ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ރޭންކިންގައި ރާއްޖޭގެ ޒަޔާން ޒަކީއާއި ފާތިމަތު ނަބާހާ (ނަބާ)ގެ މިކްސް ޑަބަލްސް ޕެއާ، ގަދަ 100 އަށް ކުރިއަށް ޖެހިލައިފިއެވެ.
އެންމެފަހުން ބީޑަބްލިއުއެފްއިން އިއުލާންކުރި ރޭންކިންގައި ނަބާއާއި ޒަޔާންގެ ޕެއާ ރޭންކް ކުރެވިފައި ވަނީ 99 ވަނައިގައެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައިވެސް މިކްސް ޑަބަލްސް ޕެއާއެއް، ދުނިޔޭގެ ގަދަ 100 ގެ ތެރޭގައި ރޭންކް ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި ޒަޔާން ވެފައި ވަނީ ބީޑަބްލިއުއެފްގެ ރޭންކިން ގަދަ 100 ގެ ތެރޭގައި ހިމެނުނު ދިވެހި ފުރަތަމަ ފިރިހެން ބެޑްމިންޓަން އެތުލީޓަށެވެ.
ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޒަޔާނާއި ނަބާގެ ޕެއާއަކީ މިހާރުވެސް ގައުމީ ބެޑްމިންޓަން މިކްސް ޑަބަލްސް ޗެމްޕިއަން ޕެއާއެވެ. އެ ޕެއާއިން މިހާރު ވަނީ ޖެހިޖެހިގެން ތިން ފަހަރަށް އެ މަގާމު ހޯދައިފައެވެ. މިއަހަރުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ޒަޔާނާއި ނަބާގެ ޕެއާ ހޯދީ، ފައިނަލުގައި 21-12، 21-10 އިން ސެޓުތައް ގެންގޮސް، އައިމިނަތު ޝަހުރުނާޒް މޫސާއާއި ހަސަން އަފްޝީން ޝަހީމްގެ ޕެއާ ބަލިކޮށްފައެވެ.
މީގެ ކުރިން ރާއްޖޭގެ އަންހެން ޑަބަލްސް ޕެއާ، އެއްމާބަނޑު ދެބެން ކަމަށްވާ ނަބާއާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާވެސް ވަނީ ދުނިޔޭ ރޭންކިންގެ ގަދަ 100 ގައި ހިމެނި ހާއްސަ ޝަރަފެއް ހާސިލުކޮށްފައެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން