ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗު ބަލައިލުމަށް ގަތަރަށް ދިއުމަށް "އުރީދޫ ފުޓްބޯލް ފޯރި" ލަކީޑްރޯގެ ހަތަރު ނަސީބުވެރިންނަށް އުރީދޫ މޯލްޑިވްސް އިން ރަސްމީކޮށް މިއަދު ޓިކެޓު ހަވާލުކޮށްފިއެވެ.
އެ ހާއްސަ ލަކީޑްރޯއަކީ ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ކަސްޓަމަރުން ނުވަތަ އެމް-ފައިސާގެ ހިދުމަތުގެ މުއާމަލާތްކުރާ ކަސްޓަމަރުން ހިމެނޭ ގޮތަށް އޮގަސްޓް މަހުގެ ދެވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 31 ގެ ނިޔަލަށް އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިގެން ކުރިއަށްގެންދިޔަ ލަކީޑްރޯއެކެވެ.
އުރީދޫ ފުޓްބޯލް ފޯރި ލަކީޑްރޯގެ ނަސީބުވެރިން އެންމެ ފުރަތަމަ ހޮވާފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. ފުރަތަމަ ހޮވުނު ނަސީބުވެރިންގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތުރު ނުކުރެވޭތީ މިއަދު އަލުން އެ ސްލޮޓުތަކަށް ވަނީ ލަކީޑްރޯއެއް ނަގައިފައެވެ.
އުރީދޫން ބުނީ ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރާއި އަހުމަދު މައުރޫފާއި އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރު ހާފިޒް ސައީދު ކަމަށާއި ނަސީބުވެރިންނަށް ގަތަރަށް ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީގެ މެޗު ބެލުމަށް ސްޓޭޑިއަމްގެ ޓިކެޓު ލިބޭނެ ކަމަށެވެ. އަދި އެ ހަތަރު ނަސީބުވެރިން ގަތަރުގައި ހަތަރު ދުވަހާއި ތިން ރޭ ތިބޭ އިރު، ވޯލްޑް ކަޕް 2022 ގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އުރީދޫން މައުލޫމާތު ދޭ ގޮތުގައި އެ ލަކީޑްރޯއަކީ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕްގެ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގުސަދުގައި ފެށި ގިނަ ހަރަކާތްތަކާއި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.
އެ ލަކީޑްރޯގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ އެކު ހާއްސަ ލަވައެއް ތައާރަފުކޮށްފައެވެ. އޭގެ އިތުރުން އުރީދޫން ވަނީ އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއްވެސް ބާއްވައިފައެވެ. ވޯލްޑް ކަޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫ ފަންޒޯންތައް ވެސް ވަނީ ގާއިމުކޮށްފައެވެ.
އުރީދޫން ބުނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަޖުރިބާ ހޯދުމަށާއި ތަޖުރިބާ އިތުރުކުރުމަށް ކަމަށެވެ. އަދި ހަތަރު ނަސީބުވެރިންނަށް ގަތަރުގައި އުފާވެރި އަދި ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އުރީދޫން ބުންޏެވެ.
ވޯލްޑް ކަޕްގެ ސެމީގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗުގައި މާދަމާ މެންދަމު 12:00 ގައި އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ އިރު، އަންނަ ބުދަ ދުވަހުގެ މެންދަމު 12:00 ގައި ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި މޮރޮކޯއެވެ. އެ މެޗުތަކުން މޮޅުވާ ޓީމުތަކަށް މިމަހުގެ 18 ވަނަ ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބޭނެއެވެ.