އެންމެންވެސް މިހާރު ދައްކަނީ މޮރޮކޯގެ ކޯޗުގެ ވާހަކައެވެ. އޭނާގެ ހިކުމަތްތެރިކަމުގެ ވާހަކައެވެ. ކުޅުންތެރިން އެކަތިގަނޑަކަށް ހަދައި ވޯލްޑްކަޕުގެ އެންމެ ވަރުގަދަ ދިފާއު އޮތް ޓީމުކަމަށް މޮރޮކޯ ހެދިގޮތުގެ ވާހަކައެވެ. ދިފާއީ ފުޓްބޯޅަ އާޓަކަށްހެދި ޕޯޗުގަލްގެ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯވެސް ވަނީ މޮރޮކޯގެ ކޯޗަށް ހިފެހެއްޓުމެއްނެތް ގޮތެއްގައި ތާރީފުކޮށްފައެވެ. އުމުރުން 47 އަހަރުވީ ވަލީދު ރަކްރާކީއަކީ ކޮންތާކުން އައި ކާކުބާވައެވެ. އޭނާގެ ކުރީގެ ތަޖުރިބާތަކަކީ ކޮބައިބާވައެވެ. މާޟީގެ ތެރެއިން ކަންކަން ހާވައި ނެރެގެން ބަލަމާބަހީއެވެ. ވަލީދު ރަކްރާކީއަކީ މޮރޮކޯގެ ދެމަފިރިޔަކަށް ލިބުނު ދަރިއެކެވެ. އޭނާ އުފަންވީ އަދި އުޅެ ބޮޑުވީވެސް ފްރާންސްގައެވެ. އެގޮތުން އެއީ ފްރާންސްގެ ރައްޔިތެކެވެ. ފުޓްބޯޅަ ދަސްކުރީވެސް ފްރާންސްގައެވެ.

ރަކްރާކީއަކީ ނުހަނު ގަދައަށް ފުޓްބޯޅަ ކުޅުނު ޕްރޮފެޝަނަލް ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ ކުޅުނީ ފްރާންސްގެ ރޭސިން ޕެރިހޭ ކިޔުނު ކުލަބަކަށެވެ. އޭގެފަހުން ފްރާންސްގެ ޓޮލޫޒާއި އަޖާކްސިއޯއަށެވެ. ސްޕޭނުގެ ރޭސިން ސަންޓެންޑާރއަށްވެސް ކުޅުނެވެ. ކެރިއަރުގެ ފަހު އަހަރުތަކުގައި ފެނުނީ ފްރާންސްގެ ޑީޖޮން އާއި ގްރެނޯބްލައިންނެވެ. ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔަރކުރީ މޮރޮކޯގެ މަޣުރިބު ތިޠުވާން ކިޔުނު ކުލަބެއްގައެވެ. ރަކްރާކީއަކީ ކަނާތު ބެކެކެވެ. ބިރުކުޑަ ހިތްވަރުގަދަ ޑިފެންޑަރެކެވެ. ރަކްރާކީ އުފަންވީ އަދި ބޮޑުވީވެސް ފްރާންސްގައި ކަމަށްވާތީ ފްރާންސްގެ ގައުމީ ޓީމަށް އެރުމުގެ ފުރުސަތު އޭނާއަށް އޮތެވެ. އެކަމަކު ރަކްރާކީގެ ހުވަފެނަކީ އަބަދުވެސް މޮރޮކޯ ތަމްސީލުކުރުމެވެ. އޭނާއަކީ މަޣުރިބީ އަރަތްބަކަށްވާތީއެވެ.

މޮރޮކޯގެ ގައުމީ ޓީމުން އޭނާއަށް އެންމެ ފުރަތަމަ ފުރުސަތުދިނީ 2001 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް މޮރޮކޯގެ ސީނިއަރ ގައުމީ ޓީމަށް އޭނާ 45 މެޗު ކުޅެދީފައިވެއެވެ. އޭގެތެރޭގައި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ މެޗުތަކާއި ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުތަކާއި އެކުވެރިކަމުގެ ބައިނަލްއަގުވާމީ މެޗުތައް ހިމެނެއެވެ. މޮރޮކޯގެ ގައުމީ ޓީމުގައި އޭނާ ކުޅުނު ޕޮޒިޝަނަށް މިހާރު ކުޅެނީ އެޓީމުގެ ތަރި އަޝްރަފް ހަކީމީއެވެ. ވަރަށް ޒުވާން އުމުރުގައި ކުޅުން ހުއްޓާލާފައި އޭނާ ނުކުތީ ކޯޗިންގެ ދާއިރާއަށެވެ. އެންމެފުރަތަމަ މޮރޮކޯގެ އެސިސްޓަންޓް ކޯޗުކަމެވެ. އެއަށްފަހު ފުރަތަމަ ކުލަބަކީ 2014 ވަނަ އަހަރު މޮރޮކޯގެ ފުރަތަމަ ޑިވިޝަންގެ ފަތަހަ ޔުނިއަން ސްޕޯޓްސްއެވެ. އެޓީމަށް ނުހަނު ގިނަގުނަ ކާމިޔާބީތައް ހޯދައިދިނުމަށްފަހު 2020 ވަނަ އަހަރު ަބަދަލުވީ ގަތަރުގެ ދުހައިލް އަށެވެ.

