ވޯލްޑްކަޕުގައި މޮރޮކޯ އާއި ގާނާ ފަދަ އެފްރިކާގެ ޓީމުތައް ހޯދަމުންދާ ކާމިޔާބީތައް ފެނިގެން އެދެގައުމުގެ މޮޑެލް ދެކުނު އެފްރިކާއަށް ނަކަލު ނުކުރެވޭނޭ ކަމަށް ދެކުނު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޑެނީ ޖޯޑަން ވިދާޅުވެއްޖެއެވެ.
ޖޯޑަން ވިދާޅުވީ މޮރޮކޯ އާއި ގާނާއިން ކުރާކަމަކީ ޔޫރަޕަށް އުފަން ޔޫރަޕުގެ މޮޅު ކުޅުންތެރިން ގެނެސްގެން ޕާސްޕޯޓު ދީފައި ގައުމީ ޓީމަށް ކުޅުވުން ކަމުގައެވެ. އެއީ ދެކުނު އެފްރިކާގެ ފުޓްބޯޅަ ކުރިއެރުވުމަށް ރާވާފައިވާ ޕްލޭނަށް ފެތޭ ކަމެއް ނޫންކަމަށާއި ދެކުނު އެފްރިކާގެ ސަގާފަތެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ގާނާއިން މިސާލު ނަންގަވަމުން ޖޯޑަން ވިދާޅުވީ އިނާކީ ވިލިއަމްސް ގާނާއަށް ކުޅެފައި އޭނާގެ އެއްބަނޑު އެއްބަފައި ނިކޯ ވިލިއަމްސް، ސްޕޭނަށް ކުޅެނީ ކީއްވެގެންތޯ ބަލައިލަން ޖެހޭ ކަމުގައެވެ. އެގޮތަށް ޔޫރަޕަށް އުފަން ކުޅުންތެރިން ޓީމަށްލުމަކީ ދުރު ރާސްތާގައި ގައުމީ ޓީމަށް ފައިދާހުރި ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
ޑެނީ ޖޯޑަން ވިދާޅުވީ މޮރޮކޯ އާއި ގާނާގެ ޓީމަށް ބަލާއިރު 90 އިންސައްތަ ކުޅުންތެރިންނަކީ ޔޫރަޕަށް އުފަން ޔޫރަޕުގެ މީހުން ކަމުގައެވެ. އެއީ ވަގުތީ ކާމިޔާބީއެއްގެ ދޮރުކަމަށާއި ދާއިމީ ގޮތަކަށް ކާމިޔާބު ތަކުރާރު ކުރުމަށް އޮތް މަގަކީ އަމިއްލަ ގައުމުގެ ލީގު ވަރުގަދަކޮށް ޒުވާން ކުޅުންތެރިން އުފެއްދުމަށް ވީހާވެސް ބޮޑަށް މަސައްކަތް ކުރުން ކަމަށާއި ދެކުނު އެފްރިކާ ކުރިއަށްދަނީ އެމަގުން ކަމަށްވެސް ވިދާޅުވިއެވެ.
ދެކުނު އެފްރިކާއަކީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއް އިގްތިސާދެވެ. އެންމެ ކުރިއަރާފައިވާ އެއްގައުމެވެ. އެހެންނަމަވެސް ފުޓްބޯޅައިގައި އެހާ ފާހަގަކުރެވޭ ގައުމެއް ނޫނެވެ. އެ ގައުމު މިހާތަނަށް ކުޅުނީވެސް ތިން ވޯލްޑްކަޕެއްގައެވެ. ކޮންމެފަހަރަކުވެސް ފުރަތަމަ ބުރުން ކެޓީއެވެ. އެންމެފަހުން ކުޅުނީ އަމިއްލަ ގައުމުގައި 2010 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު