ގއ. މާމެންދޫ އުތުރުފަރާތު ގޮނޑުދޮށުން 300 އެއްހާ އަކަފޫޓު ގިރައިގެން ގޮސްފައިވާއިރު، އެކަމަށް ހައްލެއް ހޯދޭނެ ގޮތެއް ނުފެނުނު ކަމަށްބުނެ ކައުންސިލުގެ ޖަލްސާ ގިރާ ސަރަހައްދުގައި ބާއްވައިފިއެވެ.

މާމެންދޫ ކައުންސިލުގެ މިއަދުގެ ޖަލްސާ ބޭއްވީ ސީދާ ގިރާ ސަރަހައްދުގެ ގޮނޑުދޮށުގައެވެ. ކައުންސިލުގެ މަގުސަދަކަށް ވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް މި މައްސަލަ ގެނައުން ކަމަށް އެ ކައުންސިލުން ބުނެއެވެ.

މާމެންދޫ ކައުންސިލުގެ ރައީސް އަހުމަދު އަޒީޒު ވިދާޅުވި ގޮތުގައި މާމެންދޫގެ ރަށްގިރުމުގެ މައްސަލައަކީ އެތައް ޒަމާނެއްވަންދެން ހައްލު ނުލިބި އޮތް މައްސަލައެކެވެ. އެރަށަކީ ދެކޮޅުންވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވާ ރަށެއް ކަމަށާއި ރަށުގެ ދެކުނު ފަރާތުންވެސް ގިރާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަހުމަދު ފާހަގަކުރެއްވި ގޮތުގައި އުތުރު ފަރާތުން ރަށްގިރަމުންދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ. އެރަށާއި ޖެހިގެން އޮންނަ، ގއ. ކޫއްޑޫ ބިންހިއްކުމުގެ މަސައްކަތް ފެށިފަހުން މާމެންދޫ އުތުރު ފަރާތް ގިރަމުން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަންދާޒާ ކުރެވޭ ގޮތުގައި މިދާ ސްޕީޑުގައި ގިރަމުންދާތާ 8 ވަރަކަށް އަހަރުވެދާނެ. އަޅުގަނޑުމެން ކަމާބެހޭ ހުރިހާ ފަރާތްތަކަށް ސިޓީބިޓީ ފޮނުވައިގެން އޭގެން އެެއްވެސް އެކަށޭނެ ޖަވާބެއް ނުލިބުނު. އެހެންވެ މިއަދުގެ ޖަލްސާ މިބޭއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް މިކަން ގެނައުމަށް. ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މިކަމަށް ދެއްވާފައިވަނީ ބީރުކަންފަތެއް." އޭނާ ވިދާޅުވި އެވެ.