ގަތަރުގެ ލީގުގައި ދެ ސީޒަން ހޭދަކުރުމަށްފަހު ވަލީދު ރަކްރާކީ ދެން ބަދަލުވީ މޮރޮކޯއާއި އެފްރިކާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއްބާރުކަމަށްވާ ވިދާދު އޭސީއަށެވެ. އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ކުރިއަށް އެޅުނު އެންމެ މުހިންމު އަދި ބޮޑު އެއްފިޔަވަޅަކީ މިއީއެވެ. ވިދާދާއެކު ރަކްރާކީ ވަނީ އެފްރިކާގެ ޗެމްޕިއަންސް ލީގު މިއަހަރު ކާމިޔާބުކޮށްފައެވެ. ރަކްރާކީ ހިމެނުނީ މި މުބާރާތް ކޯޗެއްގެ ގޮތުގައި ކާމިޔާބުކުރި މޮރޮކޯގެ ދެވަނަ މީހާ ކަމުގައެވެ. މިއަހަރުގެ ވޯލްޑްކަޕަށް މޮރޮކޯ ކޮލިފައިކޮށްދިން ކޯޗު ބޮސްނިއާގެ ވާހިދު ހަލިލްހޮޒިޗްގެ ބަދަލުގައި މޮރޮކޯގެ ކޯޗަކަށް ރަކްރާކީ ގެނައުމަށް އެސޯސިއޭޝަނުން ނިންމީ ވިދާދު އޭސީއާއެކު ރަކްރާކީ ހޯދި ކާމިޔާބީ ފެނިފައެވެ. އަދި މޮރޮކޯގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އަހަރުތަކެއް ހޭދަކޮށް ގައުމީ ޓީމުގެ އެތެރެއާއި ބޭރު އެންމެ ރަނގަޅަށް އެނގޭ މީހަކަށް އޭނާ ވާތީއެވެ.

ވޯލްޑްކަޕް އެހާ ކައިރިވެފައިވަނިކޮށް ރަކްރާކީއާ ޓީމު ހަވާލުކުރުމަކީ މޮރޮކޯގެ ބައެއް ތަޖުރިބާކާރުންނާއި ބައެއް ސަޕޯޓަރުންވެސް އެހާ ގަޔާވި ކަމެއްކަމުގައި ނުވިއެވެ. ވަރަށް ބޮޑެތި ފާޑުކިޔުންތައް އޭނާއަށާއި މޮރޮކޯގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އަމާޒުކުރިއެވެ. ވަރަށް ގިނަބަޔަކު ބުންޏެވެ. ރަކްރާކީއަކީ އެއްވެސް މީހެއް ނޫނެވެ. ހަމައެކަނި އެވޮކާޑޯ ބޮލެކެވެ. މިއީ ބޯ އޮމާންކޮށްފައި ހުންނާތީ ކިޔާފަައިވާ ނަމެއްކަން ނުވަތަ އެތެރޭގައި ސިކުނޑިއެއް ނެތޭ ބުނުމުގެ ގޮތުން ކިޔާފައިވާ ނަމެއްކަން ކަށަވަރެއް ނޫނެވެ. އެނގޭ އެއްޗަކީ ރަކްރާކީއަށް ނިސްބަތްކޮށް އެވޮކާޑޯ ބޮލޭ ވަރަށް ގިނަބަޔަކު ކިޔާފައިވާ ކަމެވެ. ވޯލްޑްކަޕް ފެށުނުއިރުވެސް ކިޔަމުންއައީ އެހެންނެވެ. އެކަމަކު ފުރަތަމަ މެޗާއެކު އެކަން ބަދަލުވެއްޖެއެވެ. މިހާރު އެއީ ޖަވާހިރު ބޮލެކެވެ.

ބެލްޖިއަމްގެ މައްޗަށް ކުރިހޯދައި ވޯލްޑްކަޕްގެ ދެވަނަބުރު ޔަގީންކުރި ހިސާބުން ރަކްރާކީ ވަރެއް ނެތެވެ. އޭނާގެ ކޮންމެ ނިންމުމަކީ ރަނެވެ. ކޮންމެ ބުނުމެއްވެސް ރަނެވެ. އެވަރުގެ ކޯޗެެއް މުޅި އެފްރިކާއަކުވެސް ނެތެވެ. މިރޭ ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން ރަކްރާކީ ބުންޏެވެ. ޔޫރަޕުގެ ޓީމުތައް ކުޅޭހެން އެފްރިކާގެ ޓީމުތައް ކުޅުމަކީ ޔޫރަޕު މީހުން ރުހޭކަމެއް ނޫނެވެ. އެމީހުން ހީކުރެއެވެ. އެފްރިކާގެ ޓީމުތައް ފުޓްބޯޅަ ކުޅެނީ މަޖަލަކަށެވެ. ސީރިއަސްކަމެއް ނުހުންނާނެއެވެ. އެގޮތް މިހާރު މާޟީއާއެކުވެއްޖެއެވެ. އަހަރެމެން މިތިބީ ކާމިޔާބީއަށް ފެންބޮވައިގެންފައެވެ. ތާރީޚުގެ އައު ސަފުހާތަކެއް ފަށަން ކެތްމަދުވެފައެވެ. އަހަރެމެންގެ މަގުސަދަކީ ދުނިޔޭގެ ފުޓްބޯޅައިގެ ކުރިބޯއްޓަށް އެފްރިކާ ނަގައިދިނުމެވެ. ވޯލަޑްކަޕަށް އައިސްގެން މިއުޅެނީ އަދަދު ހަމަކުރާކަށެއް ނޫނެވެ. މިއައީ ހަމަސީދާ ތަށި ބޭނުންވެގެންނެވެ.