ދީން

އިސްލާމީ ރިޔާސަތާއި ޖިހާދުގެ ޙުކުމް - 2

އަބްދުﷲ ފާރޫގް ހަސަން

އަސްލު ލިޔުއްވީ: ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ

ތަރުޖަމާ: ޢަބްދު اللّـه ފާރޫޤު ޙަސަން

----------

މި މާތް އާޔަތުގައިވަނީ އިސްލާމްދީނާއި ސިޔާސީ ބާރާ ހުރިގުޅުމަށްވެސް އިޝާރަތްކުރައްވައިފައެވެ. ޖިހާދުގެ މަޢުނަވިއްޔަތުވެސް މިއާޔަތުން ވިސްނައިގަނެވެއެވެ. ބޭރު ޤައުމުތަކަކީ މުސްލިމުންނާ މުޢާހަދާކޮށްފައިވާ ޤައުމުތަކެއް ކަމުގައިވާނަމަ (މިސާލެއްގެގޮތުން ދަންނަވާނަމަ އދ. ގެ ޗާޓަރުގައި ސޮއިކޮށްފައިވާ ޤައުމުތަކަކީ އެއްޤައުމު އަނެއް ޤައުމެއްގެ މުޢާހަދު ޤައުމުތަކެވެ. އެއިން އެއްޤައުމަކަށްވެސް އަނެއްޤައުމަކަށް ޙަމަލައެއް ނުދެވޭނެއެވެ.) އެހެންނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މިދައުރުގައި ތަޤްރީރާއި ލިޔުންތައްފަދަ ލިޓްރެޗަރގެ ޒަރީޢާއިން އިސްލާމީ ދަޢުވަތުގެ މަސައްކަތް ހިންގައިލެވިދާނެއެވެ. އެހެންކަމުން އިސްލާމީ ކޮންމެ ޤައުމެއްގެވެސް އެންމެފުރަތަމަ ނުވަތަ އެންމެ އަހަންމިއްޔަތުދޭ ކަމަކަށް ހަދާންޖެހެނީ ދުނިޔޭގެ ޤައުމުތަކަށް އެޤައުމުތަކުގެ ބަހުރުވައިން އިސްލާމީ ދަޢުވަތު ފޮނުވަމުންގެންދިޔުމެވެ. މި މަސައްކަތް ކުރަމުން ނުގެންދާ ޤައުމުތަކަކީ ޙަޤީޤީ މާނައިގައި އިސްލާމީ ޤައުމުތަކަކަށެއް ނުވާނެއެވެ. އެހެނީ އަރަހުށި މާތް اللّــه މުސްލިމުން ބިމުގައި ބާރުވެރިކުރެއްވި (تمــكــين فـــى الأرض) އަސްލު މަޤްޞަދަކީ އިސްލާމީ ދަޢުވަތު ދިނުމެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރުމުގެ އެންމެ މަތިވެރި ގޮތަކީ އެއީއެވެ.

