"އަހަރެމެންގެ ގައުމުގެ މިނިވަންކަމަށްވެސް ގައުމެއްގެ ގޮތުގައި އެތަކެއް ތަކުލީފެއް ކަޑައްތުކުރިން. އެހެންވީމަ އަހަރެމެންނަކީ ފަހު ނޭވަޔާ ހަމަޔަށްވެސް މަސައްކަތް ކުރާނެ ބައެއް،" ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޑް، ގަތަރު ވޯލްޑް ކަޕް 2022ގެ ކުއާޓާ ފައިނަލަށްފަހު ބުންޏެވެ.
ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗްގެ އުމުރުން އެންމެ ހަ އަހަރުގައި މައިންބަފައިން އަމިއްލަ ވަޒަން ދޫކޮށް، ހިޖުރަކުރިއެވެ. އޭރު އޮތް ހަނގުރާމައިގެ ތެރެއިން ހަމަޖެހުމަށް ހޯދުމަށެވެ. އެއިރު ސާބިއާގެ ސިފައިން މޮޑްރިޗްގެ ކާފަ މަރާލައިފިއެވެ. ކުޑަކުޑަ އިރު މޮޑްރިޗް ޒަޑާރަށް ހިޖުރަކޮށް، ފުޓުބޯޅައިގެ އުހަށް ދަތުރުކުރީ ރެފިއުޖީއެއްގެ ފެށުމުންނެވެ. އެއީ ކްރޮއޭޝިއާގެ އެތައް ކުޅުންތެރިންނެއްގެ ދިރިއުޅުން، ޔޫގޯސްލާވިއާގެ މައްސަލަގަނޑުގެ ތެރެއިން ފެށުނު ގޮތެވެ. ހިތްވަރަކީ ގުދުރަތީ ގޮތުން ކްރޮއޭޝިއާގެ ލޭގައި ހިނގާ އިހުސާސެކެވެ.
"އެއީ އަހަރެމެން އުޅެބޮޑުވި ގޮތް. އަހަރެމެންނަށް ދިން ތަރުބިއްޔަތުގައި ހިތްވަރު ހިމެނޭނެ،" ކްރޮއޭޝިއާއަށް މި ވޯލްޑް ކަޕްގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ބުންޏެވެ.
އަމިއްލަ މިނިވަންކަމުގައި 1998 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕްގައި ވާދަކުރަމުން އަންނަ ކްރޮއޭޝިއާގައި މިހާރު އޮތް "ރަން ޖީލު" ދުނިޔެއަށް ތައާރަފުވެލީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕްކަމާ ހަމައިންނެވެ. އެ ދަތުރާއި މިރޭގެ ސެމީ ފައިނަލަށް އެގައުމުން ކުރި ދަތުރުގައި ބަދަލުނުވާ އެއްކަމެއް އެބައޮތެވެ. ކްރޮއޭޝިއާ ހަމަ ހިލާ ފަހަތަށް ނުޖެހޭނެ ކަމެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން މިރޭގެ ސެމީއަށް ދިޔުމާ ހަމައަށް އެގައުމުން ވޯލްޑް ކަޕް ނޮކްއައުޓްގައި ފަސް މެޗެއް ކުޅެފައިވެއެވެ. އެ ފަސް މެޗުގައިވެސް އިތުރުވަގުތު ކުޅެން ޖެހުނެވެ. ހަތަރު މެޗެއް ދިޔައީ ޕެނަލްޓީއަށެވެ. ކްރޮއޭޝިއާއިން އެ ހަތަރު ޝޫޓްއައުޓްވެސް ކާމިޔާބުކުރިއެވެ. އެއީ އެޓީމު ބަލިނުވާން ފައިވިއްދާލައި، ދައްކާ ހިތްވަރު ދޭހަކޮށްދޭނެ ސާފު ހެއްކެވެ.
ޑިފެންޑަރު ބޯނާ ސޯސާ ބުނާހެން "އެއްވެސް ބަޔަކު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެން ބޭނުމެއް ނުވެ،"އެވެ.
ކުއާޓާގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗަށް އަނެއްކާވެސް ނަޒަރު ހިންގާލަމާ ހިނގާށެވެ. އެ މެޗަށްފަހު ކޯޗު ލަޓްކޯ ޑަލިޗް ކިޔައިދިން ވާހަކައެކެވެ. ކެޕްޓަން މޮޑްރިޗް ވަރުބަލިވާނެ ކަމަށް ހިތައި، ރޮނގު ކައިރިއަށް މޮޑްރިޗް ގެންގޮސް ބަދަލުކުރަން ވިސްނާކަމަށް ޑަލިޗް ބުނި ކަމަށް އޭނާ ބުންޏެވެ. ޑަލިޗް އެހީ މޮޑްރިޗްގެ ހިޔާލަކަށެވެ. ޖަވާބު އަންދާޒާ ކޮށްލާށެވެ.
އެހެން އެހުންވެސް އުމުރުން 37ގެ މޮޑްރިޗަށް ވީ ހިތްވަރަކަށެވެ. ނަތީޖާ ހަމަހަމަ ކުރިއިރުވެސް އޭނާ ވަރުގަދައަށް ކުޅުނެވެ. ޕެނަލްޓީއަށް ގޮސް، ޕެނަލްޓީ ޖަހައި، ދަނޑުން ފޭބީ ކްރޮއޭޝިއާގެ ހަތަރު މިލިއަނެއްހައި މީހުންގެ އާބާދީގެ ހުވަފެންތައް ދަމަހައްޓައިދީފައެވެ. ކޯޗު ޑަލިޗްގެ ނަޒަރުގައި އެއީ "ކްރޮއޭޝިއާގެ ރަމްޒު،"އެވެ. 1998 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށް ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވި އޮތް ނަމަވެސް އެގައުމުން އެ ތާރީހު ފުރިހަމައަށް ބަދަލުކޮށްފިއެވެ. ފުޓުބޯޅައިގެ ހާލަތު ބޮޑުތަނުން ބަދަލުކޮށްފިއެވެ.
ކައިރީގައި އޮތް، އާބާދީގެ ގޮތުން ބޮޑެތި ގައުމުތަކަށްވެސް ނުވެ އޮތް ކަމެއްގައި މާ ކުރިއަށްވެސް ޖެހިއްޖެއެވެ. ނޯވޭއަށް އަދި މި ގަރުނަކު ވޯލްޑް ކަޕެއްގައި ނުކުޅެވެއެވެ. 2002 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އަޔަލޭންޑަށް އަދި ވޯލްޑް ކަޕެއް ނުކުޅެވެއެވެ. އެ ދެގައުމަކީ އާބާދީގެ ގޮތުން ކްރޮއޭޝިއާއަށްވުރެ މިލިއަނުން ބޮޑެތި ގައުމުތަކެވެ. ކިއެއް ހެއްޔެވެ. ކްރޮއޭޝިއާގެ އާބާދީގެ ދެގުނައިގައި އޮތް 2004 ވަނަ އަހަރު ޔޫރޯ ނެގި ގްރީސްއަށްވެސް މިދިޔަ 8 ވޯލްޑް ކަޕްގެ ތެރެއިން ކުޅެވުނީ ދެ ވޯލްޑް ކަޕެއްގައެވެ.
ކްރޮއޭޝިއާގައި އޮތީ އާބާދީއެއް ނޫނެވެ. އެންމެ ފުރިހަމަ ވަސީލަތެއްވެސް ނޫނެވެ. އެގައުމުގެ ފުޓުބޯޅައަކީ ހިތްވަރަށް ބަރޯސާވެފައިވާ ހަރުދަނާ ޕްލޭނެކެވެ. ޔަގީނެވެ. ޕްލޭނެއް ނެތި އެކުރިއެރުމެއް ނުހޯދޭނެއެވެ. އެހެން ނަމަވެސް އެންމެ ބޮޑު ސިއްރަކީ ދިރިއުޅުމުގެ ތަކުލީފުން ހޯދި ހިތްވަރެކެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022