މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު މުނާޒް ސީރިއާއަށް ފުރައިގެން ދިޔައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެހީތެރިކަމާއެކު ކަމަށް ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަނުން މިހާރު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ، ރިލްވާގެ މަރުގެ ތަހުގީގެ ތެރެއިން އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުލުހުން، ރިލްވާންގެ މަރުގެ މައްސަލައިގައި ކުރި ތަހުގީގަށް ހައްޔަރުކުރި ބައެއް ފަރާތްތައް ދޫކުރުމަށް ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކޮށްފައިވާކަން މަރު ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް މިސްބާހް ވިދާޅުވިއެވެ.

މިސްބާހު ވިދާޅުވީ، ރިލްވާން މަރާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް އޮތްކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ، މުހައްމަދު މުނާޒް ސީރިއާއަށް ފުރުމުގެ ކުރިން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭގޮތަށް އަހްމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާ އެކަންކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވޭ. އަދި އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުންކަން ވެސް ތަހުގީގަށް އެނގިފައިވޭ. މި މައުލޫމާތު ކޮމިޝަނާ ހިއްސާކުރި ފަރާތަކީ މުނާޒްއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގާ ހުރެގެން އެ މީހުންނާ ބައިވެރިވެ ހަނގުރާމަކުރުމަށް ސީރިއާއަށް ދާން ރެކްރޫޓްކުރަން އުޅުނު ފަރާތެއްކަން ފާހަގަކުރެވޭ،" މިސްބާހް ވިދާޅުވިއެވެ.

ރިލްވާން މަރުގެ ހާދިސާގެ ކަންކަން މުނާޒް، ޔާމީނަށް ކިޔައިދިންކަމުގެ ހެކިހުރި ކަމަށް ބައެއް ފަރާތްތަކުން ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް މިސްބާހް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ކޮމިޝަނަށް ގަބޫލުކުރެވޭ މިންވަރަށް ތަހުގީގު ކޮށްފައިވާނެ ކަމަށާއި ނަމަވެސް މައްސަލައިގައި ޔާމީނަށް ދައުވާކުރުމުގެ ބާރު ލިބިގެންވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ކަމަށް މިސްބާހު ވިދާޅުވިއެވެ.

ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ސުވާލު ކުރުމަށް މިދިޔަ އަހަރު އޮގަސްޓް މަހު ވަނީ ރިޔާސީ ކޮމިޝަނަށްވެސް ހާޒިރުކޮށްފައެވެ. ނަމަވެސް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށް މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ.