ކުޅިވަރު

ޔޫސުފް އައްނަސީރީގެ ގޯލަކީ އުސްފުންމުމުގެ ރިކޯޑެއް- ދިރާސާ

އިމާދު ލަތީފު

2

ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ޕޯޗުގަލް ކޮޅަށް ލަނޑުޖެހި މޮރޮކޯގެ ފޯވާޑް ޔޫސުފް އައްނަސީރީ ފުންމައިގެންއެރި އުސްމިނަކީ 2019 ވަނަ އަހަރު އިޓަލީގެ ލީގުގައި ސެމްޕްޑޯރިޔާ ކޮޅަށް ގޯލްޖަހަން ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފުންމައިގެންއެރިވަރަށްވުރެ 9 އިންޗި މަތި ކަމަށް ދިރާސާކުރާ މީހުން ބުނެފިއެވެ.

މިހާތަނަށް މީހުންނަށް ގަބޫލުކުރެވިފައި އޮތީ ރޮނާލްޑޯ ފުންމައިގެންއަރާ ބޮލުންޖެހި އުސްމިންކަމަށްވާ 8 ފޫޓު 4 އިންޗިއަކީ ފުޓްބޯޅަ ދަނޑެއްގައި ރިކޯޑެއް ކަމުގައެވެ. އެކި އެންގަލްތަކުން ބަލައި ދިރާސާކުރުމަށްފަހު ތަޖުރިބާކާރުން މިހާރު ބުނަނީ ޔޫސުފް އައްނަސީރީ ފުންމައިގެންއެރީ 9 ފޫޓު އެއްއިންޗިއަށް ކަމުގައެވެ.

ޔޫސުފް އައްނަސީރީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިސްކޮޅު އެއްވަރެވެ. ދެމީހުންގެ އިސްކޮޅަކީވެސް ހަފޫޓު ދެއިންޗިއެވެ. ޕޯޗުގަލް ކޮޅަށް އައްނަސީރީ ގޯލްޖެހީ މަތިމަތިން ޔަހުޔާ ޢަޠިއްޔަތު ﷲ ނަގައިދިން ހުރަހެއްގައި ޕޯޗުގަލްގެ ކީޕަރު ކޯސްޓާ އާއި ޑިފެންޑަރު ރުބެން ޑިއާޒްއަށް ވުރެ މައްޗަށް ފުންމައިގެން އަރައެވެ.

މީގެ ތިން އަހަރު ކުރިން އިޓަލީގެ ލީގުގައި ސެމްޕްޑޯރިޔާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލްޖެހީ އެލެކްސް ސަންޑްރޯސް މަތިމަތިން ނަގައިދިން ހުރަހެއްގައި ފުންމައިގެންއަރާ ބޮލުން ޖަހައެވެ. މިހާތަނަށް ކުޅުންތެރިޔަކު އެންމެ މައްޗަށް ފުންމައިގެންއަރާ ޖެހި ގޯލަކީ އެއީކަމަށް މަޝްހޫރު ވެފައިވެއެވެ. ރޮނާލްޑޯގެ ރިކޯޑް މުގުރާލި ޔޫސުފް އައްނަސީރީއަކީ ވޯލްޑްކަޕުގައި މޮރޮކޯއަށް އެންމެ ގިނައިން ގޯލަޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާގެ ކުލަބަކީ ސްޕޭނުގެ ސެވިއްޔާއެވެ.