ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ސްމާޓް ސިޓީ އިނިޝިއޭޓިވަށް އެއްބާރުލުން ދިނުމަށް ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑުން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވާވޭ އަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާ އާއި ސްމާޓް ޑިވައިސްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީސަފުގައި އުޅޭ އެއް ކުންފުންޏެވެ. މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ވާވޭ އިން އެޗްޑީސީގެ ސްމާޓް ސިޓީ ސޮލިއުޝަންތައް ޑިޒައިންކޮށް ތަންފީޒު ކުރުމަށް ވާވޭގެ ޓެކްނިކަލް ތަޖުރިބާއާއެކު އެހީތެރިކަން ފޯރުކޮށްދޭނެއެެވެ.

އެޗްޑީސީ އަދި ވާވޭއިންވެސް ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެޗްޑީސީގެ ސްމާޓް ސިޓީ އިނިޝިއޭޓިވަށް ތަފާތު ފައިދާތަކެއް ލިބޭނެއެވެ. އަދި ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާއާއި ޑިޖިޓަލް ހައްލުތައް ހޯދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވާވޭގެ ސީއީއޯ ޓާއޯ ގުއާން ޖީޔާއޯ ވިދާޅުވި ގޮތުގައި އެކުންފުނީގެ ތަޖުރިބާގެ އަލީގައި ރާއްޖޭގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އައިސީޓީ) އިންފްރާސްޓްރަކްޗާ އާއި ހައްލުތައް ފޯރުކޮށްދިނުމުގައި 12 އަހަރަށް ވުރެ ދިގު މުއްދަތެއް މިހާރު ހޭދަކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމަޝަން އަވަސް ކުރުމުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ސްމާޓް ސިޓީ، ސްމާޓް ޓޫރިޒަމް އަދި ސްމާޓް އެޑިއުކޭޝަންގެ ދާއިރާއިން އެކުންފުނީގެ ތަޖުރިބާ ހިއްސާ ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ސްމާޓް އަދި ގުޅިފައިވާ ކޮމިއުނިޓީތައް ބިނާކުރުމުގެ ބޮޑު ތަސައްވުރެއް އޮތް އެޗްޑީސީން ދަނީ ސްމާޓްކޮމްގެ ނަމުގައި ހާއްސަ ބްރޭންޑެއްގެ ދަށުން ހުޅުމާލެ ޑިޖިޓަލް ދާއިރާއިން ކުރިއަރަމުން އަންނަ ސްމާޓް ސިޓީއަކަށް ހެދުމަށް މަގުފަހިކޮށްދެމުންނެވެ. ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް މެދުނުކެނޑި އިންވެސްޓްކޮށް، ދެމެހެއްޓެނިވި އާބަން ޑިވެލޮޕްމަންޓް ގެނައުމަށް އާ ޓެކްނޮލޮޖީތަކާއި ސްމާޓް ސޮލިއުޝަންތައް ދެނެގަނެ އިޖުތިމާއީ ބައިވެރިވުން ކަށަވަރުކޮށް، މޮބިލިޓީ އިތުރުކޮށް، ރައްކާތެރި، ސާފު މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.