ހދ. ނޮޅިވަރަންފަރުގައި އާންމުންގެ ބަޔަކާއެކު ފުލުހުންގެ ޓީމެއް އެ ރަށު ސަހަރާއަށް ވަދެ މަހާނައެއްގެ މަތި ކޮނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަބްދުالله ނަދީމް "ވަން" އަށް މިއަދު ވިދާޅުވީ, ރުގްޔާ ހަދާ ބަޔަކާއެކު ފުލުހުންގެ ޓީމެއް ރަށު ސަހަރާއަށް ރޭ ވަދެ މަހަނާއެއްގެ މަތި ކޮނުނީ އެ ކައުންސިލުގެ ހުއްދަ ނެތި ކަމަށެވެ. އަދި އެކަން ފުލުހުން ކައިރީގައިވެސް ބުނި ކަމަށް ވިދާޅުވިއެވެ.

އެ މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ, އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކައުންސިލުގެ އެހީތެރިކަމާއެކު ސަހަރާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ބުނީ ސަހަރާއަށް ވަނީ ކައުންސިލަށް އެ މައުލޫމާތު ހިއްސާކުރުމަށްފަހު ކަމަށެވެ.

ނަމަވެސް ފުލުހުން ސަހަރާއަށް ވަދެ މަހާނައެއް ކޮނުނީ ހުށަހެޅުނު ކޮންކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް ނުބުނެއެވެ. އަދި އެތަނުން މައްސަލައާ ގުޅުންހުރި އެއްޗެހި ފެނުނުކަމެއްވެސް ނުބުނެއެވެ.