ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ނިމުމުގެ ކުރިން ގަތަރުގެ ސްޓޭޑިއަމްތަކުގެ ތެރެއިން އެއް ސްޓޭޑިއަމް ރޫޅާލުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެއީ ވެރިރަށް ދޯހާގެ ގޮނޑުދޮށުގައި ތައްޔާރު ކުރެވުނު ސްޓޭޑިއަމް 974 އެވެ. މިއީ ފަސޭހައިން ރޫޅާލައި އެހެން ތަނެއްގައި އަލުން ރާވައިލެވޭގޮތަށް 974 ކޮންޓޭނަރު ބޭނުންކޮށްގެން ތައްޔާރުކުރި ވަގުތީ ސްޓޭޑިއަމެކެވެ.
މި ސްޓޭޑިއަމުގައި ވޯލްޑްކަޕުގެ ގްރޫޕް ފިޔަވަހީގެ ހަ މެޗާއި ދެވަނަ ބުރުގެ އެއްމެޗު ވަނީ ކުޅެފައެވެ. ގާތްގަނޑަކަށް ސާޅީސް ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމުގައި އެންމެފަހުން ކުޅުނީ ބްރެޒިލް އާއި ދެކުނު ކޮރެޔާގެ މެޗެވެ. އެ މެޗު ކުޅެ ނިމުމާއެކު ސްޓޭޑިއަމް ރޫޅާލުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
މި ސްޓޭޑިއަމް ބޭނުންވެގެން އެކަމަށް މެކްސިކޯގެ ކުލަބަކުން ވަނީ ޕްރޮޕޯސަލެއް ހުށައަޅައިފައެވެ. އެކަމަކު މި ސްޓޭޑިއަމް ގެންދިއުމަށް ހިނގާނޭ ޚަރަދު ހާމައެއް ނުކުރެއެެވެ. ގަތަރުން ނިންމާފައިވަނީ އެންމެ އެކަށީގެންވާ ޕްރޮޕޯސަލެއް ހުށައަޅާ ފަރާތަކަށް މި ސްޓޭޑިއަމް ހިލޭ ހަދިޔާ ކުރުމަށެވެ. އެހެން ތަނަކަށް ގެންދިޔުމަށް ހިނގާ ޚަރަދުގެ ކޮންމެވެސް މިންވަރެއްގައި އެބަޔަކު ހިފަންޖެހޭނެއެވެ.
މެކްސިކޯއިން މި ސްޓޭޑިއަމް ބޭނުންވެގެން އުޅޭ ކުލަބަކީ އެތާގެ އެންމެ ބޮޑު އެއް ކުލަބް ކަމަށްވާ ކްރުޒް އަޒުލްއެވެ. އެ ކުލަބުގެ އަމިއްލަ ސްޓޭޑިއަމެއް މިވަގުތު ނެތީމާ އެފަދަ ތަނެއްގެ ބޭނުން އޮތީ ވަރަށް ބޮޑަށް ޖެހިފައެވެ. އަމިއްލައަށް ސްޓޭޑިއަމެއް އެޅުމުގެ ބަދަލުގައި ގަތަރުން ހަދިޔާކުރާ ސްޓޭޑިއަމަށް ކުލަބުގެ ވެރިންނާއި ސަަޕޯޓަރުންގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. އެނގިފައިވާގޮތުގައި އެހެން ބައެއް ގައުމުތަކުންވެސް ސްޓޭޑިއަމް 974 ގެންދިއުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. މި ސްޓޭޑިއަމް އެހާ އަވަހަށް ރޫޅައިލީވެސް އެހެންވެގެންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022