ވޯލްޑްކަޕުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ގޯލްކީޕަރުގެ ރިކޯޑާއި ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އެއްވަރުކޮށްފިއެވެ. ވޯލްޑްކަޕްގެ ސެމީފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ރޭ ފްރާންސް ކުޅުނު މެޗަކީ ލޮރިސްގެ 19 ވަނަ މެޗެވެ. ހަމަ މިއަދަދަށް ޖަރުމަނީގެ ކީޕަރު މެނުއެލް ނޯޔާރވެސް ވަނީ ކުޅެފައެވެ.

މި މުބާރާތުގައި ފްރާންސަށް އަދި އެއްމެޗު އޮތުމާއެކު ޖުމްލަ ވިހި މެޗު ހަމަކޮށްގެން ލޮރިސް އައު ރިކޯޑެއް ހަދާނެ ކަމަށް ޔަގީން ކުރެވެއެވެ. މިފަހަރުގެ ފައިނަލް މެޗަކީ ގޯލްކީޕަރެއްގެ ގޮތުގައި ވޯލްޑްކަޕުގައި ލޮރިސް ކުޅޭނެ ވިހިވަނަ މެޗެވެ. ލޮރިސްއަށް ގޯލްކީޕިން ރިކޯޑެއް ލިބޭއިރު ހަމަ އެމެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޯ މެސީވެސް ޖުމްލަ 26 މެޗާއެކު ވޯލްޑްކަޕުގައި އެންމެ ގިނަ މެޗު ކުޅުނު އައުޓްފީލްޑް ކުޅުންތެރިޔާގެ ރިކޯޑު ހޯދާނެއެވެ. މިހާތަނަށް މިރިކޯޑު އޮތީ 25 މެޗު ކުޅެފައިވާ ޖަރުމަނީގެ ލޮތަރ މަތެއުސްގެ އަތުގައެވެ.

ޖާރމަނީގެ މެނުއެލް ނޯޔާރ އޭނާގެ 19 ވަނަ މެޗު ހަމަކޮށް އައު ރިކޯޑެއް ހެދީ މިފަހަރުގެ ވޯލްޑްކަޕުގައި ކޮސްޓަރިކާއާ ދެކޮޅަށް ޖަރުމަނީ ކުޅުނު މެޗުގައެވެ. ވޯލްޑްކަޕުގައި އެންމެ ގިނަ މެޗު ކުޅުނު ގޯލްކީޕަރުންގެ ރިކޯޑު ކުރީގައި އޮތީ 18 މެޗު ކުޅެފައިވާ ބްރެޒިލްގެ ކްލައުޑިއޯ ޓަފަރެލް އާއި ޖަރުމަނީގެ ސެޕް މެޔާރއަށެވެ. އެދެމީހުންގެ ރިކޯޑާއި ނޯޔާރ އަށް ހަމަކުރެވުނީ މިފަހަރުގެ ވޯލްޑްކަޕުގައި ސްޕޭނާ ދެކޮޅަށް ޖަރުމަނީ ކުޅުނު މެޗުގައެވެ.

މިފަހަރުގެ ވޯލްޑްކަަޕަކީ އުމުރުން 35 އަހަރުވީ ލޮރިސްގެ ފަސްވަނަ ވޯލްޑްކަޕެވެ. މިއީ އޭނާގެ އެންމެ ފަހު ވޯލްޑްކަޕް ކަމަށްވަނީ ބެލެވިފައެވެ. ލޮރިސްގެ ފުރަތަމަ ވޯލްޑްކަޕަކީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕެވެ. ޖަރުމަނީގެ ކީޕަރު ނޯޔާރގެ މިހާރުގެ އުމުރަކީ 36 އަހަރު ކަމަށްވުމާއެކު އިތުރު ވޯލްޑްކަޕަކުން އޭނާ ފެނުމުގެ ފުރުސަތުވެސް އެހާ ބޮޑެއް ނޫނެވެ.