މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ރިލްވާން އަބްދުﷲ ކަރުބުރިކޮށްލުމަށްފަހު ކަނޑު ފެއްތީ ގިނަ ބަޔަކު ބައިވެރިގެން ކަމަށާއި އެކަމުގައި ބައިވެރިވި ހަ މީހަކު ސީރިއާއަށް ފުރާފައިވާ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަނުން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ، 2011 ވަނަ އަހަރު ހަރުކަށި ފިކުރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ރިލްވާން ބައިވެރިވެފައިވާ ކަމަށެވެ. އެ އެއްވުމުގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިކުރުގެ މީހުން އިންޒާރުދީ ހަދާފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

އެގޮތުން އެއްވުމުގެ ބައިވެރިންނަށް އިންޒާރު ދިނުމުގައި ހަރަކާތްތެރިވެފައި ވަނީ ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން މިހާރު ހައްޔަރުކޮށްފައިވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ) އާއި ޖާދުﷲ އިބްރާހީމް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ، 2011 ވަނަ އަހަރުން ފެށިގެން ހަރުކަށި ފިކުރުގެ މީހުން ދިޔައީ އެ މީހުންގެ ބާރުގަދަ ކުރަމުން ކަމަށާއި އެގޮތުން އޭރު ވެރިކަންކުރަމުންދިޔަ އެމްޑީޕީއަކީ އިސްލާމްދީނާ ދެކޮޅު، ލާދީނީ ޕާޓީއެއްގެ ގޮތުގައި އެމީހުން ސިފަކުރަން ފެށި ކަމަށެވެ. އަދި އެ ދުވަސްވަރު ސިޔާސީ ޕާޓީތަކުން ވެސް ދިޔައީ ދީނުގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގަމުން ކަމަށާއި އެކަމުގެ ސަބަބުން ހަރުކަށި ފިކުރުގެ އިތުރަށް ފުޅާވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ހަރުކަށި ފިކުރުގެ މީހުން ވަނީ ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަފްރާޝީމް އަބްދުﷲ އަކީ ޝިރުކަށް ހިތްވަރުދޭ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައި ކަމަށް ފަރީޝާ ވިދާޅުވިއެވެ.

އެ ދުވަސްވަރު ހަރުކަށި ފިކުރަށް ތާއިދުކުރާ ކަމަށް ތުހުމަތުކުރެވޭ އަހްމަދު މުއާޒް (ގަޓު މުއާ) އާއި އަހްމަދު އިސްމާއީލް، އެކި މީހުންނަށް އިންޒާރު ދީފައިވާ ކަމަށާއި އެ ދުވަސްވަރު އެ ދެ މީހުންނާއި ސަރުކާރުގެ އިސް ސަފުގައި މަސައްކަތް ކުރި މީހުންނާއި ޕޮލިސްގެ މަތީ ބޭފުޅުންނާ ގާތް ގުޅުމެއް އޮތް ކަމަށް ވެސް ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ ރިލްވާންއަކީ ހަރުކަށި ފިކުރުގެ މީހުން ވަރަށް ބޮޑަށް މާކް ކޮށްފައިވާ ޓާގެޓެއް ކަމަށެވެ. ގަޓު މުއާ އާއި އަހްމަދު އިސްމާއީލް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރިލްވާން އާއި އެ ނޫންވެސް މީހުންނަށް އިންޒާރުދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރިލްވާންއަށް އިންޒާރުދީ ފޮނުވި މެސެޖުތަކުގައި ތަކުރާރުކޮށް އޭނާގެ ހަތަރެސްފައި ބަނދެފައި ކަނޑުފައްތައި މަރާލާނެކަމުގެ އިންޒާރުދިން ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"އެ މީހުންނަށް ތަކުރާރުކޮށް އިންޒާރުދީ ބުނެފައި އެބަހުރި ހަތަރެސްފައި ބަނދެފައި ކަނޑުފައްތާފައި މަރާލާނެ ކަމަށް،" ފަރީޝާ ވިދާޅުވިއެވެ.

ރިލްވާންއަށް މަރުގެ އިންޒާރު ލިބެމުންދާކަން ފުލުހުންނަށް އެނގޭ ކަމަށާއި އެހެންވެ ފުލުހުން ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުން ރިލްވާންގެ ފޯން ކޯލްތައް އަޑު އަހަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ރިލްވާންގެ ފޯން ކޯލްތައް 17 ދުވަސް ވަންދެން އަޑުއެހި ކަމަށާއި އޭރު ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން އޭނާއަށް ނުރައްކަލެއް އޮތްކަން ފުލުހުންނަށް ޔަގީންވި ކަމަށެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރި ނަމަވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"ފުލުހުންގެ ފަރާތުން މިކަމުގައި ފިޔަވަޅެއް އަޅާފައިވާކަން ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައެއް ނުވޭ. 2014 ވަނަ އަހަރު ފުލުހުން މި މައްސަލަ ތަހުގީގުކޮށްފައިވޭ،" ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ 2014 ވަނަ އަހަރުގެ ތެރޭގައި ރިލްވާން ރަހީނު ކުރުމުގެ ބޭނުމުގައި މާލޭގައި ދުއްވާ ރަތްކުލައިގެ ކާރެއް ހުޅުމާލެއަށް ގެންގޮސްފައިވާ ކަމަށެވެ. ރިލްވާން ރަހީނު ކުރުމަށްފަހު އެ ކާރުގައި އޭނާ ގެންދިޔައީ ކަންނެލި ދޯންޏަކަށް ކަމަށާއި އެ ދޯނި ތެރޭގައި ހަރުކަށި ފިކުރުގެ މީހުން އޭނާއަށް ޝަހާދަތް ލައިދިން ކަމަށް ފަރީޝާ ވިދާޅުވިއެވެ. އެއަށްފަހު އެ ދޯނީގައި ތިބި ބަޔަކު ވަނީ ރިލްވާން މަރާލުމަށްފަހު ކަނޑު ފައްތާފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

އެކަން ކުރުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިކަން ކޮމިޝަންގެ ތަހުގީގަށް ލިބުނު މައުލޫމާތުން އެނގިފައިވާ ކަމަށެވެ. އެ އަމަލު ހިންގިއިރު ދޯނީގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރުގެ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކަށް ނިސްބަތްވާ މީހުން ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"ރިލްވާން ރަހީނު ކުރުމަށްފަހު، ޑިންގީއަކަށް އަރުވައިގެން ގެންގޮސްފައިވަނީ ކަންނެލި ދޯންޏަކަށް، ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ދިޔަ ކަމަށް ބެލެވޭ، އޭގެ ފަހުން އޭނާއަށް ކަލިމަ ލައިދީ ކަރުބުރިކޮށް މަރާލާފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވޭ،" ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ކުރި ތަހުގީގުގައި އެނގިފައިވަނީ ރިލްވާން ކަރުބުރިކޮށް ކަނޑު ފައްތާލުމުގައި ބައިވެރިވި މީހުން އެ އަމަލު ހިންގިތާ ދުވަސްކޮޅެއް ފަހުން ސީރިއާއަށް ހަނގުރާމަ ކުރަން ފުރާފައި ކަމަށެވެ. އެ ހުރިހާ މީހުން މަރުވެފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައި ވިޔަސް އެކަން އެއްވެސް ރަސްމީ އިދާރާއަކުން ޔަގީންކޮށްދީފައިނުވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

  • އިސްމާއީލް ސަބީހް، ފުވައްމުލަކު ސިޓީ، ދަނޑިމަގު، ދަޑޮ ފިށި
  • މުހައްމަދު ސުއައިދު، ސ. ހުޅުދޫ، އަތިރިއާގެ
  • މުހައްމަދު ހާމިދު، ސ. މީދޫ، އިރާކް
  • މުހައްމަދު މުނާދު، ތ. އޮމަދޫ، ނަރުގިސްވިލާ
  • އަޒްލިފް ރައޫފް، ކ. މާލެ، ހ. ހިލްޓަން
  • އިބްރާހީމް ސަލާހް، ހއ. ދިއްދޫ، ސޯސަނީ

ހަރުކަށި ފިކުރުގެ މީހުން ރިލްވާން މަރާލުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ކުއްލިއަކަށް ރާވައިގެން ނޫން ކަމަށާއި އެކަމަކީ ވަރަށް ބޮޑަށް ދުރާލާ ޕްލޭންކޮށްގެން ހިންގާފައިވާ ކަމެއް ކަމަށް ފަރިޝާ ވިދާޅުވިއެވެ.