އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 25

އަބްދުﷲ ފާރޫގް ހަސަން

(9 ޑިސެމްބަރުގެ އަދަދާ ގުޅޭ)

ދުވަސްވަރަކީ އިސްކަންދަރު ސްކޫލުގައި ރާއްޖޭގެ އަތްތެރި މަސައްކަތުގެ މައުރަޒެއް އޮތް ދުވަސްވަރެކެވެ. މަގުގެ އަނެއްފަރާތުގައި ހުންނަ ބޮޑުގަލުމާފަތްގޭ ގޯތި އޭރުއޮތީ މިހާރު އެއޮންނަގޮތަށް ފޮތިފޮތިކޮށްފައެއް ނޫނެވެ. ހަނދާންވާގޮތުން އޭރު އެގޯތިތެރޭގައި ކާނިވަލެއްވެސް ހިނގަމުންދިޔައެވެ. ސިނަމާއެއް ހުރެއެވެ.

އެދުވަސްވަރު އަޅުގަނޑަކީ "ހަވީރު" ގެ އެޑިޓަރެވެ. ނަމުގައި އެޑިޓަރެވެ. ދުވަސްވަރަކީ އެޑިޓަރ ބޭރުކޮށްލަން އެޑިޓަރުގެ ފިޔަކޮށަމުން ބާރު ކަނޑުވަމުންދިޔަ ދުވަސްވަރެވެ. އެދުވަސްވަރު ސީ.ޑީ.އެސް. (ކަލްޗަރަލް އެންޑް ޑްރަމެޓިކް ސޮސައިޓީ) އިން ކުޅުނު ތަމްސީލަކަށް ނިސްބަތްކޮށް "ހަވީރު" ގައި ކާޓޫނެއް ޖެހިއެވެ. "ޘަޤާފަތަށް ކޮންމެގޮތެއްވިޔަސް ހިންދީ ސްޓައިލަށް ފިލްމެއް ހަދައިލާންވާނެއޭ" ކިޔައިފައެވެ. އެކާޓޫނު ޖެހިޖެހުމުގައި އަޅުގަނޑުގެ އެއްވެސް ދައުރެއްނެތެވެ. އެކަމަކު ނޫހެއްގައި ލިޔެވޭ ވަކިފަރާތެއްގެ ޙަވާލުދާރުކަމެއްނެތް ކޮންމެ ލިޔުމެއް ނުވަތަ ކުރެހުމެއްގެ ޒިންމާދާރަކަށްވާނީ އެޑިޓަރެވެ. އެހެންކަމުން ހުރިހާ ތުޅަލެއްއައީ އަޅުގަނޑު ބަލިކަލޯގެ ބޮލަށެވެ. އަޅުގަނޑުގެ އެކުވެރި ކޮޕީ ރަޝީދާއި ސީ.ޑީ.އެސް. ގެ އެކުވެރީން އަޅުގަނޑުގެ ދަނޑުވެރިކަން ހާމަކޮށްދޭ ކާޓޫނެއް ކުރައްސަވައި ކާނިވަލަށް އަންނަ މީހުންނަށާއި މައުރަޒަށް ވަންނަހައިބަޔަކަށް ދެތިންދުވަސްވާންދެން ބެއްސެވިއެވެ. އެކާޓޫނުގައި ދައްކަނީ ދެމަންޒަރެކެވެ. އެއްމަންޒަރީ އެއްކަލަ "ހަވީރު" ގައި ކުރެހި ކާޓޫނުގައި ދެއްކި ކަށިމަލާއި ޗިޅިއާއާއި ކޮޕީޖެހި ގަމީސްލީ މީހާ އަޅުގަނޑުގެ ކަރުގައި ހިފައިފައި ފުވައްމުލަކާ ދިމާޔަށް ގަޅުވައިލާ މަންޒަރެވެ. (ކުރަހައިފައިވަނީ ރާއްޖޭގެ ޗާޓެއް ބޭނުންކޮށްގެންނެވެ.) ދެވަނަބައިގައިވަނީ އަޅުގަނޑު މުންޑެއްއަނދެ އަރުވާޖަހައިގެން ހުސްގަޔާ އޮޑަލެއް ކޮނޑުއަޅައިގެން އަލަގަހެއްގެ ކުރިމަތީގައި ހުންނަ މަންޒަރެވެ. އެދުވަސްވަރު މުޖްތަމަޢުގައި އަޅުގަނޑުގެ ޙަރަކާތްތައްވެސް ތަންކޮޅެއް ގިނައެވެ. އަޅުގަނޑަކީ ސަރުކާރުގައި އަޅުގަނޑު އަދާކުރާ ވަޒީފާއާއި "ހަވީރު" ގެ އެޑިޓަރުކަމުގެ އިތުރަށް، ޖަމްޢިއްޔަތުލްއަމީނުގެ ފައުންޑަރެކެވެ. އަމީނުގެ ޒިކުރާގެ އެޑިޓަރެވެ. ޖަމްޢިއްޔަތުލްއަމީނުން މަޢުރަޟުގައި ބައިވެރިވެ ވަނަހޯދިއެވެ. އެކަމުގައި އަޅުގަނޑުވެސް އިސްސަފުގައި އުޅެމެވެ. އަޅުގަނޑަކީ ޢުމުރުން ތިރީހަކަށް އަހަރުގެ ޒުވާނަކީމެވެ. އެދުވަސްވަރު ހިތްކިޔާ އެހެން ކަންތައްތަކެއްވެސް ހުރެދާނެ ދޮގެއްތޯއެވެ؟ އެދުވަސްވަރު މާލޭގައި ބާއްވާ މަޢުރަޟުތަކާއި ކާނިވާތައް ވަރަށް ފަޅުފިލައެވެ. އެހެންކަމުން އެފަދަ ކަމަކުން އަޅުގަނޑަށްވެސް ކުރާންވާ އަސަރު ނުކުރާންވާވަރަށް ކުރިއެވެ. ލޭމައްޗަށްގޮސްގެން ހޮސްޕިޓަލުގައި ދެދުވަހަކު އޮންނާންވެސް ޖެހުނެވެ. ކޮންމެއަކަސް އަޅުގަނޑު މާގިނަދުވަހެއްނުވެ ހަމަޖެހިލައިފީމެވެ. އޭރު އަޅުގަނޑު ވަޒީފާ އަދާކުރަނީ ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގައެވެ. އޮފީސް ހުންނަނީ އަމީނީ ބިލްޑިންގގައެވެ. އަޅުގަނޑުމެންގެ އޮފީހުގައި ބޭނުންކުރާ ނޯޓިސްބޯޑު ހުންނަނީ އަޅުގަނޑުގެ މޭޒުގެ ބިއްދޮށުގައެވެ. އޮފީހުގެ އިސްވެރިޔާގެ ދަށުން ހިންގުމުގައި އިސްކޮށް ހުންނަނީ އަޅުގަނޑުކަމުގައި ވާތީއެވެ. އަޅުގަނޑު އެކާޓޫނުގެ ކޮޕީއެއް އެ ނޯޓިސްބޯޑުގައި ބެހެއްޓީމެވެ. އެދާއިރާއަކީ އަޅުގަނޑު ވަރަށް ގިނަދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރި ދާއިރާއެއްކަމުގައިވާތީ، އެކާޓޫނު ވަރަށްގިނަދުވަސް ވަންދެން އެ ނޯޓިސްބޯޑުގައި ހުއްޓެވެ. ތަޤްދީރު ނިޔާކުރިގޮތުން ކޮޕީވެސް އަޅުގަނޑުގެ ދަށުން އެދާއިރާގެ ވަޒީފާއަކަށް ވަޑައިގެންނެވިއެވެ. ވަރަށްގިނައިން އެކާޓޫނާ ދިމާޔަށް ބައްލަވާން ހުންނަވައެވެ. އެއްޗެކޭ ވިދާޅެއްނުވެއެވެ. އަޅުގަނޑުވެސް އެއްޗެކޭ ނުދަންނަވަމެވެ. ކޮންމެއަކަސް އަޅުގަނޑުގެ ހިތްހެޔޮ ކުރުވުމަށްޓަކައި އަޅުގަނޑަށާއި ޞާދިޤަށް (الــفــاضــل عــبــداللّــه صـــادق) ވަރަށްގިނައިން ސައިދެއްވައެވެ. އެހެންކަމުން އެކާޓޫނު ހިމެނުނީ ވަރަށް "ބަރަކާތްތެރި" އެއްޗެއްކަމުގައެވެ. އެކާޓޫނުގެ އެހެން ކޮޕީއެއްވެސް އަޅުގަނޑު ގެންގުޅުނީމެވެ. އެކަމަކު ފަތަނގުމާގެއިން ކޮއްކިރީން ފަތަނގުމާގެއިން ޑާވިންސީއިން ގެބަދަލުވުމުގައި ހަތްހާއްޔަށްލުމުގެ ތެރޭގައި މިހާރުވަނީ ގެއްލިފައެވެ. އެކާޓޫނުގެ މައްސަލައިގައި ކާޓޫނު ކުރެއްސެވި ބޭފުޅުންނާމެދު ޝަކުވާކުރާކަށްވެސް އަޅުގަނޑަކަށް ޖާގައެއްނެތެވެ. އެހެނީ މިކަމުގެ ފެށުމަކީ "ހަވީރުން" އަޅުގަނޑުގެ ބާރު ކަނޑުވައިލައިފައި އަޅުގަނޑަށްދިން ހަދިޔާއަކަށް ވާތީއެވެ. ކާޓޫނު ކުރެހުމުގައި އިސްނެގީ އަޅުގަނޑު އެނޫހުގެ އެޑިޓަރަކަށްހުރި "ހަވީރު" ން ކަމުގައިވާތީއެވެ.

ދެން މިވާހަކަ ކުރުކޮށްލައިފައި ގުންޑޮގުޑޫއަށް ހިންގަވާށެވެ. އަޅުގަނޑުމެން މިދާ ފާމަކީ އަޅުގަނޑުމެންގެ މިއަދުގެ ދަތުރުގެ ބައިވެރިޔެއްކަމުގައިވާ ޗެޓިންގެ ފާމެކެވެ. އޭނާއަކީ އަޅުގަނޑުގެ އަންހެނުގެ ޅިޔަނު عــبـد اللّـــه نشيد ގެ އެކުވެރިޔެކެވެ. ޗެޓިނަކީ ވަރަށް ޙަރަކާތްތެރި މީހެކެވެ. އަޅުގަނޑުމެން މިތިބޭގޮތަށް އެއްކަމެއްގެ މައްޗަށް ހުއްޓިގެން ހުންނަ މީހެއް ނޫނެވެ. އޭނާއަކީ ދަނޑުވެރިޔެކެވެ. ރެސްޓޯރެންޓެއް ހިންގާ މީހެކެވެ. ޖިއޮލޮޖިސްޓެކެވެ. މާބްލް އެކްސްޕޯޓްކުރާ ވިޔަފާރިވެރިޔެކެވެ.

އަޅުގަނޑާ ދަނޑުވެރިކަމާ ހުރިގުޅުމާއެކު ފާމެއް ބަލައިލެވުމަކީ ވަރަށް ޚާއްޞަ ކަމެކެވެ. ނަސީބު ރަނގަޅުކަމުން އަޅުގަނޑުވަނީ ސްރީލަންކާއަށާއި އިންޑިޔާއަށާއި ޕާކިސްތާނަށާއި ބަންގްލާދޭޝަށް އެއްފަހަރަށްވުރެ ގިނަފަހަރު ރަސްމީ ދަތުރު ކޮށްފައެވެ. އެ ޤައުމުތަކުގެ ވިލެޖުތަކަށްވެސް ޒިޔާރަތްކޮށްފައެވެ. ލީބިޔާއަށްކުރި ދަތުރެއްގައި ކަދުރާއި އެހެނިހެން ބާވަތްބާވަތުގެ ގަސްގަހާގެހިހުރި ވަރަށްފެހި ތަނަކަށް ޕިކްނިކަކުވެސް ދިޔައީމެވެ. އެކަމަކު ސީދާ ދަނޑުވެރިކަންކުރާ ތަނެއް ނުދެކެމެވެ. އެހެންކަމުން ޗެޓުންގެ ފާމުން އަޅުގަނޑު ވަރަށް ފޫހިފިލިއެވެ.

