މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

ރައީސް ސޯލިހަށް އެ ރިޕޯޓް އެރުއްވީ މިއަދު ރައީސް އޮފީހުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲއެވެ. އެ ރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ކޮމިޝަނުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައިފައެވެ. އަދި ވަނީ އެ ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް މަރު ކޮމިޝަންގެ މެމްބަރުން އަރިހުން އެދިވަޑައިގެންފައެވެ.

ރިލްވާން މަރުގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ހާމަކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމުގެ ގޮތުން ރައީސް މަރު ކޮމިޝަން އުފެއްދެއްވީ 2018 ވަނަ އަހަރުއެވެ.

މަރު ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަރީޝާ ވިދާޅުވީ، 2011 ވަނަ އަހަރު ހަރުކަށި ފިކުރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ރިލްވާން ބައިވެރިވެފައިވާ ކަމަށެވެ. އެ އެއްވުމުގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިކުރުގެ މީހުން އިންޒާރުދީ ހަދާފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ ރިލްވާންއަކީ ހަރުކަށި ފިކުރުގެ މީހުން ވަރަށް ބޮޑަށް މާކް ކޮށްފައިވާ ޓާގެޓެއް ކަމަށެވެ. ގަޓު މުއާ އާއި އަހްމަދު އިސްމާއީލް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރިލްވާން އާއި އެ ނޫންވެސް މީހުންނަށް އިންޒާރުދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރިލްވާންއަށް އިންޒާރުދީ ފޮނުވި މެސެޖުތަކުގައި ތަކުރާރުކޮށް އޭނާގެ ހަތަރެސްފައި ބަނދެފައި ކަނޑުފައްތައި މަރާލާނެކަމުގެ އިންޒާރުދިން ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"އެ މީހުންނަށް ތަކުރާރުކޮށް އިންޒާރުދީ ބުނެފައި އެބަހުރި ހަތަރެސްފައި ބަނދެފައި ކަނޑުފައްތާފައި މަރާލާނެ ކަމަށް،" ފަރީޝާ ވިދާޅުވިއެވެ.

ރިލްވާންއަށް މަރުގެ އިންޒާރު ލިބެމުންދާކަން ފުލުހުންނަށް އެނގޭ ކަމަށާއި އެހެންވެ ފުލުހުން ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުން ރިލްވާންގެ ފޯން ކޯލްތައް އަޑު އަހަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ރިލްވާންގެ ފޯން ކޯލްތައް 17 ދުވަސް ވަންދެން އަޑުއެހި ކަމަށާއި އޭރު ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން އޭނާއަށް ނުރައްކަލެއް އޮތްކަން ފުލުހުންނަށް ޔަގީންވި ކަމަށެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރި ނަމަވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"ފުލުހުންގެ ފަރާތުން މިކަމުގައި ފިޔަވަޅެއް އަޅާފައިވާކަން ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައެއް ނުވޭ. 2014 ވަނަ އަހަރު ފުލުހުން މި މައްސަލަ ތަހުގީގުކޮށްފައިވޭ،" ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ 2014 ވަނަ އަހަރުގެ ތެރޭގައި ރިލްވާން ރަހީނު ކުރުމުގެ ބޭނުމުގައި މާލޭގައި ދުއްވާ ރަތްކުލައިގެ ކާރެއް ހުޅުމާލެއަށް ގެންގޮސްފައިވާ ކަމަށެވެ. ރިލްވާން ރަހީނު ކުރުމަށްފަހު އެ ކާރުގައި އޭނާ ގެންދިޔައީ ކަންނެލި ދޯންޏަކަށް ކަމަށާއި އެ ދޯނި ތެރޭގައި ހަރުކަށި ފިކުރުގެ މީހުން އޭނާއަށް ޝަހާދަތް ލައިދިން ކަމަށް ފަރީޝާ ވިދާޅުވިއެވެ. އެއަށްފަހު އެ ދޯނީގައި ތިބި ބަޔަކު ވަނީ ރިލްވާން މަރާލުމަށްފަހު ކަނޑު ފައްތާފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

އެކަން ކުރުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިކަން ކޮމިޝަންގެ ތަހުގީގަށް ލިބުނު މައުލޫމާތުން އެނގިފައިވާ ކަމަށެވެ. އެ އަމަލު ހިންގިއިރު ދޯނީގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރުގެ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކަށް ނިސްބަތްވާ މީހުން ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"ރިލްވާން ރަހީނު ކުރުމަށްފަހު، ޑިންގީއަކަށް އަރުވައިގެން ގެންގޮސްފައިވަނީ ކަންނެލި ދޯންޏަކަށް، ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ދިޔަ ކަމަށް ބެލެވޭ، އޭގެ ފަހުން އޭނާއަށް ކަލިމަ ލައިދީ ކަރުބުރިކޮށް މަރާލާފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވޭ،" ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ކުރި ތަހުގީގުގައި އެނގިފައިވަނީ ރިލްވާން ކަރުބުރިކޮށް ކަނޑު ފައްތާލުމުގައި ބައިވެރިވި މީހުން އެ އަމަލު ހިންގިތާ ދުވަސްކޮޅެއް ފަހުން ސީރިއާއަށް ހަނގުރާމަ ކުރަން ފުރާފައި ކަމަށެވެ. އެ ހުރިހާ މީހުން މަރުވެފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައި ވިޔަސް އެކަން އެއްވެސް ރަސްމީ އިދާރާއަކުން ޔަގީންކޮށްދީފައިނުވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.