ޖިހާދުގެ މައިދާނުގައި ކުރިޔަށް ނުކުތުމަށާއި އަޤްދާމީ ޖިހާދުގެ އަހަންމިއްޔަތާއި މާނަވިއްޔަތު ވިސްނައިގަތުމަށްޓަކައި ކޮންމެހެން ބޭނުން އެއްކަމަކީ އިސްލާމްދީނަކީ އިންސާނިއްޔަތުގެ ސަލާމަތުގެ ޒަރީޢާއެއްކަން އިންސާނާ ވިސްނައިގަތުމެވެ. އެކަން ވިސްނައިނުގަނެވިއްޖެކަމުގައިވާނަމަ ޖިހާދުގެ މަޢުނަވިއްޔަތު ވިސްނުމަކަށް ނުގެނެވޭނެއެވެ. އެހެނީ އަރަހުށި މާތް اللّــه އެދިވޮޑިގެންވަނީ ޝިރުކުގެ ނުބައި ނަތީޖާއިން އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށެވެ. ހަމައެފަދައިން އިސްލާމްދީނުގެ ނަބިއްޔާ صـلّــــى اللّــه عـلـيــه وسـلّـــم އެންމެބޮޑަށް ލޯބިކުރެއްވި ކަމަކީވެސް އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމެވެ. އެހެންކަމުން އެމާތް ސާހިބާގެ އެދިވަޑައިގެންނެވުމަކީ ދުނިޔޭގައި އިސްލާމްދީނުގެ ބަސް މަތިވެރިވުމެވެ. އިސްލާމްދީނުގެ މަނަސް ހިނގުމެވެ. ނަފްސިއްޔާތީ ބާރެއްގެ ޙައިސިއްޔަތުންނެވެ. ކުޑަވެސް ގަދަދެއްކުމެއް މަޖުބޫރުކުރެވުމެއްނެތި ހިތުން ރުހުމުން މީހުން އެދީން ޤަބޫލުކުރަން ތައްޔާރުވުމެވެ. މިޒަމާނުގައި ހުޅަނގުގެ ތަހުޒީބުގެ މަނަސް ހިނގާގޮތަށެވެ. މީހުން އަމިއްލަ އިޚްތިޔާރުގައި ހުޅަނގުގެ ތަހްޒީބު ޚިޔާރުކުރާ ފަދައިންނެވެ. އިސްލާމްދީން ޤަބޫލުކުރުމުގެ މައްސަލައިގައިވެސް ބޭނުންވަނީ މީހުންގެ ހިތް އަތުލުމެވެ. އެމީހެއްގެ ނަފްސިއްޔާތު އެދި ގޮވާކަމެއްގެ ޙައިސިއްޔަތުން މީހުން އިސްލާމްދީނަށް ވަނުމެވެ.

މިޒަމާނުގައި އެންމެ މުހިންމު ޖިހާދަކީ ޤަލަމުން ކުރާ ޖިހާދެވެ. އާދެ، ދުނިޔޭގެ ހުރިހައި ބަސްބަހަކުންވެސް ބާރުހުރި އިސްލާމީ ލިޓްރެޗަރ ތައްޔާރުކޮށް ޣައިރު މުސްލިމުންނާ ހަމައަށް ފޮނުވުމެވެ. ޣައިރު މުސްލިމުންނަށް އިސްލާމްދީން ތަޢާރުފުވެ ހިތުން ރުހުމުން އިސްލާމްދީނަށް ވަންނާނެ ގޮތުންނެވެ. އިބިލީސް ބަލިކޮށްލުމަށްޓަކައެވެ. އޭނާ ވަނީ އިންސާނުން ނަރަކައަށް ވައްދާނެކަމަށާއި، އިސްލާމްދީނާ ދުރުކުރުވާނެކަމުގައި ހުވާކޮށް ގޮންޖަހައިފައެވެ.

ޖިހާދާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"ފިތުނަވެރިކަމާއި، ކާފަރުކަންހުއްޓި، މުޅިދީންވަނީ، اللّـــه އަށްޓަކައި ކަމުގައިވެއްޖައުމަށްދާންދެން، ތިޔަބައިމީހުން އެ ކާފަރުންނާ ހަނގުރާމަކުރަމުން ގެންދާށެވެ." (الأنــفــــال: 39)

މުސްލިމުންގެ ރަންޒަމާނުގައި މުސްލިމުން ޤައުމުތައް ފަތަޙަކުރީ މުސްލިމުންގެ އަމްބަރާޠޫރިއްޔަތުގެ ސަރަޙައްދު ފުޅާކުރާކަށެއް ނޫނެވެ. މުސްލިމުން ރަށެއް ފަތަޙަކުރާއިރު މަޤްޞަދަކަށް އޮންނަނީ އެރަށަކަށް އިސްލާމީ ދަޢުވަތު ވާޞިލުކުރުމެވެ. ފަތަޙަކުރެވޭ ޤައުމުތަކުގެ މީހުންގެ ހިތްތަކަށް އިސްލާމްދީނުގެ ފުރިހަމަ ތަޢުލީމާތުތަކުގެ ސަބަބުން ނުހަނު އެދެވޭ އަސަރުތަކެއް ފޯރުވުމެވެ. މުސްލިމުންގެ ނަސުރުވެރިކަމުގެ ސަބަބުން އެބައިމީހުންގެ ހިތްތަކުގައި ޖެހިލުންވުމުގެ އަސަރު އުފެދުމެވެ. ނަތީޖާއެއްގެގޮތުން ގިނަ އަދަދެއްގެ ބަޔަކު އިސްލާމްވަމުން ދިޔުމެވެ. ބުދަށް އަޅުކަންކުރުމުން މިނިވަންވެ އެއްކައުވަންތަ اللّـــه އަށް އަޅުކަންކުރާން ފެށުމެވެ. ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގެ މާނައިގައިވެއެވެ.

"ޢިއްޒަތްވަނީ اللّـــه އަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭނގެއެވެ." (المــــنـافـــقــون: 8)

اللّـــه އަށާއި އެކަލާނގެ ރަސޫލާއަށާއި މުއުމިނުންނަށް އެތަނެއްގައި ގަދަކަންލިބި ނަސުރުވެރިވެގެން ނުވާކަމުގައިވާނަމަ އެތަނެއްގައި ހިނގާނީ އިބިލީހުގެ ވެރިކަމެވެ. އޭނާގެ ބާރެވެ. އޭނާ ގެންދާނީ އިންސާނުންގެ މަގުފުރެދުން އިތުރުކުރަމުންނެވެ. އެހެންކަމުން އިސްލާމްދީނުގެ މިޒާޖާ ގުޅެނީ ހުރިހައިތަނެއްގައިވެސް އިސްލާމްދީނަށް ގަދަކަމާއި ނަސުރުވެރިކަން ލިބިފައި އޮތުމެވެ. ޢާންމު އިންސާނުން އެ ނަސުރު ލިބިގެންވާ މުއުމިނުންނަށް ތަބާވުމަށްޓަކައެވެ. ގަދަކަން ލިބިގެންވާ މުއުމިނުންގެ ބޯކޮޅު ބަލަމުން ފަހަތުން ހިނގައިފައި ކުރިޔަށްދިޔުމަށްޓަކައެވެ. އެހެން ކޮންމެކަމަކަށްވުރެ މާތް اللّـــه ގެ ރުހިވޮޑިގަތުން ހޯދަން އިސްކަންދިނުމަށްޓަކައެވެ.

ޖިހާދާ ގުޅިގެން "ދާރުލްޙަރްބު" ގެ އިޞްތިލާޙު ވަނީ ފޮތްތަކުގައި ބަޔާންކުރެވިފައެވެ. ދާރުލްޙަރްބުގެ މަފްހޫމަކީ މުސްލިމުންނާ ދުޝްމިނު ދައުލަތްތަކެވެ. އެ ދައުލަތަކުން މުސްލިމުންގެ މިނިވަންކަމަށް ނުރައްކަލެއް އަތުވެދާނެ ދައުލަތްތަކެވެ. އެ ދައުލަތްތަކަކާ މުސްލިމުންނާ ދެމެދު މުޢާހަދާކުރެވިފައިވާ ދައުލަތްތަކަކީ ދާރުލްޙަރްބެއް ނޫނެވެ. އެފަދަ ދައުލަތްތަކާ ދެކޮޅަށް ޖިހާދުކުރުމަކީ ޞައްޙަކަމެއް ނޫނެވެ.

ޖިހާދާ ބެހޭގޮތުން ވާހަކަދައްކާއިރު، ތިރީގައި މާނަކޮށްފައިވާ އަންނަނިވި އާޔަތަށްވެސް ވަރަށްގިނައިން ޙަވާލާދޭތަން ފެނެއެވެ.

"އަދި އެންމެހައި މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ." (الــتــّــوبــــة: 36)
ހަމައެފަދައިން އަންނަނިވި ޙަދީޘުފުޅަށްވެސް ޙަވާލާދޭތަން ފެނެއެވެ.

