އޭޑީކޭ ހޮސްޕިޓަލުގެ ދެމުން ގެންދާ ހިދުމަތްތަކުގެ އަގުތައް ބޮޑު ކުރަން ނިންމައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަގުތައް ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒަރުގައި ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ކަމަށެވެ.
"2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވަނީ ބޮޑުވެފަ. އެގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ހިންގުމުގެ ހަރަދުތައްވެސް އެތައް ގުނައަކަށް ވަނީ ބޮޑުވެފައި،" އޭޑީކޭއިން ބުންޏެވެ.
ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ހޮސްޕިޓަލުގެ ހިދުމަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލު މެއިން ކައުންޓަރުން ސާފުކުރެވެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލަކީ ވަރަށް ގިނަ ފަރާތްތަކަކުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.