އެފާމުގައި ފާމްހައުސްއެއް ހުއްޓެވެ. ދެބުރިޔަށްހުރި އެގެޔަކީ ވަރަށްރީތި ކުޑަކުޑަ ސާފުތާހިރު ގެއެކެވެ. އަޅުގަނޑު ލަފާކުރިގޮތުގައި ޗެޓުންގެ މަންމަ فــاطــمــــة އުޅެނީ އެގޭގައެވެ. އެކިބާވަތުގެ ގަސްގަހާގެހި ހެއްދުމުގެ އިތުރަށް އެފާމުގައި ކޯލިވެސް ގެންގުޅެއެވެ. ވަރަށްރީތި ބޮޑެތި އަސްދޫނިތަކާއި ކުކުޅުތައްވެސް ހުއްޓެވެ. ދުވަސްވަރަކީ ތުރުކިޔޭގެ ފިނިމޫސުންނިމި ހޫނުމޫސުން ފެށުނުދުވަސްވަރެވެ. އެހެންކަމުން ފިނިމޫސުމުގައި ގަސްތަކަށް ލިބުނު ހީނަރުކަމަށްފަހު ކިރިޔާ ހެދިގަތީއެވެ. ގަސްގަހުން މޭވާބިނދެ ކައިހެދުމުގެ ނަސީބެއް ނުލިބުނެވެ. އެނަސީބު ލިބޭނެކަމަށްވަނީ ޖުލައިމަސް ފެށޭހައިތާނގައި ތުރުކިޔޭއަށް ގޮސްގެންނެވެ. އެހެންކަމުން އެއުފާ ހޯދާކަމުގައިވާނަމަ ޖެހޭނީ ތުރުކިޔޭއަށް އަލުން ދަތުރެއް ކުރާށެވެ. އަޅުގަނޑުގެ އަންހެނުން آمــنــــة މަނިކެގެ ކޮއްކޮ آمــنــــة عـاصمـة ވަނީ އޭނާގެ ބޮޑުދައިތަޔަށް ތުރުކިޔޭއަށް ދިޔުމުގެ ހުޅުވިފައިވާ ދަޢުވަތެއް ދީފައެވެ. އެހެންކަމުން ޢުމުރުގައި ތަންހުރިއްޔާ އެއީވެސް ލިބުމުގެ އެކަށޭނަކަންއޮތް ނަސީބެކެވެ.

ފާމު ބަލައިލުމަށްފަހު އަޅުގަނޑުމެންނަށް ގެޔަށް އާދެވުނީ އިރުއޮއްސުނުފަހުންނެވެ. ވިދިގެންއައި ދުވަހުގެ (20 މޭ 2022) ހެނދުނު އިރުއެރިއިރު އަޅުގަނޑުމެންގެ ދަތުރުގެ ޕްރޮގްރާމުވަނީ އެކޮޅުކޮޅުން ޖެހިފައެވެ. ވައިގަދަވެ ވިއްސާރަވުމުގެ ސަބަބުން ފިނިގަދަވެފައެވެ. ވާރެވެސް ވެހެއެވެ. ޒަރޫރީ ޙާލަތެއްގައި މެނުވީ ގެއިންބޭރަށް ނުކުމެވޭވަރެއް ނޫނެވެ. ގެވެސް ބަހައްޓާންޖެހުނީ ހުރިހައި ދޮރުތަކެއް ލައްޕައިފައެވެ. "ހޫނުކުރާ" ޖައްސައިފައެވެ.

އަޅުގަނޑުމެން މާލެދާން ފުރަންހަމަޖެހިފައިއޮތީ 26 މޭ 2022 ގައެވެ. ޕްރޮގްރާމް ރާވައިފައިވަނީ ބުރުސާއިން ކަނޑުމަގުން އިސްތަންބޫލަށް ދާގޮތަށެވެ. އިތުރު ތަޖްރިބާއެއް ހޯދުމުގެ ގޮތުންނެވެ. އިސްތަންބޫލުގައި ތިންދުވަހު ތިބެފައި އެނބުރި ބުރުސާއަށް އައިސްފައި ބުރުސާއިން މާލެ ދިޔުމުގެ ދަތުރު ފަށާގޮތަށެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ. އިންސާނާ ވަކިގޮތަކަށް ތަދުބީރުކުރާއިރު އޭނާގެ ޚާލިޤު އަދި ޢާލަމްތަކުގެ ވެރި މާތް اللّـــه އެހެންގޮތަކަށް ތަދުބީރު ކުރައްވައިފަތެވެ. ރޭވުންތެރީންކުރެ އެންމެމޮޅަށް ރާއްވަވަނީ އެކަލާނގެއެވެ.

ފިނިމޫސުން ނިމުނުކަމުގައިވިޔަސް އެދުވަސްވަރަކީ ކަލަންޑަރުން ކިރިޔަކިރިޔާ އެއްމޫސުންނިމި އަނެއްމޫސުން ފެށޭކޮޅުމައްޗެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންވެސް ދަތުރުކުރީ ކުއްލި ޙާލަތަކަށް ތައްޔާރުވެގެންނެވެ. ފިނިއިރުލާ ހެދުންވެސް ހިފައިގެންނެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ ރިހޭފައިމައްޗަށް ފޮއިވެއްޓުމަކަށްވީ ދަތުރުގެ ހުރިހައި ބައިވެރީން އަރިދަފުސް އެޅުމެވެ. އަޅުގަނޑުގެ ދަރިފުޅު (ޑޮކްޓަރެއް) ބުނާގޮތުގައި ފިނިވުމަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށްޖެހުނީ ވައިރަލް ރޯގާއެކެވެ.

ދަތުރުގެ ބައިވެރީންކުރެ އަޅުގަނޑުގެ ދެމަފިރީންނާއި ދަރިފުޅާއި عــارفـــــــة عـلـــى ފިޔަވައި އެހެން އެންމެންވަނީ އެއްފަހަރަށްވުރެ ގިނަފަހަރު އިސްތަންބޫލަށް ޒިޔާރަތްކޮށްފައެވެ. އިސްލާމީ ތާރީޚުގެ އެ މިއުޒިޔަމް ބަލައި ބާކޮށްފައެވެ. عــارفـــــــة އަށް ދަތުރުކުރެވޭވަރެއްވެސް ނުވެއެވެ. އަނެއްކާ އޭނާއަށް ދަތުކުރެވޭނީވެސް އޭނާގެ ބޭބެ آدم سـليــم އާއި އެ ޢާއިލާއާ އެކުގައެވެ. އަނެއްކޮޅުން އެހިސާބަށް ގޮސްފައި أبــــو أيّـــوب الأنـصــارى رضـى اللّــه عــنـــه ގެ މަޒާރާއި سلطـــان محمّـد الـفـاتـح ގެ މަޤްބަރާއަށް ޒިޔާރަތްކޮށްނުލައި މާލެ އަންނާކަށެއް އަޅުގަނޑުގެ ހިތަކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އަޅުގަނޑުމެން ދެމަފިރިންނާއި ދަރިފުޅަށް އަލުންބަލުން ދަތުރެއް ރޭވީއެވެ.

އަލުން ރޭވި ދަތުރުގައި ހަމަޖެއްސީ 24 މޭ 2022 ދުވަހުގެ ހަވީރު އަޅުގަނޑުމެން ތިންމީހުން އިސްތަންބޫލަށް ދާގޮތަށެވެ. އެއްގަމު މަގުންނެވެ. ސައުވީސްވަނަ ދުވަހުގެރޭ އިސްތަންބޫލުގައި ރޭކޮށް ވަރުބަލިފިލުވައިލުމަށްފަހު ފަންސަވީސްވަނަ ދުވަހާއި ސައްބީސްވަނަ ދުވަހު އިސްތަންބޫލު ބަލާގޮތަށެވެ. އިސްތަންބޫލު ބެލުމަކީ ދެދުވަހަކުން ކުރެވޭނެ ކަމެއްވެސް ނޫނެވެ. އަޅުގަނޑުގެ ހިތްފުރޭވަރަށް އެތާރީޚީ ރަށް ބަލާކަމުގައިވާނަމަ އެންމެ މަދުވެގެންވެސް ދިހަވަރަކަށްދުވަސް ބޭނުންވެއެވެ. މާލެދާން ފުރާގޮތަށް ހަމަޖެހިފައިއޮތީ 26 ވަނަ ދުވަހުގެރޭ ރޭގަނޑު އެގާރަޖަހާއިރުއެވެ. ދަތުރުގެ ހުރިހައި ބައިވެރީން އެއަރޕޯޓުން ބައްދަލުވެގެން އެންމެން އެކުގައި މާލެ އަންނަގޮތަށެވެ.

ސައުވީސްވަނަ ދުވަހު އަޅުގަނޑުމެން މެންދުރު ކެއީ މަރުމަރާ ކަނޑުގެ އައްސޭގައިހުރި ފުޑް ކޯޓުތަކުގެ ތެރެއިން ފުޑް ކޯޓަކުންނެވެ. އެއީވެސް ކުރީއްސުރެ ވިސްނައިފައި އޮތްކަމެކެވެ. މަރުމަރާ ކަނޑަކީ ޔޫރަޕިއަން ތުރުކީއާއި-އޭޝިޔަންތުރުކީ ވަކިކޮށްދޭ ކަނޑެވެ. ބޮސްފަރަސްއާއި ކަޅުކަނޑު ގުޅުވައިދެނީ މައުމަރާ ކަނޑެވެ. ހަމައެފަދައިން ދަރުދާނިޔާލާއި-އޭޖިޔަންކަނޑާވެސް ގުޅުވައިދެނީ މަރުމަރާ ކަނޑެވެ.

އަޅުގަނޑުމެން ހޮޓާ ހަމަޖެއްސީ އަގޯޑާ މެދުވެރިކޮށެވެ. އަޅުގަނޑުމެން ބެލިކަންތައްތަކަކީ سلطـــان أحمـد މައިދާނުގެ ކައިރީން އިސްތަންބޫލުގެ ބްލޫމޮސްކް (جــامــــع سلطـــان أحمـد) އާ ވީހައިވެސް ގާތުން ބޭނުންވާ ފެންވަރުގެ ހޮޓަލެއް ނަގާށެވެ. އަގޯޑާއިން ދިން ލިސްޓުން އަޅުގަނޑުމެން ހޮވީ سلطـــان أحمـد ޕެލަސް ހޮޓަލެވެ. އަޅުގަނޑުމެންނަށް ހޮވުނު ހޮޓަލަކީ ވަރަށް މުނާސަބު ހޮޓަލެކެވެ. ހޮޓާ ހުރީ سلطـــان أحمـد މިސްކިތުގެ ބިއްދޮށުން މިސްކިތާ އިންވެގެންއޮތް މަގުގެ އަނެއްފަރާތުގައެވެ. އާކިއޮލޮޖިސްޓުންނާއި ޓުއަރގައިޑުންގެ ފަރާތުން އެނގިފައިވާގޮތުގައި سلطـــان أحمـد މިސްކިތް އެހެރީ ޤައިޞަރު ހިރަޤުލްގެ ގަނޑުވަރު ހުރިތާނގައެވެ. އެގަނޑުވަރުގެ ބިމުގެ އޭރިޔާގެ މަޢުލޫމާތަށް ބަލާއިރު سلطـــان أحمـد ޕެލަސް ހޮޓާވެސް ހިމެނެނީ އެގަނޑުވަރުގެ "ފުޅަފުތެރޭ" ގައެވެ. އިރާދަކުރެއްވިއްޔާ އެވާހަކަ އަދި ފަހުން ލިޔާނަމެވެ.

އަޅުގަނޑުމެން ޕްރޮފެޝަނަލް ޓުއަރގައިޑަކުވެސް ހަމަޖެއްސީމުއެވެ. ތަންތަން ބަލަންދިޔުމުގެ ދަތުރުފަތުރުގެ ޚަރަދާއި ބޮސްފަރަސްގެ ޑިނަރކުރޫޒަކާއެކު ހުރިހާކަމެއް ހިމަނައިގެންނެވެ. އަޅުގަނޑުމެންނަށް ލިބުނު ގައިޑަކީ ވަރަށް ތަޖްރިބާކާރު ރަނގަޅު މީހެކެވެ. އެހެންކަމުން ތަންތަން ބެލުމުގެ ހުރިހައިކަމެއް ދިޔައީ ވަރަށް އޮމާންކޮށެވެ.

އަޅުގަނޑުމެން ބުރުސާއިން އިސްތަންބޫލަށް ދާންފުރީ ސައުވީސްވަނަ ދުވަހުގެ ހަވީރުއެވެ. ހޮޓަލަށްގޮސް ހަމަޖެހިލެވުނީ ރޭގަނޑު އަށެއްޖަހާ އެހައިކަށްހައި އިރުއެވެ.

(ނުނިމޭ)