ސިނަމާލެ އާއި މާލޭ ހިޔާ ޕްލެޓް އިމާރާތްތައް ހިމެނޭ ސަރަހައްދުން ބައެއްގައި 18 ބުރީގެ ފްލެޓް އިމާރާތެއްކޮށް، ބާވެފައިވާ ސިނަމާލޭގެ ތިން ފްލެޓް އިމާރާތާއި މާލޭ ހިޔާގެ ދެ ފްލެޓް އިމާރާތުގައި ދިރިއުޅޭ އެންމެން އެތަނަށް ބަދަލުކުރަން މާލޭ ސިޓީކައުންސިލުން ފާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިއްޔެ އޮތް ބައްދަލުވުމަށް އެކަމާބެހޭ ކަރުދާސް ހުށަހަޅުއްވަމުން، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިނަމާލޭ ތިން ފްލެޓް އިމާރާތާއި، މާލޭ ހިޔާ ދެ ފްލެޓް އިމާރާތުގައި ޖުމުލަ 128 ފްލެޓް (އެޕާޓްމަންޓް) ހިމެނޭ ކަމަށެވެ.
އެ ތަންތަން ބަދަލު ކުރަން އިމާރާތްކުރާ 18 ބުރީގެ ފްލެޓް އިމާރާތުގެ 16 ބުރި ހާއްސަ ކުރާނީ ފްލެޓްތަކަށް ކަމަށާއި، ތިރީ ދެބުރި ބޭނުން ކުރާނީ ޕާކިންއަށް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ އިމާރާތުގައި ހިމެނޭ ކޮންމެ ފްލެޓަކަށް މަދުވެގެން އެއް ޕާކިން އޭރިޔާ ލިބޭ ގޮތަށް ޕްލޭން ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ އިމާރާތަށް ފްލެޓްތައް ބަދަލު ކުރާއިރު، މިހާރު ހަތަރު ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހަމަ އެ އަދަދަށް ހަތަރު ކޮޓަރީގެ ފްލެޓެއް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި 128 އެޕާޓްމަންޓް ރީލޮކޭޓް ކުރެވޭއިރު، ހަތަރު ރޫމްގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތަކަށް ހަމަ އެވަރުގެ ހަތަރު ރޫމްގެ އެޕާޓްމެންޓެއް ލިބޭނެ، ތިން ރޫމްގެ މީހާއަށް ތިން ރޫމް، ފްލެޓް އޭރިޔާ މިހާރަށްވުރެން ބޮޑުވާނެ، މިހާރު ފްލެޓް މިލްކު ވެފައިވާ ފަރާތަށް މިލްކުވެފަ އެ ފްލެޓް ލިބޭނީ، އިތުރު އެއްޗެއް ދައްކާކަށް ޖެހޭނީކީ ނޫން، ބާކީ އޮންނަ އަދަދު ދައްކަން ޖެހޭ ފަރާތްތަކަށް ހަމަ އެ އަދަދު ދައްކަން ޖެހޭގޮތަށް އޮންނާނީ، އިތުރު އެއްޗެއް ދައްކަން ޖެހޭނީކީ ނޫން،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ، އެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތައް 18 ބުރީގެ އިމާރާތަށް ބަދަލު ކުރުމުން ހުސްވާ ފަސް ފްލެޓް އިމާރާތް ތަޅާލުމަށް ހަމަޖެހިފައިވާ ކަމަށާއި، ފޭސްތަކަކަށް ބަހާލައިގެން އެ ބިންތަކުގައި ފައިނޭންސް ލިބޭ ވަރަކުން ފްލެޓް އިމާރާތްކުރުމުގެ މަސައަކަތް ކުރިއަށްގެންދާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ، އެ ޕްރޮޖެކްޓްތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދަން ދަތި ވެފައިވަނީ، ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައިވާ މާލޭސިޓީގެ ލޭންޑްޔޫސް ޕްލޭން ފާސް ނުކޮށްދީގެން ކަމަށެވެ. އެ މިނިސްޓްރީއަށް ލޭންޑްޔޫސްޕްލޭން ފޮނުވިތާ އަހަރު ދުވަސް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މުޅި ޕްލޭން ފާސް ނުކުރި ނަމަވެސް ފްލެޓް ތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އިއުތިރާޒު ނުކުރާ ކަމަށާއި، އެކަން ކުރިއަށް ގެންދިއުމަށް ޕްލޭނިންގ މިނިސްޓްރީން އަންގާފައިވާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
އެހެންކަމުން އެ ފްލެޓްތަކުގެ މަސައްކަތް ކަރުދާހުގައިވާ ގޮތަށް ކުރިއަށް ގެންދަން މާލޭ ސީޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު