މާދަމާއިން ފެށިގެން އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަން ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓުން މިރޭ ކުރި އިއުލާނެއްގައި ބުނީ، ރަޖިސްޓްރޭޝަން ނަމްބަރު އާންމުކުރަން ނިންމީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރަމުންދާ އެންމެހާ އުޅަނދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުންނާއި، ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމަށް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގަވާއިދާ ހިލާފު އަމަލެއް ހިންގިޔަ ނުދިނުމަކީ ވެސް ވެހިކަލް ރަޖިސްޓްރީ އާންމުކުރަން ނިންމި ސަބަބެއްކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ވެހިކަލް ރަޖިސްޓްރީ ނަމްބަރުތައް އާންމުކުރަމުން ގެންދާނީ ޓްރާންސްޕޯޓުގެ ވެބްސައިޓުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓުން ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކޮށްދޭ މައްސަލަ މިފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބަލައިފައެވެ. އެކަމާ ގުޅިގެން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ ޝިމާޒް އަލީއަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ވެސް ފޮނުއްވައިފައެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ބައެއް ވެހިކަލްތަކުގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މީގެ ކުރިން ބާތިލުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ރަޖިސްޓްރީ ބާތިލުކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ މައްސަލައިގެ ވަގުތީ އަމުރުގައި ވަނީ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރުން މަޑުޖައްސާލަން އަމުރުކޮށްފައެވެ.
ސިވިލް ކޯޓުގެ އެ ވަގުތީ އަމުރު ޓްރާންސްޕޯޓުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު