ތިލަމާލެ ބުރިޖުގެ އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި އެ ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން ބަދަލުގައި 64 މިލިއަން ރުފިޔާ ދައްކަން އެ ކުންފުންޏަށް އެންގި އެންގުން އިސްތިއުނާފުކޮށްފިއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރަމުން އައި އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ 11 ދުވަސް ފަހުން ޕްލެޓްފޯމް ފުންކުރުމުން އީޕީއޭއިން ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށްފަހު ނިންމީ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން 64 މިލިއަން ދިވެހި ރުފިޔާއިން އެފްކޮންސް ޖޫރިމަނާ ކުރުމަށެވެ.
އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެފްކޮންސްއަށް މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެންގިއެވެ.
އެ މުއްދަތު މާދަމާއަށް ހަމަވާއިރު އެފްކޮންސް އިން ވަނީ ޖޫރިމަނާ އިސްތިއުނާފު ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހަޅައިފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، އެފްކޮންސްއިން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޑިއު ޕްރޮސެސް ނިމުމުން އިތުރު ތަފުސީލު ހާމަކުރާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި، އެފްކޮންސް އިން އެ މައްސަލަ އިސްތިއުނާފުކުރީ އިއްޔެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު