މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ އަންހެނުންގެ ވިންގުގެ ލީޑަރު ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުވާން އަންގައިފި އެވެ.

އޭސީސީއަށް ހާޒިރުވާން ދުންޔާ އަށް އެންގީ މިއަދު 11:00 އަށެވެ. އެކަން ދުންޔާ ވަނީ "ވަން" އަށް މިއަދު ކަށަވަރުކޮށްދެއްވައިފައެވެ.

ދުންޔާ ވިދާޅުވީ، މިއީ އެ މައްސަލައިގައި އޭސީސީއަށް ހާޒިރުވާން އެންގި ފުރަތަމަ ފަހަރު ކަމަށެވެ.

ދުންޔާ އޭސީސީއަށް ހާޒިރުކުރުމަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުގައި އެކަމަނާ އޭސީސީއަށް ހާޒިރުކުރަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެމްއެމްޕީއާރްސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ ދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށްދޫކޮށްގެން ލިބުނު ފައިސާއަށްވެސް ހިޔާނަތްތެރިވާ ކަމަށް ތުހުމަތުކުރެވޭއިރު އެ ފައިސާ ދުންޔާއަށްވެސް ލިބުނު ކަމަށް ބެލެވޭ މައްސަލައިގައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަގުގީގުކޮށް އެކަމުގައި ހިމެނޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލި ޖޮއިންޓް ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ. އެ ލިސްޓު ކަމަށް ބުނާ ލިސްޓެއް އޭރު ލީކުވެފައިވެސް ވެއެވެ. އެ ލިސްޓުގައި ކުރީގެ ސަރުކާރާއި މިހާރު މި އޮތް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި މިހާރު ތިއްބެވި ބައެއް މެންބަރުން ހިމެނޭހެން 281 މީހެއްގެ ނަން އޮތެވެ.

އެ ލިސްޓްގައިވާ ގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދުންޔާއަށް ދެ ލައްކަ ރުފިޔާ ނުވަތަ 13،000 ޑޮލަރު ލިބިފައިވެއެވެ.

އެކަމާ ގުޅިގެން މީގެ ކުރިން ދުންޔާ ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެކަމަނާގެ އެއްވެސް މިންވަރެއްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.