ޚަބަރު

ނައިބު ރައީސް އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

ރިފާ ހަލީލު

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ނައިބު ރައީސްގެ މިދަތުރުފުޅުގައި އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ހިދުމަތްތައް އިފްތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ނައިބު ރައިސް ފައިސަލް ނަސީމް އެމަނިކުފާނުގެ އުފަން ރަށް، ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެސިޓީގައި ހިންގާ އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ބައްލަވައިލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން، ޏ އަތޮޅުތައުލީމީ މަރުކަޒުގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ނައިބު ރައިސް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.