިތްވަރުދޭ ވީޑިއޯތައް ތަކުރާރުކޮށް ފެނުން ހުއްޓުވުމަށްޓަކައި އެލްގޮރިދަމްއަށް ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން އެޕްލިކޭޝަން ބޭނުންކުރާ މިންވަރަށް އަންނަ ބަދަލު ވަޒަން ކުރުމަށްޓަކައި، އެމެރިކާގައި އެޕް ބޭނުންކުރާ 10 އިންސައްތަ ގާތްގަނޑަކަށް 15 މިލިއަން މީހުންނަށް މި ފީޗާ ނުދީ ހިފަހައްޓާފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. މިއީ ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ތަޖުރިބާއެކެވެ.
މި ތަޖުރިބާގެ ކޮންޓްރޯލް ގްރޫޕުގައި ހިމެނުނު އުމުރުން 16 އަހަރުގެ ކުއްޖަކު، އަމިއްލައަށް މަރުވުމަށް ހިތްވަރުދޭ ގިނަ ވީޑިއޯތަކެއް ފެނުމަށްފަހު 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަމިއްލައަށް މަރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ބްލޫމްބާގުން ބުނި ގޮތުގައި، ޓިކްޓޮކްގެ ރިޕޯޓުގައި މިކަން ސިފަކޮށްފައިވަނީ ބޭނުންކުރާ މީހުންގެ ރައްކާތެރިކަމާއި އެޕްލިކޭޝަން ބޭނުންކުރާ މިންވަރު ވަޒަންކުރުމާ ދެމެދު ބެލެންސް ކުރުމަށް ގަސްތުގައި ކުރި ކަމެއްގެ ގޮތުގައެވެ.
މި ތުހުމަތުތަކާ ގުޅިގެން ޓިކްޓޮކުން ބުނެފައިވަނީ، އެއީ ސަލާމަތީ ފީޗާތައް ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމަށް އާންމުކޮށް ކުރިއަށްގެންދާ ޓެސްޓެއް ކަމަށެވެ. އަދި ޒުވާނުންގެ ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، ގަވާއިދާ ހިލާފުވާ ކޮންޓެންޓް ދެނެގަނެ ނައްތާލުމަށް ބޮޑެތި އިންވެސްޓްމަންޓުތައް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް މިހާރު އޮތީ އެމެރިކާގެ ކޯޓެއްގެ އަމުރެއްގެ ދަށުން ސިއްރުކޮށްފައެވެ.
ޓިކް ޓޮކް
ޓިކް ޓޮކް
ޓިކް ޓޮކް
ކޮމެންޓް