"މުޝްރިކުންނާ ހަނގުރާމަކުރާށެވެ. اللّـــه ފިޔަވައި އަޅުކަންކުރެވޭ އެހެންފަރާތެއް ނުވާކަމަށް އެބައިމީހުން އިޢުތިރާފުވެއްޖައުމަށް ދާންދެނެވެ."

ألإمــام أبـــوحــنيــفـــة رحـمـه اللّــه ވިދާޅުވާގޮތުގައި މި އާޔަތާއި ޙަދީޘުފުޅުގައިވެސް މުޝްރިކުންގެ މުރާދަކީ ޢަރަބި މުޝްރިކުންނެވެ. އެހެނީ ޖަޒީރަތުލްޢަރަބުގައި ދެދީނަކަށް ނޯވެވޭނެކަން ކުރީއްސުރެވަނީ އިޢުލާން ކުރެވިފައެވެ. ޢަރަބިކަރައިގެ ބިން އަބަދަށްޓަކައިވަނީ އިސްލާމްދީނަށް ޚާއްޞަކުރެވިފައެވެ. ވެޓިކަންސިޓީ ޢީސާއިއްޔަތަށް ޚާއްޞަކުރެވިފައިވާ ފަދައިންނެވެ. ޢީސާއީން ފިޔަވައި އެހެންބަޔަކަށް ވެޓިކަންގެ މުސްތަޤިއްލު ރަށްވެހިކަމެއް ނުލިބެއެވެ. ވެޓިކަނަކުން ބިމެއް ނުގަނެވެއެވެ.

ألإمــام مـــالـك އާއި إمــام اوزاعــــى އާއި إمــام ثـــورى ވެސް މިތާނގައި "މުޝްރިކުން" މި ލަފުޒު މާނަކުރައްވައިފައިވަނީ ތާރީޚީ ޚާއްޞަ ސިޔާޤަކާ ގުޅުއްވައިގެންނެވެ. މުޝްރިކުންނާ ދެކޮޅަށް ހަނގުރާމަކުރުން ފަރުޟުވަނީ މުޝްރިކުން އިސްވެ މުސްލިމުންނާ ޙަމަލަދިނުމުންނެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގައި ޞަރީޙު ބަސްފުޅުން ވަޙީކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

"އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފުމަށްދާންދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ނުކުރާށެވެ! އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފިނަމަ، ތިޔަބައިމީހުންވެސް (ހަނގުރާމަކޮށް) އެއުރެން ޤަތުލުކުރާށެވެ. ކާފަރުންގެ ޖަޒާވަނީ އެފަދައިންނެވެ." (الــبــقـــــرة: 191)

ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ކައުސާހިބާ صـلّــــى اللّــه عـلـيــه وسـلّـــم ގެ ޙަދީޘުފުޅުތަކާމެދު ވިސްނައިލުމުން އެނގެނީ ޖިހާދު ފަރުޟުވަނީ މުސްލިމުންކަމުގައިވާތީ މުސްލިމުންނާމެދު އަނިޔާވެރިވެވޭ ޙާލަތްތަކުގައިކަމެވެ. އިސްލާމީ ދަޢުވަތުގެ މަގަށް ހުރަސްއަޅައި އެކަން މަނާކުރެވޭހިނދުގައިކަމެވެ. އިސްލާމީ ދައުލަތާ ދެކޮޅަށް ބާރުގެ ބޭނުންކުރެވޭން ފެށުމުންކަމެވެ. އިސްލާމީ ތާރީޚުގެ އެންމެކުރީގެ ދައުރުގެ ޞަފުޙާތައް އުކައިލާއިރު މައްކީ ދައުރުގެ ތޭރަ އަހަރު މުސްލިމުން ހޭދަކުރީ މުޝްރިކުންގެ ތުރާތަކާއި އަނިޔާތައް ބަރުދާސްތު ކުރުމުގައެވެ. ވަޒަން ދޫކޮށް މަދީނާއަށް ހިޖުރަކުރުމުން މުސްލިމުންގެ އެއައު ވަޒަނުގައިވެސް މުޝްރިކުން މުސްލިމުން ހިމޭނުން ތިއްބަކަނުދިނެވެ. މައްކާގެ މުޝްރިކުން ގެންދިޔައީ މެދުކެނޑުމެއްނެތި މަދީނާއަށް ޙަމަލަދެމުންނެވެ. މައްކާގެ މުޝްރިކުން މަދީނާގެ ޔަހޫދީންވެސް އެބައިމީހުންގެ ޢުދުވާނީ ރޭވުމުގައި ބައިވެރިކުރުވައިފިއެވެ. މުސްލިމުން މުޝްރިކުންނާމެދު ޚިޔާރުކުރި ހަރުކަށި މައުޤިފު ޚިޔާރުކުރީ ކީއްވެގެންކަން މިދެންނެވި ފަސްމަންޒަރުގައި ވިސްނައިލުމުން ސާފުކޮށް އެނގެއެވެ.

