ވ.ކެޔޮދޫ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު އެރަށު މިނިވަން އައްސޭރި މުހައްމަދު އަޝްރަފަށް ނުދިން މައްސަލައިގައި ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ޖަވާބުދާރީވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ކެޔޮދޫ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު ހޯދަން ސީއެސްސީން 28 ސެޕްޓެމްބަރު 2021 ގައި ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް އަޝްރަފް ކުރިމަތިލައި، އެންމެ މަތިން މާކްސް ލިބިގެން އެ އޭނާ އެމަގާމަށް ހޮވުނު ނަމަވެސް ކެޔޮދޫ ކައުންސިލް އިދާރާގެ ސީނިއާ ކައުންސިލް އޮފިސަރުގެ މަގާމުގައި އޭނާގެ އަނބިމީހާ، އާމިނަތު ނަޝްވާ ވަޒީފާ އަދާކުރަމުންދާތީ އެސްޖީގެ މަގާމަށް އައްޔަން ކުރެވެން ނެތް ކަމަށް ސިވިލްސާވިސް ކޮމިޝަނުން ނިންމުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

ސީއެސްސީން ބުނެފައި ވަނީ އަޝްރަފަށް އެމަގާމު ނުދިނީ ނަޝްވާ އަދާކުރަމުން އަންނަ މަގާމަކީ ސެކްރެޓަރީ ޖެނެރަލް ސީދާ ސުޕަވައިޒް ކުރަން ޖެހޭ ފާރަތަކަށްވާތީ ކަމަށެވެ.

އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އަޝްރަފް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ، ސީއެސްސީގެ އެ ނިންމުމަކީ، ސިވިލް ސާވިސްގެ ގާނޫނާއި، ގަވާއިދާއި ވަޒީފާއާބެހޭ ގާނޫނާއި، ގުޅުންހުރި ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، ކެޔޮދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަޝްރަން އައްޔަންކުރަން ގާނޫނީ ގޮތުން ހުރަހެއް ނެތްކަމަށް ކަނޑައެޅުމަށާއި އެމަގާމަށް އޭނާ އައްޔަނުކުރަން ސީއެސްސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

މި މައްސަލައަށް ޖަވާބުދާރީވަމުން ސީއެސްސީން ބުނެފައި ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ 11 ބާވަތެއްގެ މައްސަލަ އެ ޓްރައިބިއުނަލްގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އަޝްރަފް ހުށަހަޅާފައިވާ މައްސަލައަކީ، އެއްވެސް އެއްބަސްވުމެއް ހަދާފައިވާ މައްސަލައެއްނޫން ކަމަށާއި، ވަޒީފާ ހަމަޖެއްސުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށެވެ. އަދި ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާގައި ދިމާވާ މައްސަލަތަކަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކުރާ، އެ ޓްރައިބިއުނަލުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ މައްސަލައެއްކަމަށް މީގެ ކުރިންވެސް އެ ޓްރައިބިއުނަލުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ މައްސަލައަށް ސީއެސްސީން ޖަވާބުދާރީ ވެފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ޓްރައިބިއުނަލުން ނިންމި ނިންމުގައި ބުނެފައި ވަނީ، ވަޒީފާއާބެހޭ އެއްވެސް ކަމެއްގައި، އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެއް ކަމަށެވެ.

އެހެންކަމުން ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން މީހަކަށް ލިބިދޭ ހައްގަކަށް އުނިކަމެއް ލިބޭ އަމަލެއް ހިންގައިފިނަމަ، ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ފަރާތަކަށް ލިބިގެންވާ ކަމަށާއި، އެގޮތަށް ހުށަހެޅޭ ޝަކުވާއަކީ ސައްހަ ޝަކުވާއެއްކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ ވަޒީފާއާބެހޭ ގާނޫނުގެ ގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ޓްރައިބިއުނަލަށް ނެރެވިދާނެކަމަށެވެ. އެހެންކަމުން މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި ޖަވާބުދާރީވުމަށް ސީއެސްސީގެ މައްޗަށް އަމުރު ކުރާކަމަށް ވެސް ޓްރައިބިއުނަލުން ބުނެފައިވެއެވެ.