އަހުމަދު ފާހަގަކުރެއްވި ގޮތުގައި މިހާރު އެރަށު އުތުރު ސަރަހައްދުގެ ގޮނޑުދޮށުން 300 އަކަފޫޓެއްހާތަން އެއްކޮށް ގިރައިގެން ގޮސްފައިވެއެވެ. ކުރިން ރީތި ގޮޑުދޮށެއް ގޮތަށް އޮތް އެތަން މިހާރު އޮތީ ލޮނު އަޑީގައެވެ. ގިރާފައިވާ ސަރަހައްދުގެ ގޮނޑުދޮށާ ގާތްގަނޑަކަށް 50 އެއްހާ އަކަފޫޓު ކައިރީގައި މީހުން ދިރިއުޅޭ ގެތައް ވެސް ހުންނައިރު މުޅި ސަރަހައްދުގެ ވަޅެފެން އެއްކޮށް ލޮނަށް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ ގޮނޑު ދޮށުން މީހުން ދިރުއުޅޭ ސަރަހައްދުން 300 އެއްހާ އަކަފޫޓް ގިރައިގެން ހިނގައްޖެ. އެސަރައްހަދުގައި މީހުނަށް ދިރިއުޅުމަށް ދަތިވެ، ވަޅުފެންވެސް ލޮނުވެ މީހުން ބިރުވެރިކަމެއްގެ ތެރެއަށް މިހާރު ގޮސްފަ މިވަނީ. 300 އެއްހާ އަކަފޫޓު ގިރައިގެން ދިއުމަކީ ރަށަކުން ގެއްލޭ ވަރަށް ބޮޑު ބައެއް. ހެކްޓަރުން ބެލިއަސް ވަރަށް ބޮޑު ބައެއް ރަށުން އެދިޔައީ އުނިވެގެން" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި މިކަމަށް ހައްލެއް ހޯދަން ކައުންސިލުން ކަމާބެހޭ އެތައް ފަރާތަކަށް އެކި ފަހަރުމަތިން ދެންނެވިއްޖެއެވެ. ދާއިރާގެ މެންބަރަށްވެސް ގިރާ ސަރަހައްދު ހަމަލޮލަށް ފެނިވަޑައިގެންފައިވާ އިރު އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާތޯ، ކުރިން އެންވަޔަރްމަންޓް މިނިސްޓަރަކަށް ހުންނެވި މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ސީދާ ގިރާ ސަރަހައްދަށް ގެންގޮސް އެތަން ދެއްކި ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ. 2014 ވަނަ އަހަރުވެސް މާމެންދޫ ކައުންސިލް ރައީސަކަށް ހުންނެވި އަހުމަދު ވިދާޅުވީ އޭރުވެސް ކަމާބެހޭ އިދާރާތަކަށް ސިޓީ މެދުވެރިކޮށް ދަންނަވައި މާމެންދޫ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭން ދަންނަވައި އެކި މިނިސްޓްރީތަކާއި މަޝްވަރާތައްވެސް ކުރެއްވި ކަމަށެވެ. ނަމަވެސް އެކި ފަހަރު މަތިން ދެންނެވުމުންވެސް މިހާތަނަށް ޖަވާބުގައި ލިބުނީ މާޔޫސްކަން އެކަނިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޭރު މިނިސްޓަރަކަށް ހުންނެވި ޑރ. ހުސެން ރަޝީދު މިރަށަށް ކުރެއްވި ދަތުރުފުޅެއްގައި އެތަނަށް ގެންގެސްގެން އެބޭފުޅާ ހަމަލޮލޮން ބެއްލެވުމުގެ ފުރުސަތުވެސް ވާނީ ލިބިފަ. އަމަލީ ސިފައެއް ގެންނާނެ ވާހަކަ ވިދާޅުވި. އެހެން ނަމަވެސް އެކަން ދޫކޮށްލާފައި އޮތްކަމަށް އަޅުގަނޑުމެން މިބަލަނީ. ދާއިރާގެ މެންބަރަށްވެސް މިކަން އެނިގލައްވާނެ އެތަން ފެނިލައްވާނެ. މިރަށު ގޮނޑުދޮށް ހިމާޔަތްކުރުމަށް އެއްވެސް ބަޖެޓެއްގަ އަދި ޖެހޭ ހިސާބުގަ އޮތް ވާހަކައެއް އަޅުގަނޑުމެންނަކަށް ނީވޭ. އަބަދުވެސް އަޑު އިވެނީ އުތުރުގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރާ ވާހަކަ." އަހުމަދު ވިދާޅުވި އެވެ.