ޖިހާދުގެ ޝަރުޠުތަކުގެ ތެރެއިން އެއް ޝަރުޠަކީ މުސްލިމުންގެ ވާލީއެއް ނުވަތަ ގަވަރުނަރެއް ނުވަތަ އަމީރެއްގެ ބެލެހެއްޓެވުމުގެދަށުން ޖިހާދުކުރުމެވެ. ޤައުމަކާ ނުވަތަ ދައުލަތަކާ ނުވަތަ ބަޔަކާ ދެކޮޅަށް ޖިހާދު އިޢުލާން ކުރެއްވުމަކީ އިސްލާމީ ރިޔާސަތެއްގެ ކަމެކެވެ. ހަނގުރާމަ ފެށުމުގެކުރީން އިސްލާމްދީނަށް ދަޢުވަތުދޭންވެސް ޖެހެއެވެ. އިސްލާމްދީން ޤަބޫލުކުރުމަކީ ތިމާ ޤަބޫލުކުރާ ފިރުޤާއެއްގެ ފިކުރިއްޔާތު ޤަބޫލުކުރުމެއް ނޫނެވެ. އިސްލާމީ ދަޢުވަތު ޤަބޫލުކޮށްފިކަމުގައިވާނަމަ ނުވަތަ އިސްލާމީ ދަޢުވަތު ފެތުރުމަށް ހުރަހެއް ނެތްކަމުގައިވާނަމަ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމެއްވެސް ނެތްކަމަށްވާނަމަ އިންސާނީ ލޭގެ އަގުހެޔޮކޮށް ލެއިން ފެންކުޅި ކުޅޭކަށެއް ޖާގައެއްނެތެވެ.

ޖިހާދުގެ ލާޒިމީ ޝަރުޠުތަކުގެ ތެރެއިން އެއް ޝަރުޠަކީ ކީރިތި ޤުރްއާނުގެ އަންނަނިވި އަމުރުފުޅަށް ޢަމަލުކުރުމެވެ.

"އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ. އަދި އަސްތައް ބަނދެ (ކައިދާ އަޅުވައި) ތައްޔާރުކުރާށެވެ! އެކަމުން اللّــه ގެ ޢަދުއްވުންނާއި ތިޔަބައިމީހުންގެ ޢަދުއްވުންނާއި އެއުރެން ނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. އެބަޔަކު ތިޔަބައިމީހުންނަކަށް ނޭނގެތެވެ. اللّــه އެބަޔަކު ދެނެވޮޑިގެންވެތެވެ." (الأنــفــــال: 60)

ޤަބޫލުކުރަމާ ހިންގަވާށެވެ. ހަތިޔާރު އުފެއްދުމާއި ހަތިޔާރު ގެންގުޅުމަކީވެސް މިޒަމާނުގައި ފަރުދީ ޒިންމާއެއް ނޫނެވެ. އިސްލާމީ ދައުލަތުން ކުރާންޖެހޭ ކަމެކެވެ.