މާމެންދޫ އަކީ އުދައަރާ ދުވަސްވަރު އެކަމުގެ ނުރައްކަލާވެސް ކުރިމަތިވާންޖެހޭ ރަށެކެވެ. އެރަށު ކައުންސިލުން އަންނަނީ ރަށްގިރުން ހުއްޓުވަން ރަށުފެންވަރުގައި ކުރެވެން ހުރި މަސައްކަތްއތައް ކުރަމުންނެވެ. އެގޮތުން ރަށުގެ ދެކުނު ސަރަހައްދުގެ ގިރާ ސަރަހައްދުގައި ކޮންކްރީޓުން "ފާރެއް" ރާނާފައިވެ އެވެ. ނަމަވެސް އަހުމަދު ވިދާޅުވި ގޮތުގައި ހުޅަނގު މޫސުމުގެ ވަޔާއި ވިއްސާރަޔާއެކު އެފާރަށްވެސް އޮބިނޯވެ ރާޅުތައް ރަށުގެ ގޮނޑުދޮށާ ހަމަޔަށް އާދެ އެވެ. އަދި އުދައަރާއިރު މީހުން ދިރިއުޅޭ ގެތަކާ ހަމަޔަށް ލޮނު އަރައިގެންދެ އެވެ.

ރަށުގެ އިރުމަތީ ސަރަހައްދުން ގިރަމުންދާ ސަރަހައްދުގައިވެސް ރާޅު މަތަކޮށް، އޮއިވަރު ބަދަލުކޮށްލެވޭނެ ގޮތަކަށް ކޮންކްރީޓް ސްޓްރަކްޗާއެއް ހެދުމަށް އެރަށު ކައުންސިލުން ވަނީ ރާވާފައެވެ. ނަމަވެސް އަހުމަދު ވިދާޅުވި ގޮތުގައި އެއީ ބޮޑެތި ހަރަދުތައް ހިނގާ ކަންކަމަށް ވުމުން އެފަދަ ސްޓްރަކްޗާއެއް އެންމެ އެކަށޭނެ ގޮތަކަށް ހެދުމުގެ މާލީ ގާބިލުކަމެއް ހަގީގަތުގައި ކައުންސިލުގައި ނެތެވެ. މިފަދަ ކަންކަމަކީ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރުވެސް ސަރުކާރަށް ކުރެވޭފަދަ ކަންތައްތަކަށް ވާއިރު ދެފަހަރުމަތިން މާމެންދޫ ބަނދަރުގެ ހެދިއިރުވެސް އެއްވެސް ސަރުކާރަކަށް އެވަރުވެސް ކޮށްނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް ދެކުނުފަރާތު ގިރާ ސަރައްހައްދުގައި އަޅުގަނޑުމެން ވާނީ 200 އެއްހާ ފޫޓަށްވުރެވެސް ދިގު ކޮންކްރީޓް ވޯލެއް ޖަހާފަ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ޖެހޭނީ އަޅުގަނޑުމެންނަށް ލިބެން ހުރި އެއްޗަކުން. ޖެހިޔަސް ވާގޮތަކީ އޭގެ މަތިންވެސް ރާޅު އަރައިގެންދޭ. މިއީ އަސްލު ބަނދަރު ހަދާއިރު ކުރެވިދާނެ ކަންކަން. އެކަމަކު ދެ ފަހަރު ބަނދަރު ހެދިއިރުވެސް މިޔަކަށް ހައްލެއް ނުލިބުނު" އަހުމަދު ވިދާޅުވި އެވެ.

ރަށް ގިރަމުންގޮސް ފެން ތަޣައްޔަރުވެ ލޮނުފެނުން މާމެންދޫ ރައްޔިޔުން ގައިންތާހިރުވާން ޖެހޭ ހިސާބަށް ގޮސްފައިވާއިރުވެސް މީގެ އަހަރުތަކެއް ކުރީން ފެށި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް އަދިވެސް ނިންމާލުވި އޮތުމަކީ ކައުންސިލުގެ އަނެއް ކަންބޮޑުވުމެވެ. 49 މިލިއަން ރުފިޔާއަށް އެސްޖޭއެސް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް 2018 ވަނަ އަހަރު ޖުލައިގައި ފަށާފައިވާއިރު މިހާރު އެ މަޝްރޫއުގެ މަސައްކަތްވެސް މެދުކެނޑިފައި އޮންނަތާ މަހެއްހާ ދުވަސް ވެފައިވާކަމަށް ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ.